ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާއި ގުޅިގެން ހޯދަމުންދާ މީހަކު ހައްޔަރުކުރުމަށް، ދިވެހި ފުލުހުންގެ ޚިދުމަތުން އިންޓަޕޯލް މެދުވެރިކޮށް ރެޑް ނޯޓިސް ނެރެފިއެވެ.
މި މައްސަލައާ ގުޅިގެން ރެޑް ނޯޓިސް ނެރެފައިވަނީ ފ. ނިލަންދޫ / ރާހި، އިޒްޔާން ޢަބްދުލްޙަމީދު (38އ) ހޯދުމަށެވެ. ރެޑް ނޯޓިސްއަކީ ތަޙުޤީޤަށް ހާޒިރުކުރުމަށް ނުވަތަ ޤާނޫނީ ފިޔަވަޅު އެޅުމަށް ހޯދާ ފަރާތްތަކުގެ މައުލޫމާތު އާންމުކުރުމަށް ނެރޭ ނޯޓިސްތަކެކެވެ.
ފުލުހުން ވިދާޅުވީ، މި މައްސަލަ ފުލުހުންގެ އިދާރާއަށް ރިޕޯޓް ކުރުމުން މައްސަލައިގެ ތުހުމަތުކުރެވޭ އިޒްޔާން ރާއްޖެއިން ބޭރަށް ފުރާފައިވާ ކަމަށެވެ. އަދި އޭނާ މިހާރު އުޅޭ ތަނެއް މިހާތަނަށް އެނގިފައިނުވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައިވުމާއިއެކު މިހާރު އޭނާ ހޯދުމަށ،ް ބައިނަލްއަޤުވާމީ ޤާނޫނު ތަންފީޒުކުރާ އިދާރާތަކުގެ އެހީތެރިކަން ލިބޭނެއެވެ. އަދި ކުށުގެ ތުހުމަތުކުރެވޭ ފަރާތްތައް ހޯދައި ޤާނޫނީ އިޖުރާއަތްތަކުގެ ތެރެއިން އޭނާ ހައްޔަރުކުރުމަށް މިކަމުގެ ސަބަބުން މަގުފަހިވާނެއެވެ.