ޚަބަރު

މާފަރު އަބޫބަކުރު މަރާލިކަމުގެ ކުށުގައި 2 މީހަކު އުމުރަށް ޖަލަށް


ނ.
މާފަރު ހިތްފަސޭހަގޭ ހަސަން އަބޫބަކުރު ރަހީނުކޮށް މަރާލި މައްސަލާގައި ދައުލަތުން
ދައުވާކުރި ދެ މީހުން އުމުރަށް ޖަލަށް ލުމަށް ކްރިމިނަލްކޯޓުން ހުކުމްކޮށްފިއެވެ.



މި
މައްސަލާގައި ދައުލަތުން ދައުވާކޮށްފައިވަނީ ގ. އިރްފާ އަހްމަދު ނައުޝާދާއި، ލ.
އިސްދޫ އެވަރަލާސްޓް މުހައްމަދު ފައިސަލްގެ މައްޗަށެވެ.  ދައުލަތުން މި ދެމީހުންގެ
މައްޗަށްވެސް އުފުލާފައިވަނީ ޓެރަރިޒަމްގެ ދައުވާއެވެ.  މި މައްސަލަ ނިންމާ މިއަދު ކުރިމިނަލްކޯޓުން
އިއްވި ހުކުމްގައި ބުނެފައިވަނީ ދައުލަތުން ހުށެއެޅި ހެއްކާ ގަރީނާތަކާއި މި
ދެމީހުން ތަހްގީގުގައި ދައްކާފައިވާ ވާހަކަތަކާއި ދިމާވާކަމަށެވެ.



ދައުލަތުން
މި ދެމީހުންގެ މައްޗަށް އުފުލި ދައުވާއަށް އެމީހުން އިންކާރްކުރިނަމަވެސް
މުއްދަތުގެ މަޖްލީހުގައާއި ތަހްގީގް ބަޔާންތަކުގައި ކުށަށް އިއުތިރާފްވެފައިވެއެވެ.




ނ.
މާފަރު ހިތްފަސޭހަގޭ ހަސަން އަބޫބަކުރުގެ މަރުގެ މައްސަލާގައި މި ދެ މީހުންގެ
މައްޗަށް ދައުލަތުން ކުރި ދައުވާގައި ބުނެފައިވަނީ މި މީހުން އެގެޔަށް ވަދެ ހަސަން
އަބޫބަކުރުގެ އަތާއި ފަޔާއި ބަނދެ އޭނާގެ އަގަމަތީ ޓޭޕްއަޅާ މޫނު މަތީ ބާލީހެއް
ބައްވާ ހެދުމަށްފަހު އެގެއިން ވައްކަންކޮށްފައިވާކަމަށެވެ.



ހަސަން
އަބޫބަކުރުގެ މަރުގެ މައްސަލާގައި ދައުލަތުން މީގެ ކުރިން އަށާރަ އަހަރުން ދަށުގެ
ކުއްޖެއްގެ މައްޗަށް ގަސްދުގައި މީހަކު މަރާލިކަމުގެ ކުށުގެ ދައުވާ
އުފުލާފައިވެއެވެ. އެހެންނަމަވެސް އެ ކުށް އޭނާގެ މައްޗަށް ސާބިތުވެފައެއް
ނުވެއެވެ.