ޚަބަރު

13 އަހަރުން އަހަރުން ދަށުގެ ޗެމްޕިއަންކަން ޣާޒީ ސްކޫލް ހޯދައިފި


މަމެން އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ ތޭރަ އަހަރުން އަހަރުން ދަށުގެ ޗެމްޕިއަންކަން ޣާޒީ ސްކޫލް ހޯދައިފިއެވެ. ރަސްމީ ފުޓްބޯޅަ ދަނޑުގައި ރޭ ކުޅުނު ފައިނަލް މެޗު ޣާޒީ ސްކޫލުން ކާމިޔާބުކުރީ ޅ.އަތޮޅު ތައުލީމީ މަރުކަޒާއި ވާދަކޮށް ޕެނަލްޓީ ޖަހައިގެން ހަތް ލަނޑު ހަ ލަނޑުންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެޓީމުވެސް ވަނީ ދެ ލަނޑު ދެ ލަނޑުން އެއްވަރުވެފައިއެވެ. މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދީ ޅ.އަތޮޅު ތައުލީމީ މަރުކަޒުންނެވެ. މި ލަނޑު މެޗުގެ ހަތަރުވަނަ މިނެޓުގައި އެޓީމަށް ޖަހައިދިނީ އަބްދުﷲ އަރީން މުހައްމަދުއެވެ. ނަމަވެސް ޣާޒީ ސްކޫލުންވަނީ ފަހަތުން އަރާ ދެ ލަނޑު ޖަހާ މެޗުގެ ނަތީޖާ ބަދަލުކޮށްލާފައިއެވެ. މި ދެ ލަނޑު ޣާޒީ ސްކޫލަށް ޖަހައިދިނީ މުހައްމަދު އައިހަމް އިބްރާހިމް އަދި ޔޫސުފް އަރްޝަމް މުހައްމަދުއެވެ. މެޗުގެ ނަތީޖާ ޅ.އަތޮޅު ތައުލީމީ މަރުކަޒަށް އެއްވަރުކޮށްދިން ލަނޑު އެޓީމަށް ޖަހައިދިނީ އަލީ އަފްޒާން އިބްރާހިމްއެވެ. ފައިނަލް މެޗަށްފަހު ވަނީ ވަނަވަނައަށް ދިޔަ ކުޅުންތެރިންނަށް ޓްރޮފީއާ މެޑަލް ހަވާލުކޮށްފައިއެވެ. އެގޮތުން މުބާރާތުގެ ޑްރީމް ޓީމުގައި ހިމެނުނު ކުޅުންތެރިންނަކީ ޅ.އަތޮޅު ތައުލީމީ މަރުކަޒުގެ އަލީ އަފްޒާން އިބްރާހިމް، އަބްދުﷲ މިސާލް މުހައްމަދު ޣާޒީ ސްކޫލްގެ މުހައްމަދު އައިހަމް އިބްރާހިމް، މުހައްމަދު އުނައިސް ބިން ނޫހް އިސްކަންދަރު ސްކޫލްގެ ޔޫސުފް އައިޝް މުހައްމަދު، ހަސަން ނާވީ ރެހެންދި ސްކޫލްގެ މުހައްމަދު އައިމަން އަލީ، އަޔާން މުހައްމަދު އަދި ދަރުމަވަންތަ ސްކޫލްގެ އަބްދުﷲ ނަބާޙް އަހުމަދުއެވެ. މުބާރާތުގެ އެންމެ މޮޅު ގޯލް ކީޕަރަކީ ޣާޒީ ސްކޫލްގެ ގޯލް ކީޕަރ އާރިޒް ބިން ޝާހިދުއެވެ. 12 ލަނޑު ޖަހައިގެން އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމް ހޯދީ ޣާޒީ ސްކޫލްގެ ޔޫސުފް އަބްސަމް މުހައްމަދު ރަޝީދުއެވެ. ފެއަރ ޕްލޭ ޓީމަކީ އިމާދުއްދީން ސްކޫލްއެވެ.