ޗެމްޕިއަންސް ލީގުގެ ފައިނަލްގެ ކުރިން ރެއާލް މެޑްރިޑުގެ ޓްރޭނިން ދަނޑު ބޭނުން ކުރަން އެދުމުން އެކަމަށް އެކުލަބުން ހުރަސް އަޅާފައިވާ ކަމަށް ޓޮޓެންހަމުން ބުނި ވާހަކަ ރެއާލްއިން ދޮގުކޮށްފިއެވެ.
ޓޮޓެންހަމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނީ ބުނީ އެކުލަބުން ރެއާލްގެ ދަނޑު ބޭނުން ކުރަން ޔޫއޭފާއިން އެދުމުން ރެއާލް އެއްބަސްނުވި ކަމަށެވެ. އަދި މިއީ ރެއާލްގެ ރައީސް ޕްލޮރެންޓީނޯ ޕެރޭޒްގެ ނިންމުމެއް ކަމަށެވެ.
ސަބަބަކީ ރެއާލް އަށް ކޯޗުކޮށްދޭން އޭނާ ދެކޮޅު ހެދުން ކަމަށެވެ.
ނަމަވެސް ޕޮޗެޓީނޯގެ ވާހަކަ ދޮގުކޮށް ރެއާލްއިން ބުނެފައިވަނީ އެކުލަބުން އަބަދުވެސް ތިބެނީ ޔޫއޭފާގެ އެދޭ ކަންކަމަށް މަރުހަބާ ކިޔަން ކަމަށެވެ.
އަދި ޓޮޓެންހަމުން ޗެމްޕިއަންސް ލީގުގެ ފައިނަލަށް ތައްޔާރުވުމަށް ރެއާލްގެ ޕްރެކްޓިސް ދަނޑު ބޭނުން ކުރަން އެކަމަށް އެދެފިނަމަ ހުއްދަ ލިބޭނެ ކަމަށެވެ.
ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ލިވަޕޫލާއި ޓޮޓެންހަމް ކުޅޭ މެޗު އޮންނާނީ އެތްލެޓިކޯ މެޑްރިޑުގެ ދަނޑުގައެވެ.