ޗައިނާގެ ވެރިރަށް ބެއިޖިންގައި ތަރައްޤީކުރާ ބެއިޖިންގ ޑާޝިންގ އިންޓަރނޭޝަލް އެއަރޕޯޓަކީ މިހާރު ދުނިޔޭގައި ތަރައްޤިކުރާ އެންމެ ބޮޑު އެއް އެއަރޕޯޓެވެ. އަންނަ ސެޕްޓެމްބަރު މަހު އެއަރޕޯޓު ހުޅުވުމުގެ މަސައްކަތް ކުރައްމުން އަންނައިރު މިހާރު އެއަރޕޯޓަށް ޓެސްޓް ފްލައިޓް ޖައްސަން ވަނީ ފަށާފައެވެ.
އެއަރޕޯޓުގެ މަސައްކަތްތައް 2014 ވަނަ އަހަރު ފަށާފައިވާއިރު މިއަހަރު އެއަރޕޯޓުގެ ބޮޑު ބައެއްގެ މަސައްކަތް ނިމި އަންނަ ސެޕްޓެމްބަރު މަހު އެއާޕޯޓު ހުޅުވާނެކަމަށް ޗައިނާގެ މީޑިއާތަކުން ރިޕޯޓުކުރެއެވެ.
އެއަރޕޯޓުގެ މަސައްކަތްތައް އެކި ފޭސްތަކަށް ބަހާލައިގެން ކުރިއަށްދާއިރު ދާދިފަހުން އެއަރޕޯޓަށް ވަނީ ޗައިނީސް އެއަރލައިންގެ ހަތަރު ޓެސްޓް ފްލައިޓް ޖައްސާފައެވެ. މި އެއަރޕޯޓު ހުޅުވިގެން ދިއުމާއެކު ޗައިނާގެ ވައިގެ ހަބަކަށް މި އެއަރޕޯޓު ވެގެންދާނެއެވެ.
އަންނަ ސެޕްޓެމްބަރު މަހު ބެއިނޖިންގ ޑާޝިންގ އިންޓަރނޭޝަނަލް އެއަރޕޯޓް ހުޅުވާއިރު މި އެއަރޕޯޓްގައި 4 ރަންވޭ ހުންނާނެއެވެ. މި އެއަރޕޯޓުގެ ފުރަތަމަ ފޭސްގެ މަސައްކަތްތައް އެއްކޮށް ނިންމާލެވޭނީ 2025 ވަނަ އަހަރާ ހަމައަށެވެ. ފުރަތަމަ ފޭސްގެ މަސައްކަތް ނިމޭއިރު އަހަރެއްގެ މައްޗަށް 72 މިލިއަން މީހުން މި އެއަރޕޯޓު މެދުވެރިކޮށް ދަތުރުކުރާނެ ކަމަށްވަނީ ލަފާކޮށްފައެވެ. އަދި އެއަރޕޯޓުގެ މަސައްކަތް އެއްކޮށް ނިމޭއިރު މިއެއަރޕޯޓުގައި މުޅި އެކު 8 ރަންވޭ އޮންނާނެއެވެ.
އެއަރޕޯޓު ތަރައްޤީކުރުމުގެ މަސައްކަތް މިހާރުވެސް ބާރު ދުވެލީގައި ކުރިއަށްދާއިރު، މި ޕްރޮޖެކްޓުގެ އެންމެ ތަފާތު އަދި މުހިންމު އެއް ބަޔަކީ އެއަރޕޯޓު ޓާރމިނަލްގެ މަސައްކަތެވެ. މި މަސައްކަތް ކުރަމުންދަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އާ ރަންވޭގެ މަސައްކަތް ކޮށްފައިވާ ޗައިނާގެ އެންމެ ބޮޑު އެއް ކުންފުނި ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕުންނެވެ.
މި އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތާ ގުޅުވައިގެން ބެއިޖިންގެ އެކި ހިސާބުތަކާއި މި އެއަރޕޯޓާއި ގުޅުވާލުމަށްޓަކައި، ސަބްވޭ ލައިންއެއް އިމާރާތް ކުރުމުގެ މަސައްކަތާއި ހައި ސްޕީޑް ރެއިލްވޭ އެއްގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.
ބެއިޖިންގ ޑާޝިންގ އިންޓަރނޭޝަނަލް އެއަރޕޯޓް ހުޅުވިގެންދިއުމާއެކު މި އެއާޕޯޓު ވެގެންދާނީ ބެއިޖިންގައި ހުޅުވާ ދެވަނަ އިންޓަރނޭޝަންލް އެއަރޕޯޓަށެވެ. ބެއިޖިންގްގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު، ބެއިޖިންގ ކެޕިޓަލް އިންޓަރނޭޝަލް އެއަރޕޯޓު އޮޕަރޭޓްކުރަމުންދަނީ ވަރަށް ބާރުބޮޑުކޮށެވެ.
އެހެންކަމުން މި އެއަރޕޯޓު ހުޅުވިގެންދިއުމާއެކު ބެއިންޖިންގ އަށް ކުރާ ދަތުރުތައް ފަސޭހަވެގެންދާނެއެވެ. އަދި މިއެއަރޕޯޓާއެކު ބެއިޖިންގްއަށް ކުރާ ދަތުރުތައް އިތުރުކުރުމަށް އެއަރލައިންތަކަށް ފުރުސަތު ފަހިވެގެންދާނެއެވެ.