މޫސުމީ ބަދަލުތަކުގެ ސަބަބުން ދިމާވާ ތަފާތު ކާރިސާތަކުގެ ދަނޑިވަޅުގައި ޞިއްޙީ ރައްކާތެރިކަން ކަށަވަރުކުރުން މުހިއްމުކަމަށް ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އަމީން މިހެން ވިދާޅުވެފައިވަނީ ސުވިޒަލޭންޑުގެ ޖެނީވާގައި މިހާރު ކުރިއަށްދާ "ވާރލްޑް ހެލްތު އެސެމްބްލީ" ގެ 72 ވަނަ ބައްދަލުވުމުގެ ހަވާސާގެ ތެރެއިން ބޭއްވި ރައުންޑް ޓޭބަލް ޑިސްކަޝަނެއްގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅެއްގައެވެ. މި ބައްދަލުވުމަކީ ނޯވޭއިން އިސްނަގައިގެން ދިވެހިރާއްޖޭގެވެސް ބައިވެރިވުމާއެކު ކުރިއަށްގެންދިޔަ ބައްދަލުވުމެކެވެ.
ވައި ނުސާފުވުމާއި، މޫސުމީ ބަދަލުތަކުގެ ސަބަބުން އިންސާނުންގެ ޞިއްޙަތަށްކުރާ ނޭދެވޭ އަސަރުތަކާގުޅޭ ގޮތުން މަޝްވަރާކުރުމަށް ބޭއްވި މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ހެލްތް މިނިސްޓަރ އަމީން ވިދާޅުވީ، މޫސުމީ ބަދަލުތަކުގެ ސަބަބުން ދިމާވާ ތަފާތު އެކި ކާރިސާތަކުގައި ޞިއްޚީ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކާ މިހާރަށްވުރެ ބޮޑަށް ސަމާލުކަން ދޭންޖެހޭކަމަށެވެ. އަދި ކާރިސާގެ ވަގުތުތަކުގައި އަވަސް ފިޔަވަޅުތަކެއް އެޅުމުގެ މުހިއްމުކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.
މިމަހުގެ 20 އިން 28 އަށް ޖެނީވާގައި ކުރިއަށްދާ ވޯލްޑް ހެލްތް އެސެމްބްލީގެ ހަވާސާގެ ތެރެއިން ދޭދޭ ޤައުމުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގެ ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ޤައުމުތަކާއި އެހީދޭ ޖަމްޢިއްޔާތަކުގެ އެހީތެރިކަން ހޯދިދާނެ ދާއިރާތަކާއިގުޅޭގޮތުން މަޝްވަރާކުރުމަށް ތަފާތު ބައްދަލުވުންތައްވެސް އަންނަނީ ބާއްވަމުންނެވެ. އެގޮތުން މިފަހަރުގެ ބައްދަލުވުމުގެ ތެރެއިން ޞިއްޙީ ދާއިރާއިން އެއްބާރުލުން ދިނުމާގުޅޭ އެއްބަސްވުމެއްގައި ކިއުބާ ސަރުކާރާއެކު ދިވެހި ސަރުކާރުން ވަނީ ސޮއިކޮށްފައެވެ.
މިއަހަރުގެ ވާރލްޑް ހެލްތު އެސެމްބްލީގައި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ 194 މެންބަރު ޤައުމުން ބައިވެރިވެފައިވެއެވެ.