ކުޅިވަރު

ރަށްރަށުގައި އައުޓް ޑޯ ވޮލީކޯޓްތައް އަޅަނީ


ރަށްރަށުގައި ވޮލީ ތަރައްގީ ކުރުމަށް އައުޓްޑޯ ކޯޓްތަކެއް ގާއިމު ކުރުމުގެ ވިސްނުން ގެންގުޅުއްވާކަމަށް ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ޒުވާން ގައުމީ އަންހެން ވޮލީ ސްކޮޑް އިއުލާނުކުރުމަށް ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުންނެވެ. މިނިސްޓަރ ވިދާޅުވީ ވެލި ކޯޓްތައް ދޫކޮށްލާ، ފެންވަރު ރަނގަޅު ވޮލީ ކޯޓްތަކެއް ގާއިމުކުރުމަކީ، ވޮލީ ކުޅެން ޝައުގުވެރިވާ މީހުންނަށް ހިތްވަރު ލިބި ވޮލީ ކުޅުންތެރިން އިތުރުވެގެންދާނެ ކަމެއް ކަމަށް ގަބޫލުކުރައްވާކަމަށެވެ.
އަދި މި ވިސްނުމަށް އަމަލީ ސިފައެއް ގެނައުމުގެ މަސައްކަތް ކުރެވެމުން ދާ ކަމަށާއި އެގޮތުން ރަށްރަށުގައި އައިޓްޑޯ ވޮލީ ކޯޓްތައް ގާއިމުކުރުމަށް ބަޖެޓް އެކުލަވާލުމުގެ މަސައްކަތް ފެށިފައިވާކަމަށެވެ.

"އަޅުގަނޑުމެންގެ އުންމީދަކީ ވެލި (ކޯޓް) ދޫކޮށްލުން. ދޫކޮށްލައިގެން އެއަށްވުރެ ރަނގަޅު އައުޓްޑޯ ކޯޓްތަކެއް ހެދިއްޖެނަމަ އަޅުގަނޑުމެން ގަބޫލުކުރަނީ ވޮލީ ކުޅޭ ކުދިންވެސް އިތުރުވާނޭ، ޝައުގުވެރިކަންވެސް އިތުރުވާނޭ، މި މަސައްކަތަށް ބޭނުންވާ އަގާ އެއްޗެހި ހޯދަން އަޅުގަނޑު ޑެޕިއުޓީ މިނިސްޓަރާ ހަވާލުކޮށްގެން މިއުޅެނީ"

އޭގެ އިތުރުންވެސް މާލޭގެ އިންޑޯ ކޯޓް ތަރައްގީ ކުރުމުގެ މަސައްކަތްވެސް ކުރެވެމުންދާ ކަމަށާއި، އެގޮތުން އިންޑޯ ހޯލްގައި އެއާ ކޯން ހަރުކުރުމުގެ މަސައްކަތްވެސް ކުރިއަށް ދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މީގެ ފަހުން ކޮންމެ ވޮލީ ކޯޓެއްވެސް އެޅިގެންދާނީ އެންމެ ރަނގަޅު ފެންވަރުގައިކަމުގެ ޔަގީންކަންވެސް މިނިސްޓަރ ދެއްވިއެވެ.