ރަމަޟާންމަހަކީ ހެޔޮކަމާއި، އަޅުކަމުގެ މައްސަރުކަމަށްވިޔަސް، ކޮންމެ ރަމަޟާންމަހެއްގައިވެސް ކުށްކުރާ މީހުންގެ އުނދަގޫ ބޮޑުވާކަމީ ހިތާމައާއެކު ފާހަގަކުރަންޖެހޭ ކަމެކެވެ. ފުލުހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު އެހެން މަސްތަކާ ޚިލާފަށް ރަމަޟާންމަހު ކުށްކުރުން އިތުރުވެއެވެ. މިމައްސަލަ ޙައްލުކުރުމަށް، ކުށްކުރާ މީހުންނާމެދު ޢާއްމުން ވަރަށްބޮޑަށް ސަމާލުވަންޖެހެއެވެ.
ޢާއްމު މަސްމަހާ އަޅާބަލާއިރު، ރޯދަމަހު ކުށްކުރުން އިތުރުވާ ސަބަބުތަކަށް ބަލާއިރު، މީހުން ޢާއްމުކޮށް ނިދާ ވަގުތުތަކާއި، ފިހާތަކާއި އޮފީސްތައް ހުޅުވުމާއި ބަންދުކުރާ ވަގުތުތަކަށް އަންނަ ބަދަލުތަކުގެ ނާޖައިޒު ފައިދާ ކުށްކުރާމީހުން ނަގާކަން ފާހަގަކުރެވެއެވެ.
މީގެއިތުރުން އެހެނިހެން މަސްމަހާ ޚިލާފަށް ރަށުތެރޭގެ މަގުތަކާއި ޢާއްމުތަންތަނުގައި މީހުން ހޭލަމޭލަވާ ވަގުތުތައް ތަފަތުވުމާއި، ހެނދުނާއި ރޭގަނޑުގެ ތަރާވީސް ނަމާދުގެ ވަގުތުތަކުގައި މަގުމަތީގައި މީހުން މަދުވާ ވަގުތުތަކުގެ ބޭނުން ކުށްކުރާމީހުން ނަހަމަގޮތުގައި ހިފައެވެ.
އަޅުކަމުގެ ކަންކަމުގައި ޢާއްމުން ގިނަވަގުތު ޝާމިލުވެގެން އުޅޭއިރު، ގޭގޭގެ ދޮރުރައް ތަޅުނުލައި ރޭގަނޑުގެ ވަރަށްގިނަ ވަގުތުތަކުގައި ހުރެއެވެ. އެހެންކަމުން ވަގުންނާއި، އެކިބާވަތްތަކުގެ ކުށްކުރާ މީހުންނާމެދު ކަމާބެހޭ ފަރާތްތަކާއި ޢާއްމުންވެސް ރަމަޟާންމަހުގެ ވަރަށްބޮޑަށް ސަމާލުވާންޖެހެއެވެ.
2018ވަނަ އަހަރުގެ ރަމަޟާންމަހު މާލެއިން 756 ކުށުގެ މައްސަލައެއް ފުލުހުންނަށް ހުށައަޅާފައިވެއެވެ. އަތޮޅުތަކުން 2018ވަނަ އަހަރުގެ ރަމަޟާންމަހު 415 މައްސަލަ ހުށައަޅާފައިވެއެވެ. ފުލުހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު ރަމަޟާންމަހު އެންމެ ގިނައީ ވައްކަމާއި ފޭރުމުގެ މައްސަލަތަކާއި ޓްރެފިކާއި ގުޅުންހުރި މައްސަލަތަކެވެ. މީގެތެރެއިންވެސް ވައްކަމުގެ މައްސަލަތަކަކީ އެންމެ ގިނައިން ރަމަޟާންމަހު ހުށަހަޅާ މައްސަލަތަކެވެ.
ވޭތުވެދިޔަ އަހަރުގެ ރަމަޟާންމަހު މާލެއިން ވައްކަމުގެ 100އަށްވުރެ ގިނަ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވެއެވެ. މީގެތެރެއިން %45އަކީ މަގުމަތިން ހިނގާފައި ވައްކަމުގެ މައްސަލަތަކެވެ. ދެން އެންމެ ގިނައީ ގޭގޭގެ ތެރެއިން ހިނގާފައިވާ ވައްކަމުގެ މައްސަލައެވެ.
ވޭތުވެދިޔަ އަހަރުގެ ރަމަޟާންމަހު ހުށަހެޅި ވައްކަމުގެ މައްސަލަތކުގެތެރެއިން %26 މައްސަލައަކީ ގޭގެއިން ތަކެތިގެއްލިގެން ހިނގާފައިވާ ވައްކަމުގެ މައްސަލަތަކެވެ. ވައްކަމުގެ މައްސަލައިގެ %16 އަކީ ވިޔަފާރުކުރާ ތަންތަނުން ހުށައަޅާފައިވާ މައްސަލައެވެ. ފޭރުމުގެ މައްސަލަތަކަށްބަލާއިރު %72 މައްސަލަ ހިނގާފައިވަނީ މަގުމަތީގައެވެ. އަދި %14 މައްސަލައަކީ ފިހާރަތަކުން ހިނގާފައިވާ މައްސަލަތަކެވެ.
