ސިޔާސީ

ރާއްޖެއާއި ރޫމޭނީއާ ދެމެދު ގިނަ ދާއިރާތަކުން ގުޅުންބަދަހިކުރަން އެއްބަސްވެއްޖެ


ރާއްޖެއާއި ރޫމޭނިއާއާ ދެމެދު ގިނަ ދާއިރާތަކުން ގުޅުންބަދަހިކުރުމަށް ދެޤައުމުން އެއްބަސްވެއްޖެއެވެ.

ރާއްޖޭގެ ފޮރިންގ މިނިސްޓަރ ޢަބްދުﷲ ޝާހިދު މިމަހުގެ ނުވަޔަކުން ތޭރައަށް ރޫމޭނިއާއަށްކުރެއްވި ރަސްމީ ދަތުރުފުޅުގައި އެޤައުމުގެ ފޮރިންގ މިނިސްޓަރ ތިއޮޑޯ މެލެސްކާނޯއާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވި ކަންކަމާ ގުޅޭގޮތުން ދެޤައުމުން ނެރެފައިވާ ގުޅިފައިވާ ބަޔާނުގައި ވަނީ ގިނަ ދާއިރާއަކުން ގުޅުންބަދަހިކުރުމަށް އެއްބަސްވެވަޑައިގެންފައިކަމަށެވެ. އެދާއިރާތަކުގެ ތެރޭގައި ވިޔަފާރިއާއި، ތަޢުލީމާއި، ފަތުރުވެރިކަމުގެ ދާއިރާއާއި ކާބޯތަކެތީގެ ދާއިރާ ހިމެނެއެވެ.

އަދި ކާރިސާތަކުން ލިބޭ ގެއްލުންކުޑަކުރުމާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ދާއިރާއިންނާއި، ބައިނަލްއަޤްވާމީ މައިދާނުގައިވެސް ދެޤައުމުން ގުޅިގެން ސައްކަތްކުރުމަށް ދެބޭފުޅުން އެއްބަސްވެވަޑައިގެންފައިވާކަމަށް ބަޔާނުގައި ވިދާޅުވެފައިވެއެވެ. އަދި ދެޤައުމުގެ ގުޅުން ވަރުގަދަކުރުމާ ގުޅޭ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ދެޤައުމުން ވަނީ އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ.

ފޮރިންގ މިނިސްޓަރ އަބްދުﷲ ޝާހިދު، ރުމޭނިއާއަށް ކުރެއްވި ދަތުރުފުޅަކީ އެޤައުމުގެ ފޮރިންގ މިނިސްޓަރ ތިއޮޑޯ މެލެސްކާނޯގެ ދަޢުވަތަކަށް ކުރެއްވި ދަތުރުފުޅެވެ. މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ރުމޭނިއާގެ ވައިސް ޕްރައިމް މިނިސްޓަރ ފޮރ ސްޓްރެޓީޖިކް ޕާޓްނަރޝިޕްސް އިމްޕްލިމެންޓޭޝަން އަނާ ބަރޗޯލްއާއި އަދި އެނޫން އިސް ބައެއް ފަރާތްތަކާއި ބައްދަލުކުރައްވާފައެވެ.
ދިވެހިރާއްޖެއާއި ރުމޭނިއާއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ޤައިމްކުރިތާ ސާޅީސް އަހަރު މިއަހަރު ފުރޭނެއެވެ. ރާއްޖެއާއި ރޫމޭނިއާއާއި ދެމެދު ސިޔާސީ ގުޅުން ޤާއިމްކޮށްފައިވަނީ 1 ނޮވެމްބަރު 1979 ވަނަ އަހަރުއެވެ.