މާލޭ ސިޓީ ކައުންސިލުން ވިދާޅުވީ ކައުންސިލް ބައްދަލުވުމުގައި މިކަން މިގޮތައް ކުރުމަށް މިހާރު ފާސްކޮށްފައިވާކަމަށެވެ.
އެހެންނަމަވެސް މިކަން ކުރުމަށް އެކުލަވާލާ ޤަވާޢިދަށް ޢަމަލުކުރަން ފަށާނީ އެޤަވާޢިދު ޢާއްމުކުރާތާ ހަމަސްދުވަސް ފަހުންކަމަށް މާލޭ ސިޓީކައުންސިލުން މަޢުލޫމާތުދެއްވައެވެ. ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން މާލޭ ސިޓީ ކައުންސިލްގެ މެމްބަރ ހުސައިން ޝަރީފް ވިދާޅުވީ މިގޮތަށް ނިންމަވާފައިވަނީ މަގުތަކުގައި އެއްވެސް ބަލާލުމެއްނެތި ސިނގިރޭޓު ބުއިމުގެ ސަބަބުން މަގުތަކުގައި ހިނގާ ބިނގާވެއުޅޭމިހުންނަށް ގިނަ ދަތިތަކާ ކުރިމަތިލާންޖެހިފައިވާތީ އެކަމަށް ޙައްލެއް ގެނައުމުގެގޮތުން ކަމަށެވެ.
ސިނގިރޭޓް ބޯމީހުން ދޫކޮށްލާ ވިހަ ދުމުގެ ސަބަބުން މަގުމަތި ބޭނުންކުރާ ބަލިމީހުންނާއި ކުޑަކުދިންނާއި މާބަނޑު މީހުންނަށް ގިނަގުނަ ގެއްލުންތައް ވަމުންދާކަމަށާ، އެކަމުގެ ޝަކުވާ ވަރަށްބޮޑުކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ މާލޭ ސިޓީ ކައުންސިލަށް ގިނަ ބަޔަކު މިކަމުގެ ޝަކުވާ ހުށަހަޅަމުންދާތީ އެކަމަށް ހައްލެއް ގެނައުމުގެގޮތުން މާލޭގެ މަގުތަކުގައި ސިނގިރޭޓުބުއިން މަނާކުރުމަށް ސިޓީކައުންސިލުން ފާސްކުރީކަމަށެވެ.