ޚަބަރު

އުކުޅަހުގައި ބައިނަލްއަޤްވާމީ ފެންވަރުގެ ކޮންވެންޝަން ސެންޓަރެއް އެޅުމަށް އިންޑިއާއިން ހިލޭ އެހީ ދީފި


އއ. އުކުޅަހުގައި ބައިނަލްއަޤްވާމީ ފެންވަރުގެ ކޮންވެންޝަން ސެންޓަރެއް އެޅުމަށް އިންޑިއާ ސަރުކާރުން 7 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ހިލޭ އެހީ ދީފިއެވެ.

މިއީ ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ ޕްރޮޖެކްޓުތައް ހިންގުމަށް އިންޑިއާ ސަރުކާރުން ދިވެހި ރާއްޖެއަށް ދީފައިވާ 100 މިލިއަން ދިވެހި ރުފިޔާގެ ހިލޭ އެހީގެ ތެރެއިން ދީފައިވާ އެހީއެކެވެ. އެގޮތުން އުކުޅަހުގައި ބައިނަލްއަޤްވާމީ ފެންވަރުގެ ކޮންވެންޝަން ޝެންޓަރެއް އެޅުމަށް ހަތް މިލިއަން އަށްސަތޭކަ ހަ ހާސް ނުވަ ސަތޭކަ ރުފިޔާ ހިލޭ އެހީގެގޮތުގައި އިންޑިއާ ސަރުކާރުން ވަނީ ދީފައެވެ.

މި ކޮންވެންޝަން ސެންޓަރަކީ އުކުޅަހުގެ ކައުންސިލާއި، އެ ރަށުގައި ކުރިއަރަމުން އަންނަ ގެސްޓް ހައުސް ވިޔަފާރިތަކާއި، ތަފާތު އެހެނިހެން ކަންކަން ފުޅާދާއިރާއެއްގައި ޕްރޮމޯޓް ކުރުމަށް ބޭނުންވާ ފަރާތްތަކަށް ބައްދަލުވުންތަކާއި ކޮންފަރެންސްތައް ބޭއްވުމަށް އެކަށީގެންވާ ތަނެއް ހޯދައިދިނުމުގެ މަޤްޞަދުގައި އަޅާ ކޮންވެންޝަން ސެންޓަރެކެވެ. އަދި މި ކޮންވެސްޝަން ސެންޓަރު ފަރުމާކުރަނީ ބައިނަލްއަޤްވާމީ ފެންވަރުގެ ބައްދަލުވުންތައްވެސް ބޭއްވޭ ގޮތަށެވެ.

އިންޑިއާ ސަރުކާރުން 100 މިލިއަން ރުފިޔާގެ ހިލޭ އެހީ ރާއްޖެއަށް ދިނުމަށް އެއްބަސްވީ މި އަހަރުގެ މާރިޗް މަހު 17 އިން 18 އަށް އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓާރނަލް އެފެއާޒް ސުޝްމާ ސްވަރާޖް ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.