މެންޗެސްޓާރ ސިޓީން މިސީޒަނުގެ އިނގިރޭސި ފުޓްބޯޅަ ސީޒަނުގެ ހުރިހާ ތައްޓެއް ކާމިޔާބު ކުރި ނަމަވެސް އެއީ ފުދޭ ވަރެއްނޫން ކަމަށް ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.
އޭނާ ބުނީ ސިޓީގެ ކާމިޔާބީ މިހާރު މީހުން ގުނަނީ ޗެމްޕިއަންސް ލީގުގެ ނަތީޖާއިން ކަމަށެވެ. ގާޑިއޯލާ ބުނީ ޓީމަށް ރެކޯޑް ޕޮއިންޓްތަކަކާއެކު ތަށި ލިބުނަސް އެއީ ވަރަށް ހާއްސަ ކާމިޔާބީއެއްކަމަށެވެ.
އޭނާ ބުނީ ބާސެލޯނާގައި އޭނާ ދެ ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބު ކުރި ކަމަށާއި އެއީ ހާއްސަ ކާމިޔާބީއެއް ކަމަށެވެ.
އެއަށް ފަހު އޭނާ އަށް ކާމިޔާބު ލިބުނު ކަމަށް އެންމެންވެސް ބަލައިގަންނަނީ ޗެމްޕިއަންސް ލީގުގައި ނެރޭ ނަތީޖާއަކަށް ބަލައިގެން ކަމަށެވެ.
މިހެންވެ އަންނަ ސީޒަނުގައި އެ މުބާރާތަށް ހާއްސަ ސަމާލުކަމެއް ދޭނެ ކަމަށް ގާޑިއޯލާ ބުންޏެވެ. ނަމަވެސް މުޅި ސީޒަން ކާމިޔާބު ކުރުމަކީ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމަށްވުރެ އުނދަގޫ ކަމެއް ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.