ފްރެންޗް ކަޕް ފައިނަލަށް ފަހު ރޭނޭސްގެ ސަޕޯޓަރަކަށް ހަމަލާދިނުމާ ގުޅިގެން ޕީއެސްޖީގެ ބްރެޒިލް ފޯވަޑް ނޭމާ ތިން މެޗަށް ސަސްޕެންޑްކޮށްފިއެވެ.
ފްރާންސް ފުޓްބޯޅަ ފެޑަރޭޝަނުން ދީފައިވާ މި އަދަބު ޕީއެސްޖީން ވަނީ އިސްތިއުނާފް ކުރާނެ ކަމަށް ބުނެފައެވެ.
ނޭމާ ސަސްޕެންޑްކުރީ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ޕީއެސްޖީ ބަލިވުމުން ރުޅިއައިސްފައި ހުއްޓައި މެޑަލް އަޅުވަން ސްޓޭޖަށް ދިޔަ މަންޒަރު ރޭނޭސްގެ ސަޕޯޓަރަކު ވީޑިއޯ ކުރުމުންނެވެ. އެވަގުތު ސަޕޯޓަރާއި ނޭމާއާ ދެމެދު ބަހުގެ ހަމަލާތަކެއް ވެސް ކުރިއަށް ދިޔައެވެ.
ނޭމާ އަށް ވަނީ ޗެމްޕިއަންސް ލީގުގައި ޕީއެސްޖީ އަންނަ ސީޒަނުގައި ކުޅެން ޖެހޭ ތިން މެޗަށް ވެސް ސަސްޕެންޝަނެއް ދީފައެވެ.
ޔޫރަޕުގެ ފުޓްބޯޅަ ޖަމިއްޔާއިން އޭނާ މި މުބާރާތުގެ ތިން މެޗަކަށް ސަސްޕެންޑް ކުރީ މެންޗެސްޓާ ޔުނައިޓެޑް އަތުން ބަލިވެ، ޕީއެސްޖީ ކެޓި މެޗަށް ފަހު ރެފްރީންނަށް ފާޑުކިޔައި ސޯޝަލް މީޑިއާގައި އާއްމުކުރުމުންނެވެ.
ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި ޕީއެސްޖީ އަށް މީގެ ދެ އަހަރު ކުރިން ބަދަލުވެ ނޭމާ އަށް އެކަށީގެންވާ މޮޅު ކުޅުމެއް އެކުލަބުގައި ނުދެއްކޭކަން ފާހަގަކޮށްލެވެއެވެ.