ރަމަޟާންމަހު ހިނގާ ކުށްތަކުގެ ބާވަތްތަކާއި ކުށްކުރާ ވަގުތުތަކަށް ބަލާއިރު މިފަދަ ކުށްތައް ކުރުން އެންމެ ގިނައީ މީހުން ނިދާފައި ތިބޭ ވަގުތާއި، ކާރުބާރު އެންމެ ބޮޑުވާ ވަގުތުތަކުގައެވެ. އެގޮތުން ފަތިސް ނަމާދަށްފަހު މީހުން ނިދާ ވަގުތާއި މެންދުރު ބާރައިން ރޭގަނޑު ބާރައަށް ހުށައަޅާ މައްސަލަތައް ގިނައެވެ.
ރަމަޟާން މަހު ޢާއްމުކޮށް ފުލުހުންނަށް ހުށަހަޅާ މައްސަލަތަކުގެތެރޭގައި ގޭގައި ހުންނަ މުދާ ނުވަތަ ފައިސާ ވަގަށްނެގުމާއި ފިހަރަތަކުން ވައްކަން ކުރުމާއި މަގުމަތީގައި ހުންނަ ސައިކަލު ފަދަ ވެހިކަލްތަކުގެ އެކިބައިތައް ވަގަށްނެގުމާއި މަޑި ހުޅުވައިގެން މަޑި ދަށުގައި ހުންނަ ތަކެތި ނެގުމާއި، މިސްކިތުގައި މީހުން ނަމާދަށް ތިބޭ ވަގުތު މީހުންގެ އަގުބޮޑު ތަކެތި ވަގަށް ނެގުމާއި މަގުމަތިން ދާއިރު ފޯނާއި ވެލެޓުފަދަ ތަކެތި ފޭރުމުގެ މައްސަލަތައް އިތުރެވެ.
ފޭރުމުގެ %72 މައްސަލަތައް މަގުމަތިން ހިންގާފައިވާއިރު، މިފަދަ މައްސަލަތަކުގެ ބޮޑު ބަޔަކީ އަނދިރި ސަރަޙައްދުތަކާއި، މީހުން މަދު ތަންތަނުން ހިނަގާފައިވާ ކަންކަމެވެ.
މިކަން ޙައްލުކޮށް، މަގުމައްޗަކީ ރައްކާތެރި ތަނަކަށް ހެދުމަށް ފުލުހުންނާއި ސިޓީ ކައުންސިލް ގުޅިގެން ރޯދައަށްވަނީ މާލޭގެ އަނދިރި މަގުތައް އަލި ކުރުމުގެ މަސައްކަތް ފަށާފައެވެ. އަދި މާލޭގައި ނޭބަހުޑް ޕޮލިސް ޙަރަކާތްތެރިވުމާއި، ފުލުހުން މާލެ ބަލަހައްޓާ ވަގުތުތައްވެސް މި ރޯދަމަހު ވަރަށް ބޮޑުތަން އިތުރުކުރާނެއެވެ. އެހެންކަމުން މިއަހަރުގެ ރަމަޟާން މަހަކީ ކުށްމަދު އަމާން މަހަކަށް ހެދުމަށް އެންމެންވެސް ސާމާލުވާންޖެހެއެވެ.
އެގޮތުން ގޭގޭގެ ދޮރުތައް ތަޅުލާފައި ބެހެއްޓުމާއި، ވައްކަން ކުރަން ވަންނަ މީހުންނަށް ފަސޭހައިން ވަދެވޭގޮތަށް ހުރި ތަންތަނުން ނުވަދެވޭގޮތް ހެދުމާއި، ފައިސާއާއި އަގުބޮޑު މުދާ ފަސޭހައިން ފެންނަގޮތަށް ނުބެހެއްޓުމާއި، އަތުގައި ނަގުދުކޮށް ފައިސާ ނުބަހައްޓާ ކާޑު ބޭނުންކުރުމާއި، އެއްތަނުން އަނެއްތަނަށް ގިނަ ޢަދަދެއްގެ ފައިސާ އުފުލާނަމަ ފުލުހުންގެ އެހީތެރިކަން ހޯދުމާއި، މިސްކިތަކަށް ދާއިރު ފޯނު، ވޮލެޓް، ދަބަސް ފަދަ ތަކެތި ދުރުގައި ނުބެހެއްޓުމާއި، ސައިކަލު މަޑިދަށުގައި ފައިސާއާއި، އަގުބޮޑު މުދާ ފަދަ ތަކެތި ނުބެހެއްޓުން ހިމެނެއެވެ.
އަދި ވޮލެޓާއި ފޯނު ފޭރުމަކީ އެންމެ ގިނައިން ހިނގާ އެއް ކުށަށްވާއިރު، ވޮލެޓާއި ފޯން ނަގައިގެން ބޭނުންކުރާއިރު، އިތުރަށް ސަމާލްވުމަށް ފުލުހުން އިލްތިމާސްކުރެއެވެ.