ޚަބަރު

ވީއައިއޭގެ ސެކިއުރިޓީ ސިސްޓަމްތައް ޒަމާނީ ވަސީލަތްތަކާއެކު އަޕްގްރޭޑްކޮށްފި


ސަލާމަތީ ކަންކަން ކަށަވަރުކުރުމުގެ ގޮތުން ރާއްޖޭގެ ބޯޑަރ ކޮންޓްރޯލް ސިސްޓަމް ޒަމާނީ ވަސީލަތްތަކަށް އަޕްގްރޭޑްކޮށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްްގައި ޚިދުމަތްދޭން ފަށައިފިއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި މިކަމަށް ބޭނުންވާ ސޮފްޓްވެއަރ އާއި ހަރޑްވެއައގެ ވަސީލަތްތައްވެސް ވަނީ ޤާއިމުކޮށްފައެވެ. އެގޮތުން ބޯޑަރ ސެކިއުރިޓީގެ ކަންކަން މޮނިޓަރކުރުމަށް ބޭނުންކުރާ ކެމެރާ ހަރުކުރުމާއި، ފިންގަރ ޕްރިންޓް ސިސްޓަމްތައްވެސްވަނީ އަޕްގްރޭޑްކޮށްފައެވެ.

ރާއްޖެއަށް އެތެރެވާ މީހުންނާއި، ބޭރުވާ މީހުންގެ މަޢުލޫމާތު ދެނެގަތުމާއި، ބެލެހެއްޓުމަށް ބަހައްޓާފައިވާ ޕަރސަނަލް އައިޑެންޓިފިކޭޝަން ސެކިއުއަރ ކޮމްޕެރިޒަން އެންޑް އިވެލުއޭޝަން ސިސްޓަމް، "ޕައިސިސް"ގެ ސޮފްޓްވެއަރ އަޕްގްރޭޑާއެކު މިހާރު ދެމުންދާ ޚިދުމަތުގެ ސްޕީޑް އަވަސްވެ ޚިދުމަތުގެ ފެންވަރު އިތުރުވާނެކަމަށް ކޮންޓްރޯލަރ އޮފް އިމިގްރޭޝަން މުޙައްމަދު އަޙްމަދު ހުސައިން ވަނީ ވިދާޅުވެފައެވެ.

އަދި މި ޚިިދުމަތް ވައިގެ މަގުން ދަތުރުކުރާ މީހުންގެ އިތުރުން، ކަނޑު މަގުން ދަތުރުކުރާ މީހުުންނާއި، ކުރާ މުޢާމަލާތްތަކުގެ މަޢުލޫމާތު ބެލެހެއްޓުމަށްވެސް ބޭނުންކުރާނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި މާލޭގެ ވިޔަފާރި ބަނދަރުގައި ބޭނުންކުރާ ސިސްޓަމްތައްވެސް އަޕްގްރޭޑްކުރުމުގެ މަސައްކަތް ފަށާފައިވާކަން އޭނާވަނީ ފާހަގަކުރައްވާފައެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީގެ ސްޓޭޓް މިނިސްޓަރ ޢަލީ ޞާލިޙު ވިދާޅުވީ، ރާއްޖޭގެ ބޯޑަރ ސެކިއުރިޓީ ބެލެހެއްޓުމުގެ ނިޒާމު މީގެކުރިން އޮތީ ވަރަށް ދަށް ހާލަތެއްގައިކަމަށާއި، ބޭނުންކުރަމުންދަނީ ކުރީގެ ވަސީލަތްތައްކަމަށެވެ. ނަމަވެސް މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން އެންޑް ސައިންސާއި، އިމިގްރޭޝަނާއި، އެމްއެންޑީއެފް ގުޅިގެން، އެމެރިކާ ސަރުކާރުގެ އެހީގައި 70 ސިސްޓަމް ގެނެސް އިންސްޓޯލް ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށެވެ.

އަލީ ސާލިޙް ވިދާޅުވީ މި ސިސްޓަމްތައް ރާއްޖޭގައި ހުރި އެހެން ބައިނަލްއަޤްވާމީ ވައިގެ ބަނދަރުތަކުގައިވެސް ބެހެއްޓުމުގެ މަސައަކަތް ކުރަމުންދާކަމަށެވެ. އެގޮތުން ހަނިމާދުއާއި، އައްޑޫ ގަމުގައި ހުރި ސިސްޓަމްތައް އަޕްގްރޭޑްކުރަނެކަމަށްވެސް އޭނާ ވިދާޅުވިއވެެ.

އާ ސޮފްޓްވެއަރއާއި، ސިސްޓަމްތައް ބޭނުންކުރުމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި މަސައްކަތް ކުރާ މުޢައްޒަފުންވެސްވަނީ ތަމްރީންކޮށްފައެވެ.