ހުރިހާ ޓެކްސީތަކެއް އެއް ޑިޒައިނަކަށް ބަދަލުކުރުމުގެ ވިސްނުން ގެންގުޅޭކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލް ވިދާޅުވީ ޓެކްސީތައް އެއްކުލައަކަށް ބަދަލުކޮށް އެއްޑިޒައިނަކަށް ބަދަލުކުރަން ވިސްނަވަނީ ޓރކްސީ ކުރުމަކީ އާއްމުންނާއި ގުޅިފައިވާ ހިދުމަތަކަށްވެފައި އެ ހިދުމަތް ލިބިގަންނަ ފަރާތްކަށް ފަސޭހަވާނެތީކަމަށެވެ.
ރާއްޖޭގައި ބޭނުންކުރާ ޓެކްސީތަކާއި ޕްރައިވެޓް ކާރުތަކާއި ހުންނަނީ ދާދި އެއްގޮތަށެވެ. ބައެއް ފަހަރު ޓެކްސީކަމަށް ހީކޮށް ބައެއް މީހުން ޕްރައިވެޓް ކާރުތަކަށްވެސް މަގުމަތުން އަތް ނަގާ ހަދައެވެ.
އާދިލް ވިދާޅުވީ ހުރިާ ޓެކްސީތަކެއް އެއް ޑިޒައިނަކަށް ބަދަލުކުރާއިރު ކާރުތަކުގައި ހަރުކުރާ ސްޓިކާތައްވެސް ހުންނާނީ އެއްގޮތަށްކަމަށެވެ. އދަި ހުރިހާ ޓެކްސީއެއްގއި ހުންނާނީ ވަކިކުލައެއް ކަމަށްވެސް އާދީލް ވިދާޅުވިއެވެ. ޓެކްސީތަކުގެ ޑިޒައިނަށް ގެންނަ ބަދަލާއިއެކު ޓެކްސީ ދުއްވާ ފަރާތަކުން ވަކި ޔުނީފޯމެއް ބޭނުންކުރާ ގޮތަށް ހެދުމަކީވެސް މިނިސްޓްރީން ގެންގުޅޭ ވިސްނުމެއްކަމަށްވެސް އާދިލް ވިދާޅުވިއެވެ. އަދި މި ފަދަ ބަދަލެއް ގެންނަނަމަ އެކަން ކުރާނީ ޓެކްސީ ޑްރައިވަރުންނަށް އެކަމުގައި ތަކްލީފެއް އުފުލަންނުޖެހޭ ގޮތަށް އެކަށީގެންވާ ވަގުތު ދިނުމަށްފަހުކަމަށްވެސް އާދިލް ވިދާޅުވިއެވެ.
ޓެކްސީތަކާއި ގުޅޭ ގިނަ ޝަކުވާތައް އާއްމުން އަންނަނީ ކުރަމުންނެވެ. މިގޮތުން ކާރުތައް ބާވެ ސީޓްތައް ހަލާކުވެ ނުބައިވަސް ދުވުން ފަދަ ކަންކަން އާއްމުން ފާހަގަކުރެއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން މީގެކުރިން ވަނީ ޓެކްސީތައް ފަސޭހައިން ފާހަގަވާނެގޮތަށް ޓެކްސީ ބޯޑު ބެހެއްޓުން މަޖުބޫރު ކަމެއްގެ ގޮތުގައި ހަދާފައެވެ. މި ބޯޑު މެދުވެރިކޮށް، ދަތުރުގައިި އުޅޭ ޓެކްސީތަކާއި، ހުސް ޓެކްސީތައް ދެނެގަންނަން ފަސޭހަވެއެވެ.