ސިއްޙީ ޚިދުމަތް ފޯރުކޮށްދޭ ހުރިހާ ތަނެއް އެއްވިއުގަ އަކުން ގުޅާލުމަށް ބޭނުންކުރާނެ ސްފްޓްވެއަރ ޑީއެޗްއެސް ޓޫއަށް މުވައްޒަފުން އަހުލުވެރިކުރުމަށް ބޭއްވި މަސައްކަތު ބައްދަލުވުން ނިންމާލައިފިއެވެ.
ބ.އަތޮޅު ހޮސްޕިޓަލާއި ހެލްތް މިނިސްޓްރީއާއި ދުނިޔޭގެ ސިއްޙަތު ޖަމްއިއްޔާ ޑަބްލިއުއެޗްއޯ ގުޅިގެން ކުރިއަށްގެންދިޔަ މިމަސައްކަތު ބައްދަލުވުމުގައި ބ.އަތޮޅުގައި ސިއްޙީ ހިދުމަތް ފޯރުކޮށްދޭ ތަންތަނުގެ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.
ރާއްޖޭގެ ސިއްޙީޙިދުމަތް ފޯރުކޮށްދޭ ހުރިހައިތަނެއް އެއްވިއުގައަކުން ގުޅާލުމަށް ބޭނުން ކުރާ ސްފްޓްވެއަރ ޑީއެޗްއެސް ޓޫގެ ސަބަބުން ވަރަށް ބޮޑެތި ބަދަލުތަކެއް އަންނާނެކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއެވެ. އެގޮތުން މިދާއިރާގައި ލިޔެކިޔުން މިހާރު ބޭނުން ކުރާގޮތައް ބަދަލުތަކެއް އަންނާނެކަންވެސް މިނިސްޓްރީން މައުލޫމާތުދެއްވައެވެ.
ބަލިމީހާގެ ޑޮކްޓަރަށް ދައްކާ ފުރަތަމަ ދުވަހުން ފެށިގެން އެމީހާ ބަލިވެގެން ޑޮކްޓރަށް ދެއްކި ސަބަބާ ދީފައި ހުރި ބޭސްތަކާއި ހަދާފައިވާ ޓެސްޓްތަށްވެސް ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރި ސިއްޙީ ހިދުމަތް ފޯރުކޮށްދޭ ތަނަކަށްވެސް މި ސްފޮޓްވެއަރ ގެ އެޙީގައި ފެންނާނެއެވެ. އަދި ބައެއް މަޢުލޫމާތު ފޯނުންވެސް ބެލޭނެކަމަށް ހެލްތްމިނިސްޓްރީން ވިދާޅުވެއެވެ.
މިމަސައްކަތު ބައްދަލުވުން ފެށުމުގެ ގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެމުން ހެލްތްމިނިސްޓްރީގެ ޑިރެކްޓަރ މުއުމިނާ އާދަމް ވަނީ މިމަސައްކަތު ބައްދަލުވުމުން ދަސްވާ އެއްޗެއްގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ބައިވެރިންނަށް އިލްތިމާސް ކުރައްވާފައެވެ. އަދި ރާއްޖޭގައި ފުރަތަމަ މިސޮފްޓްވެރއަ ބޭނުން ކުރާނެތަކަށް ބ.އަތޮޅުވެގެންދާއިރު ރާއްޖޭގެ އެހެން ހިސަބުތަކަށް މިކަން ތައާރަފް ކުރާނީ ބ.އަތޮޅުން ނުކުންނަ ނަތީޖާއަށް ބެލުމަށްފަހުކަމަށްވެސް އޭނާ ވިދާޅިވިއެވެ.
މި މަސައްކަތު ބައްދަލުވުމުގެ ބައިވެރިންބުނީ މިކަމުގެ ސަބަބުން އެމީހުންގެ މަސައްކަތްތަކަށް ވަރަށްބޮޑު ލުޔެއް އަންނާނެކަމަށެވެ. އެހެންނަމަވެސް އެންމެ ފުރިހަމަ އަށް ޚިދުމަތް ފޯރުކޮށް މަސައްކަތްތައް ހަރުދަނާކުރުމަށްޓަކައި، ބައެއް ހެލްތުސެންޓަރުތަކަށް ދިމާވެފައިވާ އިންޓަރނެޓް ސްޕީޑްގެ ދަތިކަން ހައްލުކޮށް ދިނުމަށް ބައިވެރިން ވަނީ އެދިފައެވެ.
"ޑީއެޗްއެސް ޓޫ" ބޭނުންކުރަން ފެށުމުން ރާއްޖޭގައި ބަލިތައް ފެތުރޭ މިންވަރާ ބަލިވުމުން ޑްކްޓަރަށް ދައްކާ މީހުންގެ ޢަދަދު ދުވަހުންދުވަހަށް ވެބްސައިޓް މެދުވެރިކޮށް އަޕްޑޭޓްވާނެކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއެވެ.
ހެލްތްމިނިސްޓްރީގެ ޑިރެކްޓަރ މުއުމިނާ އާދަމް ވިދާޅުވީ މިކަން ބ.އަތޮޅުގައި ތަންފީޒުކުރަން ފެށުމަށްފަހު ރާއްޖޭގެ އެހެން ހިސާބު ތަކެއްގައިވެސް މިމަސައްކަތް ފަށާނެކަމަށެވެ.
ފަސްދުވަހުގެ މުއްދަތަކަށް ބ.އަތޮޅު އޭދަފުށީގައި ކުރިއަށްގެންދިޔަ މިމަސައްކަތު ބައްދަލުވުމުގައި މިސޮފްޓް ވެއަރ ކިޔަވައިދެއްވާފައިވަނީ ޑަބްލިއު އެޗްއޯގެ ކޮންސަލްޓަންޓުނާ މިނިސްޓްރީ އޮފް ހެލްތުގެ މިކަމުގެ ތަޖުރިބާ ލިބިފައި ތިއްބެވި މާހިރުންނެވެ. ޑީއެޗްއެސްއައިޓޫ އަކީ ދުނިޔޭގެ 65 ޤައުމެއްގައި ބޭނުން ކުރާ ސޮފްޓް ވެއަރއެކެވެ.