ރަމަޟާންމަހު ކާޑުގެ ބާވަތްތައް ހުސްނުވެ ލިބޭނެކަމަށް ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން، އެސް.ޓީ.އޯއިން ބުނެފިއެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ޖެނެރަލް މެނޭޖަރ ހުސައިން ސޮބާހް ވިދާޅުވީ، ރަމަޟާންމަހު ކާޑުގެ ބާވަތްތައް ހުސްނުވެ އާންމު ރައްޔިތުންނަށް ލިބޭނެކަން ކަށަވަރު ކުރުމަށް އެސްޓީއޯއިން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އެގޮތުން ރަށްރަށުގައި އެސްޓީއޯއިން ޤާއިމްކޮށްފައިވާ އެޖެންޓުންނާއި އަތޮޅުތަކުގައި ހުރި އެސްޓީއޯގެ ފިހާރަތައް މެދުވެރިކޮށް މި މަސައްކަތް ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.
157 ރަށެއްގައި އެސްޓީއޯގެ 174 އެޖެންޓުން ހަމަޖައްސާފައިވާއިރު އަތޮޅުތެރޭގެ 11 ރަށެއްގައި އެސްޓީއޯގެ ފިހާރަ ހުރެއެވެ.
ހުސައިން ސޮބާހް ވިދާޅުވީ، އެއްވެސް ދައްޗަކާ ނުލާ ރައްޔިތުންނަށް މުދާ ފޯރުކޮށްދިނުމަށް ކޮންމެ ދުވަހަކުވެސް ރަށްރަށުގައި ހުރި އެސްޓީއޯގެ ކާބޯތަކެތީގެ ސްޓޮކް ބަލަމުންދާކަމަށެވެ.
ރަމަޟާންމަސް އައުމުގެ ކުރިން އެސްޓީއޯއިން ވަނީ މާލެއެކޭ އެއް އަގެއްގައި އަތޮޅުތަކުގެ ރަށްރަށުގައި ކާޑުގެ ބާވަތްތައް ވިއްކައި ދޭނެ އޭޖެންޓުން ހޯދާފައެވެ. އެސްޓީއޯއިން ބުނީ ކާޑުގެ ބާވަތްތައް ހުސްނުވެ ރަށްރަށުން ލިބޭނެގޮތް ހެދުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތައް އެޖެންޓުންނާއި ރަށްރަށުގެ ކައުންސިލްތަކުން ވަރަށް ރަނގަޅު ތަރުހީބެއް ލިބެމުންދާކަމަށެވެ.
އެސްޓީއޯއިން ހަނޑޫ ބަސްތާއެއް ވިއްކަނީ 240 ރުފިޔާއަށެވެ. އަދި ހަނޑޫ ކިލޯއެއް ވިއްކަނީ 4.82 އަށެވެ. ހަކުރު ބަސްތާއެއް 241 ރުފިޔާއެއް ވިއްކާއިރު، ކިލޯއެއް ވިއްކަނީ 4.82 އަށެވެ. ފުއް ބަސްތާއެއް 190 ރުފިޔާއަށް ވިއްކާއިރު ފުއް ކިލޯއެއް އެސްޓީއޯއިން ވިއްކަނީ 3.82 އަށެވެ.
ރަމަޟާންމަހު ކާޑުގެ ބާވަތްތައް ދަތިކަމެއް ނެތި ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ކޮންމެ އަހަރަކުވެސް އެސްޓީއޯއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.