ނަފްސް ހިސާބުކުރުމުގައި ހިތާއި ސިކުނޑީގެ ދައުރާއި ގުޅޭގޮތުން އަންހެން ކަނބަލުންނަށް ޙާއްސަ ފޯރަމެއް ބާއްވައިފިއެވެ. އިސްލާމީމަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ކުރިއަށްގެންދިޔަ މި ފޯރަމުގައި އަލްއުސްތާޛާ އަނާރާނައީމް ވަނީ މަޟޫލޫއާ ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެެ.
އަނާރާ ވިދާޅުވީ ފިޠުރީގޮތުން ކޮންމެ ނަފްސަކަށްވެސް ރަނގަޅުގޮތާއި ނުބައިގޮތް ދެނެވޭނެކަމަށެވެ. އެހެންކަމުން ކޮންމެ މީހަކަށްވެސް ނަފްސް އިސްލާހު ކުރަން މަސައްކަތްކުރެވޭނެ ކަމަށާ އެކަމަށް އެކަން ކުރުމަށް މަސައްކަތް ކުރުމަށް އަނާރާ ވަނީ ގޮވާލައްވާފައެވެ. އަނާރާގެ ވާހަކާގައި ތިން ބާވަތެއްގެ ނަފްސް ވާކަން ފާހަގަ ކުރައްވާފައިވއެއެވެ. އޭގެތެރޭގައި ނުބައިކަންތަކަށް ގޮވާ ނަފްސާއި ރަނގަޅުކަންކަން ކުރުމާއެކު ގޯސްކަންކަން ކުރާ ނަފްސުގެ އިތުރުން ރަނގަޅު ކަންކަން ކުރާ ނަފްސްތަކާއި ގުޅޭގޮތުން ވާހަކަ ދައްކަވާފައިވެއެވެ.
ރޭގެ ފޯރަމުގައި ވާހަކަ ދައްކަވަމުން އަނާރާ ނައީމް ވިދާޅުވީ ނަފްސް ހިސާބުކުރުމަށް އީމާންތެރިކަން ވަރުގަދަ ކުރުން މުހިންމު ކަމަށެވެ. އެހެން ކަމުން އީމާންތެރިކަން ހަރުދަނާ ކުރުމަށް މަޢުލޫމާތު ހޯދާ ދަސްކުރުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި އެކި ގިންތީގެ މީހުންނަށް އިޙްތިރާމް ކުރުމަކީވެސް ތިމާގެ ނަފްސް ނޭދެވޭ ކަންތައްތަކާ ދުރުކޮށްލަދޭ ރީތި ސިފައެއްކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
ރޭގެ މައުޟޫއާއި އަދިވެސް ދީނީގޮތުން އުފެދޭ ބައެއް ސުވާލިތަކާ ގުޅޭގޮތުން ފޯރަމްގެ ބައިވެރިންގެ ކުރަން ބޭނުންވާ ސުވާލުތަކަށް ޖަވާބު ދިނުމުގެ ބައެއްވެސް ފޯރަމްގައި ކުރިއަށްގެންގޮސްފައިވެއެވެ. ޕެނަލްގައި ޕެނަލިސްޓުންގެ ގޮތުގައި ހަރަކާތްތެރިވެފައިވަނީ އަލްއުސްރާޛާ އަނާރާ ނައީމްއާއި، އުސްތާޛާ ފާތުމަތު ސާމިރާ އާއި އުސްތާޛާ އާފިޔާ އަބްދުލް ހަކީމްގެ އިތުރުން އުސްތާޛާ އަރޫޝާ މާހިރެވެ.