މެޗުގެ ދެ ކޮޅުގައި ޖެހި ދެ ލަނޑާއެކު ލިވަޕޫލުން ޗެމްޕިއަންސް ލީގުގެ ތަށި ހަވަނަ ފަހަރަށް އުފުލާލައިފިއެވެ.
މިރޭ ކުޅުނު ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު ލިވަޕޫލް ކާމިޔާބުކުރީ ޕްރިމިއަރ ލީގުގެ ވާދަވެރި ޓޮޓްނަމް ދޭއް ސުމަކުން ބަލިކޮށްގެންނެވެ. މެޗުގެ ފުރަތަމަ ލަނޑު މެޗުގެ ދެވަނަ މިނެޓުގެ ތެރޭގައި ލިބުނު ޕެނަލްޓީއަކުން ލިވަޕޫލަށް ޖަހައިދިނީ ފޯވާޑް މުހައްމަދު ސަލާޙްއެވެ. އަދި މެޗުގެ ދެވަނަ ލަނޑު މެޗު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް ލިވަޕޫލަށް ޖަހައިދީ މުބާރާތުގެ ޗެމްޕިއަންކަން ޔަގީން ކޮށްދިނީ ދެވަނަ ހާފުގައި ކުޅެން ނިކުތް ފޯވާޑް ޑިވޮކް އޮރީގީއެވެ.
މިއީ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ޓޮޓްނަމް ކުޅުނު ފުރަތަމަ ފަހަރެވެ. އެހެންނަމަވެސް ޔޫރަޕްގެ ގަދަ ބާރެއްގެ ގޮތުގައި ބެލެވޭ ލިވަޕޫލުން ފައިނަލްގައި ޖެހި ޖެހިގެން ކުޅުނު މިއީ ދެވަނަ އަހަރެވެ. މިދިޔަ އަހަރުގެ ފައިނަލުން ލިވަޕޫލް ބަލިވީ ރެއާލް މެޑްރިޑާއި ބައްދަލުކޮށްށެވެ. އަދި މިއީ ލިވަޕޫލާއެކު ތަޖްރިބާކާރު ކޯޗު ޔާގެން ކްލޮޕް ކާމިޔާބުކުރި ފުރަތަމަ މުބާރާތެވެ.
ޖެހި ޖެހިގެން ހަ ފައިނަލުން ބަލިވެފައިވާ ކްލޮޕް ވަނީ ފައިނަލް މެޗަށްފަހު ޓީމާއެކު ވަރަށް ގަދަޔަށް އުފާ ފާޅުކޮށްފައެވެ. މިފަހަރުގެ ޕްރިމިއަރ ލީގު އެންމެ މެޗަކުން ބަލިވެ އެންމެ ޕޮއިންޓެއްގެ ތަފާތުން އަތުން ގެއްލިގެންދިޔަ ލިވަޕޫލްއަށް މިއީ އެކަން ހިތުން ފޮހެލެވޭ ވަރުގެ ކާމިޔާބީއެކެވެ.