ވޭމްކޯއިން ލޭބަލް ޖެހި ފުޅިއެއް، އަނބުރާ ރައްދުކޮށްގެން ރުފިޔާ ލިބޭ ކެމްޕެއިނެއް އެ ކުންފުނިން ފަށައިފިއެވެ. ޔޫއެންޑީޕީގެ ސްމަރޓް ސިޓީ ޕްރޮޖެކްޓްގެދަށުން "ރައްދު"ގެ ނަމުގައި ކުރިއަށްގެންދާ މި ކެމްޕެއިން ކުރިއަށްދާނީ ހުޅުމަލޭގައެވެ.
ވެމްކޯއިން ބުނެފައިވަނީ ވެމްކޯ ސްމަރޓްސިޓީ ލޭބަލް ޖަހާފައިވާ ފެންފުޅި ވިއްކާނީ، ހުލުމާލޭ ވެމްކޯ އޮފީ ހުންނަ ބްލޮކްގައި ހުރި ފިހާރަތަކުންކަމަށެވެ. އަދި ފެންފުޅި ބޭނުންކޮށްފައިި އެއްލާލުމުގެ ބަދަލުގައި ވެމްކޯގެ ހުޅުމާލެ އޮފީހަށް ރައްދުކުރުމުން، ކޮންމެ ހުސް ފުޅިއަކަށް ވެމްކޯއިން 1 ރުދިޔާ ދޭނެކަމަށެވެ. މި ޕްރޮގްރާމްގައި ވޭމްކޯއިން ލޭބަލް ޖަހާފައިވާ 10،000 ފުޅި ވިއްކުމަށް ހަމަޖެހިފައިވެއެވެ.
ރައްދު ޕްރޮގްރާމައި ގުޅޭ މަޢުލޫމާތު ދެއްވަމުން ވެމްކޯގެ ޖެނެރަލް މެނޭޖަރ އޮޕަރޭޝަންސް އަޙްމަދު ޝަފީއު ވިދާޅުވީ މި ޕްރޮގްރާމްގެ އެންމެ ބޮޑު މަޤްސަދަކީ ކުނީގެ ގޮތުގައި މަގުމައްޗައް އުކާލާ ފުޅި މަދުކުރުންކަމަށެވެ.
"ޕަބްލިކް ލިޓަރިންގައަށް އެދެވޭ ހައްލެއް އެބަ ހޯދަންޖެހޭ. 2.5 މިލިއަން އެބަ ޚަރަދުވޭ މަގުމަތީގެ ކުނި ނެގުމަށް. ޕްލާސްޓިކަށް ބަލާނަމަ އަހަރަކު އެބަ ތިން ލައްކަ 50 ހާހަށްވުރެ ގިނަ ޕްލާސްޓިކް ފުޅި އުކާލެވޭ." ޝަފީއު ވިދާޅުވިއެވެ.
ޔޫއެންޑީޕީ ސްމަރޓް ސިޓީ ޕްރޮޖެކްޓަކީ އިޖްތިމާއީ މައްސަލަތަކަށް ޙައްލު ހޯދުމަށް ކުރެވޭނި ކަންތައްތައް ދެނެގަނެ، އެކަންކަން ޙާއްސިލްކުރުމަށް އޫރިދޫއާއި ގުޅިގެން ހިންގާ ޕްރޮޖެކްޓެކެވެ.
ސްމަރޓް ސިޓީ ޕްރޮޖެކްޓްގެ ފަރާތުން ވާހަކަދައްކަވަމުން ޔޫއެންޑީޕީގެ އެސިސްޓަންޓް ރެސިޑެންޓް ރެޕްރެޒެންޓެޓިވް އައިޝަތް ރިޒަނާ ވިދާޅުވީ، ޔޫއެންޑީޕީން މަސައްކަތް ކުރަނީ، އުފެއްދުންތެރި ޚިޔާލު ބޭނުންކޮށްގެން މުޖުތަމަޢުއަށް ބޭނުންތެރި ޚައްލުތަކެއް ހޯދުމަށްކަމަށެވެ.
" ބޭންވަނީ ޒުވާނުން ބާރުވެރިކޮށް، އެމީހުންގެ ހިޔާލު ބޭނުންކޮށްގެން ހުޅުމަލެ އަކީ ޓެކްނޮލޮޖީއާއި، އާއީޖާދުތަކާއި ރައްޓެހި ތަނަކަށް ހަދަން. އެގޮތުން އެމްޓީސީސީ އަދި އެޗްޑީސީއާއި ގުޅިގެންވެސް މިހަދަ ޕައިލްޓް ޕްރޮޖެކްޓްތައް ރާވަމުންދަނީ." ރިޒްނާ ވިދާޅުވިއެވެ.
ވެމްކޯއިން ބުނެފައިވަނީ "ރައްދު"ގެ މި ޕްއިލެޓް ޕްރޮޖެކްޓް އެދެވޭ ގޮތެއްގައި މައްސައްކަތް ކޮށްފިނަމަ، ޤައުމީ ފެންވަރެއްގައި މިކަން ކުރަން މަސައްކަތް ކުރާނެކެމަށެވެ. އަދި ޕްލާސްޓިކްގެ އިތުރުން ދަޅުފަދަ ތަކެތިވެސް ވެމްކޯއަށް ރައްދުކުރުމުން، ރުފިޔާ ލިބޭގޮތް ހަދާނެކަމަށެވެ.
ހުޅުމާލޭގެ ފިހާރަތަކުން ލޭބަލް ޖެހި ފުޅި ވިއްކަން ފަށާނީ މާދަމައެވެ. މި ކެމްޕެއިން ކުރިއަށްދާނި އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށެވެ.