ޚަބަރު

އިބްތިހާލަށް ޖިންސީ ގޯނާ ކުރި ދޮންކާފަ ހައްޔަރުކޮށްފި


ބޮޑެތި ޒަޚަމްތަކާއެކު މަރުވެފައި އޮއްވާ ވ. ރަކީދޫން ފެނުނު
ތިން އަހަރުގެ މުހައްމަދު އިބްތިހާލަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި
އެކުއްޖާގެ ދޮންކާފަ ހައްޔަރުކޮށްފިއެވެ.



އިބްތިހާލުގެ މަރުގެ މައްސަލައިގެ ތަހުގީގާ ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު
ދެއްވުމަށް އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި
ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓްގެ ހެޑް ސްޕްރިޓެންޑެންޓް
ޢަބްދުﷲ ސަތީޙް ވިދާޅުވީ، މުހައްމަދު އިބްތިހާލްގެ މަރުގެ ތަހުގީގުގައި
ފާހަގަކުރެވުނު ކަންތައްތަކަކާއި ގުޅިގެން އިބްތިހާލްގެ ދޮންކާފަ ނުވަތަ އާފިޔާގެ
ދޮންބައްޕަކަމުގައިވާ މ. ދިއްގަރު، ބަށިމާގެ، އުމުރުން 36 އަހަރުގެ އިސްމާއިލް
ރައުފް މިމަހުގެ އެއްވަނަ ދުވަހު ކޯޓް އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާކަމަށެވެ.
އާފިޔާގެ ދޮން ބައްޕަ ރައުފަކީ މީގެ
ކުރިންވެސް  ދޮންދަރިއަކަށް އަނިޔާ ކުރި
ކަމުގެ ކުށް ސާބިތުވެ ހުކުމް ތަންފީޒުކޮށްފައިވާ މީހެއް ކަމަށާއި، އޭނާގެ އުފަން
ދަރިއަކަށް ވެސް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުުހުން ތަހުގީގު ކޮށްފައިވާ
ކަމަށް ސަތީހް ވިދާޅުވިއެވެ.



އިބްތިހާލު މަރުވީ،
އޭނާގެ މަންމަ އާފިޔާ ތަކުރާރުކޮށް އެކުއްޖާއަށް ދިން ބޮޑެތި އަނިޔާތަކުގެ
ސަބަބުންކަމަށާއި، އެމައްސަލާއިގެ ތަހްގީގް ނިމި މިހާރު އޮތީ ޕީޖީ އޮފީހަށް
ފޮނުވުމުގެ މަރުހަލާގައި ކަމަށްވެސް ސަތީހް ވިދާޅުވިއެވެ.
ބޮޑެތި ޒަޚަމްތަކަކާއެކު އުމުރުން ތިން އަހަރުގެ
އިބްތިހާލް މަރުވެފައި އޮއްވާ ފެނުނީ ޖެނުއަރީ މަހުގެ އަށާވީސްވަނަދުވަހު އެނާ ދިރިއުޅޭ
ގޭގެ ސިޓިން ރޫމުންނެވެ. އިބްތިހާލްގެ މަރުގެ މައްސަލަ  ފުލުހުން ތަހްގީގްކުރަމުންދާއިރު  ހިއުމަން ރައިޓްސް ކޮމިޝަނުންވެސް އަންނަނީ އެ
މައްސަލަ ބަލަމުންނެވެ.