ޚަބަރު

ޓޮޓްނަމްއަތުން ވީ ހިތްދަތި ބައްޔެއް - އެރިކް ޓެންހެގް


ޗެމްޕިއަންސް ލީގް ފައިނަލް ނުގޮސް ކެޓުމަކީ ހަނދާނުން ފުހެލަން އުނދަގޫވާނެ ހިތްދަތިކަމެއް ކަމަށް އަޔެކްސްގެ ކޯޗް އެރިކް ޓެންހެގް ބުނެފިއެވެ.

ކޯޗް މިހެން ބުނީ ޗެމްޕިއަންސް ލީގްގެ ސެމީ ފައިނަލްގެ ދެވަނަ ލެގްގެ ފަހު ހާފްގައި ޓޮޓްނަމްއިން ފަހަތުން އަރާ ތިންލަނޑު ޖަހާ އަޔެކްސްއިން ފައިނަލަށް ކުރަމުން އައި އުންމީދުތައް ފެނަށް ދުއްވާލުމުންނެވެ. ފައިނަލްގެ ޖާގަ ޓޮޓްނަމްއިން އަތުލީ ތިން ލަނޑު ތިންލަނޑުގެ އެގްރިގޭޓުން އެއްވަރުވެ އަވޭ ގޯލުން ކުރި ލިބިގެންނެވެ.

އަޔެކްސްގެ ކޯޗް ބުނީ ދެވަނަ ހާފްގައި ޓޮޓްނަމްއިން ގޭމްގެ ތެރެއަށް ވަތް ހިސާބުން އަޔެކްސްއަށް ކޮންޓްރޯލް ގެއްލުނީ ކަމަށެވެ. އަދި ޓޮޓްނަމް ޓީމްގައި ތިބީ ކުޅުންތެރިންނަކީ އެންމެ މަތީ ފެންވަރުގައި ކުޅޭ ޕްރިމިއަރ ލީގްގެ ތަރިން ކަމަށާއި އެއީ އަޔެކްސްއަށް މެޗް އުނދަގޫވެގެން ދިޔަ އެއް ސަބަބުކަމަށެވެ. ބަލިވީ އަޔެކްސްއަށް ވެސް ގޯސްތަކެއް ހެދުމުންކަންވެސް ކޯޗް ފާހަގަކުރިއެވެ.
ކޯޗް ބުނީ މި މެޗަކީ ލިބުނު ތަޖުރިބާއެއް ކަމަށާއި އަޔެކްސްއިން މަސައްކަތް ކުރާނީ ކުރިއަށް އޮތްތާގައި މި ތަޖުރިބާގެ ބޭނުންހިފައި ކުރިއަށްދާން ކަމަށެވެ.