ސިޔާސީ

އެމްޕީއެލްގެ ޑޮލަރުގެ މުޢާމަލާތުގެ މައްސަލަ މިމަހުގެ ނިޔަލަށް ނިންމާލެވޭނެ- އޭސީސީ


މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން 13 މިލިއަނަށްވުރެ ގިނަ ޑޮލަރުގަތުމަށް އެކި ފަހަރުމަތިން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އަށް ފައިސާ ދޫކުރި މައްސަލައިގެ ތަޙްޤީޤް މިމަހުގެ ނިޔަލަށް ނިންމާލެވޭނެކަމަށް އެންޓި-ކޮރަޕްޝަންސް ކޮމިޝަން އޭސީސީން ހާމަކޮށްފިއެވެ.

އެމްޕީއެލްއަށް ޑޮލަރު ވިއްކުމަށް އެމްއެމްޕީއާރުސީން ހެދި އެއްބަސްވުމުގެ ދަށުން 13.31 މިލިއަން ޑޮލަރު ވިއްކުމަށް އެއްބަސްވެ، އެއަށްވާ ފައިސާ އެމްއެމްޕީއާރުސީން ހޯދާފައިވާކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރުނު ޚާއްސަ އޮޑިޓް ރިޕޯޓްގައި ބުނެފައިވެއެވެ.

އެ ރިޕޯޓުގައި ބުނެފައި ވަނީ އެމްޕީއެލްއިން ނެގި ފައިސާގެ ތެރެއިން އެމްޕީއެލްއަށް ދީފައި ވަނީ 7.79 މިލިއަން ޑޮލަރު ކަމަށެވެ. އަދި ބާކީ 5.52 މިލިއަން ޑޮލަރު ނުވަތަ 85 މިލިއަން ރުފިޔާ ދައްކާފައި ނުވާކަން އެ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.
އެމްއެމްޕީއާރްސީން ދައްކާފައިވާ ފައިސާއަކީވެސް ރަށްތައް ވިއްކައިގެން ލީސް އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ލިބުނު ފައިސާގެ ތެރެއިން ދެއްކި ފައިސާކަން ވަނީ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައެވެ.

އެ އޮޑިޓް ރިޕޯޓްގައި އެމްއެމްޕީއާރުސީއަށް ޑޮލަރު ގަތުމުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައިވާކަމަށާއި އެމްޕީއެލަށް ލިބެންޖެހޭ ފައިސާ ދައުލަތުން ހޯދަންޖެހޭކަމަށް ބުނެފައިވެއެވެ. މި މައްސަލާގައި ކޮރަޕްޝަން ހިމެނޭކަމަށް ތުހުމަތުކޮށް އޭސީސީން އަންނަނީ އެ މައްސަލަ ބަލަމުންނެވެ.

މި މައްސަލައާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާއި ވާހަކަ ދައްކަވަމުން އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ނާއިބު ރައީސް މުޢައްވިޒް ރަޝީދު ވިދާޅުވީ، އެމްޕީއެލްއިން ޑޮލަރުވިއްކި ދެ ޓްރާންސެކްޝަނަކާމެދު ސުވާލު އުފެދޭކަމަށާއި، އެމައްސަލާގައި އެމްޕީއެލްގެ މުވައްޒަފުންނާއި ސުވާލުކޮށް ބަޔާން ނަގާފައިވާކަމަށެވެ. އަދި އެމައްސަލާގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ ލަފާވެސް ހޯދަމުން އަންނަކަމަށާއި، އެއްވެސް ކުންފުންޏެއްގެ އިހުމާލު އޮތްކަން ޔަޤީންކުރެވޭނީ ރިޕޯޓް އެކުލަވާލާ އެއްކޮށް ނިމުމުންކަމަށް އޭނާ ވިދާޅުވިއެވެ. މުޢައްވިޒް ވިދާޅުވީ، މިމަހުގެ ނިޔަލަށް އެ މައްސަލަ ނިންމާ ރިޕޯޓް އެކުލަވާލެވޭނެކަމަށެވެ.

އެމްޕީއެލްގެ މިހާރުގެ މެނޭޖިންގ ޑިރެކްޓަރ ޝާހިދު ޢަލީ ވިދާޅުވެފައިވަނީ، ޑޮލަރު ގަތުމުގެ ނަމުގައި އެމްޕީއެލްއިން އެޑްވާންސްކޮށް 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދީފައިވާކަން ކުންފުނީގެ ލިޔެކިއުންތަކުން އެނގެން ހުރިކަމަށެވެ. އަދި އެ ފައިސާގެ ތެރެއިން މިހާތަނަށް 70 މިލިއަން ރުފިޔާ ނުލިބޭކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.