ސިޔާސީ

ސުޢޫދު ޑީޖޭއޭއަށް ޙާޒިރުކޮށް ބަޔާންނަގައިފި


ޝަރުޢީ ދާއިރާއާގުޅޭގޮތުން ޤާނޫނީ ވަކީލު އަލްއުސްތާޛު ޙުސްނުއްސުޢޫދު ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އަށް އޭނާ ޙާޒިރުކޮށް ބަޔާންނަގައިފިއެވެ.

ކުރިން ބަންޑާރަ ނާއިބުކަންވެސް ކުރައްވާފައިވާ ހުސްނުއްސުޢޫދު ރާއްޖެ ޓީވީގައި ދެއްކެވި ވާހަކަފުޅުގައި ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުން މަޤާމުން ދުރުކުރަން ޖެހޭ ކަމަށާ އެކޯޓުގެ ފަނޑިޔާރުންގެ މައްޗަށް އިތުބާރު ނެތްކަމަށް ވިދާޅުވެ ވަނީ ވާހަކަފުޅުދައްކަވާފައެވެ.

އެ މައްސަލަ ބެލުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމައި ސުޢޫދު ޑީޖޭއޭއަށް ޙާޒިރުކޮށްފައިވަނީ މިއަދު މެންދުރު އެއްގަޑި ފަނަރާގައެވެ. ޑީޖޭއޭއިން ނިކުމެވަޑައިގެން މީޑިއާއާއި ވާހަކަ ދައްކަވަމުން ސުޢޫދު ވިދާޅުވީ، އޭނާގެ ވާހަކަތަކަކީ ވަކި ނަތީޖާއެއް ނެރުމަށް ދެއްކެވި ވާހަކަތަކެއްތޯ ޑީޖޭއޭއިން ސުވާލުކުރެއްވިކަމަށެވެ. ނަމަވެސް އެއީ އެއްވެސް ވަކިނަތީޖާއެއް ނެރުމަށް ދެއްކި ވާހަކަތަކެއް ނޫންކަމަށާ، ޤާނޫނު އަސާސީން ކަށަވަރުކޮށްދޭ ޚިޔާލުފާޅުކުމުގެ މިނިވަންކަމުގެ ބޭނުން ހިއްޕެވީކަމަށް ވިދާޅުވެފައިވާނެކަމަށް ސުޢޫދު ވިދާޅުވިއެވެ.

"އަޅުގަނޑަށް ޤާނޫނު އަސާސީން ލިބިދޭ ޙައްޤުގެ ބޭނުން ހިފާނަން ހިތަށްއަރާ ކޮންމެފަހަރަކު. އެ މިނިވަންކަން މިއޮންނަނީ ހުރިހާ ރައްޔިތުންނަށްވެސް ލިބިދީފައި. އެމިނިވަންކަން އޮންނަންޏާ ބޭނުން ކުރާނެ ދެއްތޯ. އަމިއްލައަށް ތަޅުއެޅުވިގެން ނުހުންނާނެ ދެއްތޯ މިނިވަންކަން އޮއްވާ." ސުޢޫދު ވިދާޅުވިއެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވިދާޅުވީ، ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ޝަރުޢީ ދާއިރާއާ ގުޅޭގޮތުން ޙުސްނުއްސުޢޫދު ދެއްކެވި ވާހަކަތަކާއި ގުޅިގެން، ކޯޓުގެ ޙުރުމަތް ރައްކާތެރިކުރުމާބެހޭ ޤަވާޢިދާއި ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރާ ޤާނޫނީ ވަކީލުންނާބެހޭ ޤަވާޢިދުގެ ދަށުން އެ މައްސަލަ ބެލުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމަވާފައިވާކަމަށެވެ.

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމެޓީގެ ރައީސް ޙުސްނުއްސުޢޫދު ވާހަކަފުޅުދައްކަވާފައި މިވަނީ، ފަނޑިޔާރުންނާއި ގޭންގުތަކާ ގުޅުން އޮންނަކަމަށް ވިދާޅުވެ، ސުޢޫދު ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)އިން އެމައްސަލަވެސް ބަލާފައިވާ ދަނޑިވަޅެއްގައެވެ.