ވިޔަފާރި

ރާއްޖޭގައި މިހާތަނަށް ބޭނި އެންމެ ބޮޑު ތުތި ބޯވަދިލަމަސް!


މި ސަރުކާރުން ޙާއްސަ އިސްކަމެއްދީގެން ކުރިއަރުވަން މަސައްކަތްކުރާ ތުތި ބޯވަދިލަމަހުގެ މަސްވެރިކަން މިހާރު އަންނަނީ ފުޅާ ދާއިރާއެއްގައި ކުރިއަރަމުންނެވެ. ފިޝަރީޒް މިނިސްޓްރީން ތުތި ބޯވަދިލަމަހުގެ މަސްވެރިކަން ކުރަން ބޭނުންވާ ފަރާތްތަކަށް ވަނީ އެކަމަށް ބޭނުންވާ ޙާއްސަ ތަމްރީނާއި އާލާތްތައްވެސް ދީފައެވެ. މިއާއެކު ރާއްޖޭގައި ދަނީ ތުތި ބޯވަދިލަމަހުގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތައް ގިނަވަމުންނެވެ.

ތުތި ބޯވަދިލަމަހުގެ މަސްވެރިކަންކުރާ ފަރާތްތައް އިތުރުވަމުންދާއިރު، ރާއްޖޭގައި މިހާތަނަށް ބޭނި އެންމެ ބޮޑު ތުތި ބޯވަދިލަމަސް ވަނީ މިއަދު ބާނާފައެވެ. މިމަސް ބާނާފައިވަނީ ފިޝަރީޒް މިނިސްޓްރީން ހިންގި ތުތި ބޯވަދިލަމަހުގެ މަސްވެރިކަމުގެ ތަމްރީން ފުރިހަމަކޮށްފައިވަނީ މުޙައްމަދު ޖަލީލް ނަމަކަށްކިޔާ މީހެކެވެ. އޭނާ މިމަސް ބޭނީ ހުޅުމާލޭ ބޭރުންނެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން މައުލޫމާތުދޭ ގޮތުގައި އޭނާ ބާނާފައިވަނީ 19.5 ކިލޯގެ ތުތި ބޯވަދިލަމަހެކެވެ. އެމަސް މިފްކޯއަށް ވިއްކާލާފައިވަނީ ކިލޯއެއް 180 ރުފިޔާގެ ރޭޓުން، ތިންހާސް ފަސް ސަތޭކަ ދިހަ ރުފިޔާއަށެވެ.

މީގެ ކުރިންވެސް ފިޝަރީޒް މިނިސްޓްރީން ތުތި ބޯވަދިލަމަހުގެ މަސްވެރިކަމުގައި ތަމްރީން ފުރިހަމަކޮށްފައިވާ މީހަކު ވަނީ 12.2 ކިލޯއާއި 11.3 ކިލޯގެ ތުތި ބޯވަދިލަމަހެއް ބާނާފައެވެ. އެފަހަރުވެސް އެމަސް މިފްކޯއިން ގަނެފައިވަނީ ކިލޯއެއް 180 ރުފިޔާއަށެވެ.

ތުތި ބޯވަދިލަމަހުގެ މަސްވެރިކަމަކީ ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ އައު ވައްތަރުތަކުގެ މަސްވެރިކަމަކަށް ހުޅުވާލުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެއްކެވެ. ތުތި ބޯވަދިލަމަހުގެ މަސްވެރިކަން ކުރުމަށް ބޭނުންވާ ތަމްރީނާއި އާލާތްތައް މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސް އެންޑް އެގްރިކަލްޗަރއިން 7 ފަރާތަކަށް ވަނީ މިއަހަރުގެ ތެރޭގައި ދީފައެވެ.

މި ޕްރޮގްރާމްގެ ދަށުން ތުތި ބޯވަދިލަމަހުގެ މަސްވެރިކަން ކުރުމަށް ބޭނުންވާ އާލާތްތައް ހިމެނޭ 10 ސެޓެއް މިނިސްޓްރީން ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ތަކެތި ދޫކުރުމަށް ހަމަޖެހިފައިވަނީ 5 އަހަރަށް ބަހާލައިގެން އަގު އަދާކުރާގޮތަށެވެ. މަހުން މަހަށް ފައިސާ ދައްކާ އުސޫލުން ފޯރުކޮށްދޭ މި ސެޓުތަކުގެ އަގު ދުއިސައްތަ ސާޅީސް ނުވަހާސް ރުފިޔާއަށް އަރައެވެ.

ތުތި ބޯވަދިލަމަހުގެ މަސްވެރިކަމަކީ ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް މަންފާކުރާނެ ވިޔަފާރިއެއްކަމަށާއި، ބައިނަލްއަޤްވާމީ ބާޒާރުގައި ތުތި ބޯވަދިލަމަހަށް ރަނގަޅު އަގެއް ލިބޭ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ. އެގޮތުން ބޭރުގެ ބާޒާރުތަކުގައި ތުތި ބޯވަދިލަމަހުގެ ކިލޯއެއް އުޅެނީ 25 ޑޮލަރާއި 15 ޑޮލަރާ ދެމެދުގެ އަގެއްގައެވެ.