ނޭޝަންސް ލީގުގައި ވާދަކުރާ އިނގިރޭސި ގައުމީ ޓީމުގެ ސްކޮޑްގައި ކެޕްޓަން ހެރީކޭން ހިމަނައިފިއެވެ.
ޓޮޓެންހަމުގެ ފޯވަޑް ޤައުމީ ޓީމުގައި ހިމެނިއިރު އޭނާ މިވަގުތު ހުރީ އަނިޔާގައެވެ. އަދި މިދިޔަ މާޗް މަހު ލިބުނު އަނިޔާ އަންނަ މަހުގެ ހަ ވަނަ ދުވަހާ ހަމައަށް ރަނގަޅުވާނެ ކަމުގެ ޔަގީންކަމެއްވެސް ނެތެވެ.
ކޯޗު ގެރެތް ސައުތްގޭޓް ބުނީ ކޭން ޓީމުގައި ހިމެނީ ކުޅެވޭނެ ކަމުގެ ޔަގީންކަން އޮވެގެން ނޫން ކަމަށެވެ. ސައުތްގޭޓް ބުނީ ޗެމްޕިއަންސް ލީގު ފައިނަލްގައި ކުޅެން ކޭން ފިޓްވާން މަސައްކަތް ކުރަމުން އަންނަކަމަށެވެ.
ނޭޝަންސް ލީގަކީ ދުނިޔޭގެ ފެންވަރުގެ މުބާރާތެއްގެ ގޮތުގައި ގިނަ ބަޔަކު ބަލައިނުގަތަސް އެ މުބާރާތް ކާމިޔާބު ކުރެވުމަކީ ވޯލްޑް ކަޕް ކޮލިފައިންއާ ކުރިމަތިލާއިރު ލިބޭނެ ވަރަށް ބޮޑު އިތުބާރަކަށްވާނެ ކަމަށް އިނގިރޭސިން ދެކެއެވެ.
މިފަހަރުގެ ސްކޮޑުން ކޯޗު ސައުތްގޭޓު ފުރުސަތު ނުދިން އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިޔަކީ މެންޗެސްޓަރ ޔުނައިޓެޑްގެ ޑިފެންޑަރ ލޫކް ޝޯއެވެ. އޭނާގެ ބަދަލުގައި ކޯޗު ފުރުސަތުދިނީ ލެސްޓަރ ސިޓީގެ ބެން ޗިލްވެލްއަށެވެ. މީގެ އިތުރުން ޗެލްސީގެ މިޑްފިލްޑަރ ރޮސް ބާކްލޭއަށްވެސް ކޯޗުވަނީ ފުރުސަތުދީފައެވެ.