ޚަބަރު

"ރިވެލި އެވޯޑަށް" ކުރިމަތިލުމުގެ ފުރުޞަތު ހުޅުވައިލައިފި


ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އެމީހުންގެ ލާބައަށް އެކި ފަރާތްތަކުން ކުރާ މަސައްކަތްތަކުގެ އަގު ވަޒަންކުރުމާއި، އެކަމަށް ހިތްވަރުދިނުމުގެ ގޮތުން ދޭ "ރިވެލި އެވޯޑަށް" ކުރިމަތިލުމުގެ ފުރުޞަތު ހުޅުވައިލައިފިއެވެ.

ކޮންމެ ދެ އަހަރަކުން އެއް އަހަރުދޭ މި އެވޯޑް މިއަހަރު ޖުމުލަ 9 ދާއިރާއަކުން ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި އަހަރު ރިވެލި އެވޯޑަށް ދިނުމަށް ހަމަޖެހިފައިވާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެތެރޭގައި، ރާއްޖެއަށް އެކި ގޮތްގޮތުން ރީތި ނަން ހޯދައިދޭ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ތަޢުލީމު ފޯރުކޮށްދިނުމުގެ ދާއިރާއާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚިދުމަތް ދިނުމަށް މަސައްކަތްކުރާ އަމިއްލަ ޖަމްޢިއްޔާތަކާއި ފަންނީ ދާއިރާއާއި ފަރުދީގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ދާއިރާއާއި ވަޒީފާގެ ފުރުޞަތު ހޯދައިދިނުމުގެ ދާއިރާއާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނާ ގުޅޭ ގޮތުން ޚަބަރު ފަތުރާ ވަސީލަތްތަކުން ކޮށްދޭ ޚިދުމަތުގެ ދާއިރާ ހިމެނެއެވެ.

މީގެ އިތުރުން ޚާއްސަ ދާއިރާއަކުންވެސް އެވޯޑް ދިނުމަށް ހަމަޖެހިފައިވާކަމަށް ޖެންޑަރ މިނިސްޓްރީއިން މަޢުލޫމާތުދެއްވައެވެ. ރިވެލި އެވޯޑަށް ކުރިމަތި ލެވޭނީ ޚާއްޞަވެގެންވާ އެއްދާއިރާއަކަށް، އަމިއްލައަށް ނަން ހުށަހަޅައިގެން ނުވަތަ އެހެން ފަރާތަކުން ނަން ހުށަހަޅައިގެންނެވެ. ނަން ހުށަހެޅުމަށް ކަނޑައަޅައިފައިވާ ސުންގަޑިއަކީ ޖޫން މަހުގެ ދޭއް ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު އެކެއް ޖެހުމާ ހަމައަށް ކަމަށް ޖެންޑަރ މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.

އެވޯޑަށް ކުރިމަތިލުމުގެ ގޮތުން ފުރިހަމަކުރަން ޖެހޭ އެޕްލިކޭޝަން ފޯމް ޖެންޑާ މިނިސްޓްރީންނާއި އެމިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. މި އެވޯޑަށް ކުރިމަތިލާނެ ގޮތުގެ އިތުރު މަޢުލޫމާތު މިނިސްޓްރީގެ ވެބްސައިޓް އަދި ދިވެހި ސަރުކާރުގެ ގެޒެޓުން ލިބޭނެކަމަށް އެ މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ. "ރިވެލި" އެވޯޑު އެންމެ ފުރަތަމަ ދީފައިވަނީ 2012ވަނަ އަހަރުއެވެ.