ޞިއްޙީ ދާއިރާއިން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ކިއުބާ ސަރުކާރާއެކު ދިވެހި ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ސްވިޒްލޭންޑްގެ ޖެނީވާގައި މިހާރު ކުރިއަށްދާ "ވާރލްޑް ހެލްތު އެސެމްބްލީ" ގެ 72 ވަނަ ބައްދަލުވުމުގެ ހަވާސާގެ ތެރެއިން މިނިސްޓަރ އޮފް ހެލްތު އަބްދުﷲ އަމީން ކިއުބާގެ މިނިސްޓަރ އޮފް ޕަބްލިކް ހެލްތު ޑރ. ހޯޒޭ އެންޖަލް ޕޯޓަލް މިރަންޑާއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިންނެވެ.
މި އެއްބަސްވުމުގެ ދަށުން ކިއުބާއާއި ދިވެހިރާއްޖެ ގުޅިގެން ޑޮކްޓަރުން ރެކްރޫޓް ކުރުމާއި، އިންސާނީ ވަސީލަތް ތަރައްގީ ކުރުމާއި، ބޭހާއި ކާބޯތަކެތި ޓެސްޓް ކުރުމާއި، މައިކްރޯ ބަޔޮލޮޖިކަލް ޓެސްޓްތަކާއި، ކެމިކަލް އަދި އެންވަޔަރަންމަންޓަލް ލެބޯރަޓޮރީ ޓެސްޓްތަކުގެ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އެހީތެރިވުމަށް ވަނީ ހަމަޖެހިފައެވެ.
ކިއުބާގެ ޕަބްލިކް ހެލްތް މިނިސްޓަރާއެކު ބޭއްވި ބައްދަލުވުމުގައި ކިއުބާ ސަރުކާރުން ދިވެހިރާއްޖެއަށް ދެމުންދާ އެހީތެރިކަމަށް ޝުކުރުއަދާކުރައްވާ ޞިއްޚީ ދާއިރާ ހަރުދަނާކުރުމަށް ތަމްރީންގެ އިތުރު ފުރުޞަތު ހޯއްދަވާދެއްވުމަށް މިނިސްޓަރ އަމީން ވަނީ މަޝްވަރާކުރައްވާފައެވެ. މީގެ އިތުރުން ޑޮކްޓަރުންނާއި، ނަރުހުންގެ ސްޕެޝަލައިޒޭޝަން ތަމްރީން ޕްރޮގްރާމްތަކުގެ ފުރުޞަތު ހޯދުމަށްވެސް މިބައްދަލުވުމުގައި މަޝްވަރާކުރެވުނެވެ.
މި މިބައްދަލުވުމުގައި ހެލްތް މިނިސްޓަރ އަމީންގެ އިތުރުން ޖެނީވާގައި ހުންނަ ދިވެހިރާއްޖޭގެ މިޝަންގެ ޕަރމަނަންޓް ރެޕްރެޒެންޓެޓިވް ޑރ. ހާލާ ހަމީދާއި، މިނިސްޓްރީ އޮފް ހެލްތުގެ އިސްބޭފުޅުންނާއި، ޖެނީވާ މިޝަންގެ އިސް މުވައްޒަފުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މިމަހުގެ 20 އިން 28 އަށް ޖެނީވާގައި ކުރިއަށްދާ ވޯލްޑް ހެލްތް އެސެމްބްލީގެ ހަވާސާގެ ތެރެއިން ދޭދޭ ޤައުމުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގެ ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ޤައުމުތަކާއި އެހީދޭ ޖަމްޢިއްޔާތަކުގެ އެހީތެރިކަން ހޯދިދާނެ ދާއިރާތަކާއިގުޅޭގޮތުން މަޝްވަރާކުރުމަށް ތަފާތު ބައްދަލުވުންތައްވެސް އަންނަނީ ބާއްވަމުންނެވެ. އެގޮތުން ހެލްތް މިނިސްޓަރ އަމީންވަނީ ސްޕެއިންގެ ރާނީއާއިވެސް ބައްދަލުކުރައްވާ ތިމާވެއްޓާއި، ޞިއްޙީ ދާއިރާއާއި ހުރި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާ މަޝްވަރާކުރައްވާފައިވެއެވެ.