ވިޔަފާރި

ދިވެހި އުފެއްދުންތައް ވިއްކާ ފިހާރައެއް މެލޭޝިއާގައި ހުޅުވައިފި


ދިވެހި އުފެއްދުންތައް ވިއްކާ ފިހާރައެއް މެލޭޝިއާގައި ހުޅުވައިފިއެވެ.

"ދަ މޯލްޑިވިއަން ފިޝް މާރކެޓް"ގެ ނަމުގައި މިފިހާރަ މެލޭޝިޔާގައި ހުޅުވާފައިވަނީ މަޝްހޫރު ފުޓުބޯޅަ މެޗް ކޮމިޝަނަރ އަބްދުލް ހަމީދު އަބްދުލް ޤަފޫރު، އައްޑޯއެވެ.

މިފިހާރަ ހުޅުވާފައިވަނީ މިދިޔަ އޭޕްރިލް މަހުގެ ފަހުކޮޅު މެލޭޝިއާގައި ގިނަ ދިވެހިން އުޅޭ އަވަށެއްކަމުގައިވާ ސުބަންގ ޖަޔާގައިއެވެ.

އަބްދުލް ޤަފޫރު ވިދާޅުވީ މެލޭޝިއާއަކީ ގިނަ ދިވެހިން އުޅޭ ޤައުމަކަށް ވުމާއެކު މަހާއި މަހުގެ ބާވަތްތައް ލިބުމުގައި ދިވެހީންނަށް ދަތިތަކާއި ކުރިމަތިވާކަމަށެވެ. އެހެންކަމުން މިފިހާރައިގެ ސަަބަބުން ދިވެހި ކުންފުނިތަކުން އުފައްދާ ދިވެހި އުފެއްދުންތައް ފަސޭޙަކަމާއެކު މެލޭޝިޔާގައި އުޅޭ ދިވެހިންނަށް ލިބިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަކީ އެއަރ އޭޝިއާގެ ކާރގޯ އޭޖެންޓުން. އެހެންވެ މާލެއިން މެލޭޝިއާއަށް ފޮނުވަން ކާރގޯ މަދުވީމަ އަޅުގަނޑުމެން ވިސްނީ ކާރގޯ އަމިއްލައަށް ކްރިއޭޓް ކުރަން. ދެން އެކޮޅުގައި އުޅޭ މީހުންވެސް ވަރަށް ބޭނުންވާ އެއްޗެއް މަސް ދަޅާއި މަހުގެ އެކި އުފެއްދުންތަކަކީ. އަޅުގަނޑުމެންނަށް ވަރަށް ބެލެވޭ މިފިހާރަ ހިނގާނެކަމަށް." އަބްދުލް ޤަފޫރު ވިދާޅުވިއެވެ.

"ދަ މޯލްޑިވިއަން ފިޝް މާރކެޓް"އިން މިހާރު ލިބެން ހުރީ މަސް ދަޅާއި ފިނިކުރި މަހުގެ ބާވަތްތަކެވެ. މަސްދަޅުގެ ބާވަތްތައް ހޮރައިޒަން ފިޝަރީސްއިން އެތެރެކުރާއިރު ފިނިކުރި މަހުގެ ބާވަތްތައް އެތެރެކުރަނީ ދިވެހި ކުންފުންޏެއް ކަމަށްވާ އެންސިސް އިންނެވެ. އަބްދުލް ޤަފޫރު ވިދާޅުވީ މިފްކޯގެ އެކި އުފެއްދުންތައްވެސް މެލޭޝިއާގައި ވިއްކުމުގެ މަސައްކަތް އެކުންފުނިން މިހާރު ކުރަމުން އަންނަކަމަށެވެ.

" މަސް ދަޅު ގެނެސްސަ އެހެރީ ހޮރައިޒެން ފިޝަރީސްއިން. ފްރޯޒެން ހުރިހާ ވައްތަރެއް ގެނައީ އެހެރީ އެންސިސްއިން. އަޅުގަނޑުމެން މިހާރު މިދަނީ މިފްކޯއާއި ވާހަކަދައްކަމުން. އެބޭފުޅުން ވެސް ތިބީ އަޅުގަނޑުމެންނަށް އެހީވެދޭގޮތަށް ހުރިހާ ޕްރޮޑަކްޓްސް ލިބޭގޮތަށް އެބަ ހަމަޖެހޭ." އަބްދުލް ޤަފޫރު ވިދާޅުވިއެވެ.

އަބްދުލް ޤަފޫރު ވިދާޅުވީ މަހުގެ ބާވަތްތަކުގެ އިތުރުން ދިވެހި އިތުރު އުފެއްދުންތައްވެސް ކުރިއަށް އޮތްތާނގައި މިފިހާރައިން ވިއްކާނެކަމަށެވެ. އަދި މެލޭޝިއާގައި މިފިހާރައަށް ތަރުޙީބު ލިބެމުންދާވަރަކަށް ސިންގަޕޯރ އަދި ތައިލެންޑް ފަދަ ޤައުމުތަކުގައި މިފަދަ ފިހާރަތަކެއް ހުޅުވުމުގެ ވިސްނުން ގެންގުޅޭކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މެލޭޝިޔާއަކީ ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ ޤައުމަކަށްވާއިރު މިފިހާރައަށް ރަނގަޅު ޑިމާންޑެއް ލިބޭނެކަމަށް އުއްމީދުކުރާކަމަށް އަބްދުލް ޤަފޫރު ވިދާޅުވިއެވެ.