ވިޔަފާރި

ޖީ.އެސް.ޓީ ބަޔާން ހުށަހެޅުމުގެ ސުންގަޑި މާދަމާ ހަމަވާނެ


މިއަހަރުގެ ފުރަތަމަ ކުއާޓަރ ޖީއެސްޓީ ބަޔާނާއި މާޗް މަހުގެ ޖީ.އެސް.ޓީ ބަޔާން ހުށައެޅުމުގެ ސުންގަޑި މާދަމާ ހަމަވާނެއެވެ.

މަހަކު އެއް ފަހަރު ޖީ.އެސް.ޓީ ބަޔާން ހުށަހަޅައި ފައިސާ ދައްކަންޖެހޭ ފަރާތްތަކާއި، ތިންމަހުން އެއް ފަހަރު ޖީ.އެސް.ޓީ ބަޔާން ހުށަހަޅައި ފައިސާ ދައްކަންޖެހޭ ފަރާތްތަކުން ސުންގަޑިއަށް ޖީ.އެސް.ޓީ ބަޔާން ހުށަހަޅައި ފައިސާ ދެއްކުމަށް މީރާއިން އިލްތިމާސްކުރެއެވެ.

މީރާއިން ބުނީ އަހަރެއްގެ މައްޗަށް 5 މިލިއަން ރުފިޔާއަށް ވުރެ އިތުރަށް އާމްދަނީ ލިބޭ ފަރާތްތަކާއި ޖީ.އެސް.ޓީ ބަޔާނާއެކު ކެޕިޓަލް ޚަރަދުތަކުގެ މައުލޫމާތު ހިމެނޭ އިންފޮމޭޝަން ޝީޓް ހުށަހަޅަންޖެހޭ ފަރާތްތަކުން ޖީ.އެސްޓީ ބަޔާން ހުށަހަޅަން ޖެހޭނީ މީރާ އޮންލައިން ޕޯޓަލް "މީރާ ކަނެކްޓް" މެދުވެރިކޮށެވެ. މީގެ އިތުރުން، 50 މިލިއަން ރުފިޔާއަށް ވުރެ އިތުރަށް އާމްދަނީ ލިބޭ ފަރާތްތަކުން ޖީ.އެސްޓީ ދައްކަން ޖެހޭނީ މީރާ ކަނެކްޓް މެދުވެރިކޮށެވެ. މީރާ ކަނެކްޓް މެދުވެރިކޮށް ބަޔާން ހުށަހަޅައި ފައިސާ ދެއްކުން ލާޒިމުނުވާ ފަރާތްތަކަށް ވެސް މީރާ ކަނެކްޓް މެދުވެރިކޮށް ބަޔާން ހުށަހަޅައި ފައިސާ ދެއްކިދާނެކަމަށް މީރާއިން ބުނެއެވެ.

ވަގުތީ ގޮތުން ވިޔަފާރި ހުއްޓާލިކަމުގައި ވީނަމަވެސް، ނުވަތަ ޖީ.އެސް.ޓީގެ ރަޖިސްޓަރީން އުނިކުރަން ހުށަހަޅާފައި ވީނަމަވެސް ޖީ.އެސް.ޓީ ރަޖިސްޓަރީން އުނިކުރެވިފައި ނުވާނަމަ، ޖީ.އެސް.ޓީ ބަޔާން ހުށަހަޅައި ޖީ.އެސް.ޓީގެ ގޮތުގައި ދައްކަންޖެހޭ އަދަދު މީރާ އަށްދައްކަން ވާނެކަމަށްވެސް މީރާއިން ބުނެއެވެ.

ކަނޑައަޅާފައިވާ ސުންގަޑިއަށް ޖީ.އެސް.ޓީ ބަޔާން ހުށަނާޅައިފިނަމަ، ފާއިތުވާ ކޮންމެ ދުވަހަކަށް 50 ރުފިޔާ އަދި ޓެކްސް ދައްކަންޖެހޭ ދުވަހުން ފެށިގެން ވޭތުވަމުންދާ ކޮންމެ ދުވަހަކަށް، ނުދައްކާ އޮތް އަދަދުގެ %0.05 އިން ޖޫރިމަނާ ކުރާނެއެވެ.