ޚަބަރު

ޓީމްގެ ފުރަތަމަ 11އަށް އަރަން ހުރިހާ ކުޅުންތެރިންވެސް މަސައްކަތް ކުރަންޖެހޭ - ކެޕްޓަން އަސަދުﷲ


އަންނަ ސީޒަނަށް އެންމެ ވަރުގަދަޔަށް ތައްޔާރުވަމުން އަންނަ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އިން އެޓީމުގެ ފަރިތަކުރުންތައް ފަށައިފިއެވެ. ކުރިންވެސް އެޓީމަށް ކޯޗުކަންކޮށްދިން މަރުޖާން ސެކުލޮސްކީގެ އިރުޝާދުގެ ދަށުން މާޒިޔާގެ ފަރިތަކުރުންތައް ފެށިއިރު ޓީމުގެ ހުރިހާ ކުޅުންތެރިންކަހަލަގޮތަކަށް ވަނީ ފަރިތަކުރުން ތަކުގައި ބައިވެރިވެފައިއެވެ. އަދި މިފެށޭ ސީޒަނަށް އެންމެ ފުރަތަމަ ފަރިތަކުރުންތައް ފެށި ކްލަބަކީވެސް މާޒިޔާއެވެ. އައު ސީޒަނަށް ތައްޔާރުވުމުގެގޮތުން މާޒިޔާއިންވަނީ މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް އެ ކްލަބަށް ގެންގޮސްފައެވެ. މިދިޔަ ފަސް އަހަރު ނިއު ރޭޑިއަންޓުގައި މޮޅު ކުޅުމެއް ދެއްކި ހަމްޒާ މުހައްމަދު އާއި، ޓީސީ ސްޕޯޓްސް ކްލަބުން މިދިޔަ ސީޒަނުގައި ދިވެހި ޕްރިމިއާ ލީގު ކާމިޔާބު ކުރިއިރު މޮޅު ކުޅުމެއްދެއްކި އިބްރާހީމް ވަހީދު ހަސަން އަދި އިބްރާހީމް މަހުދީ ހުސައިން ހިމެނެއެވެ.

މިދިޔަ ސީޒަނުގައި ވިކްޓްރީއަށް ކުޅުނު ހުސައިން ނިހާން އާއި މިދިޔަ އަހަރު ނިއު ރޭޑިއަންޓަށް ކުޅުނު ޑިފެންޑަރު އަހުމަދު އަބްދުﷲ އަދި މިދިޔަ ދެ އަހަރު ޓީސީ ސްޕޯޓްސް ކްލަބަށް ކުޅުނު ތަޖުރިބާކާރު ޑިފެންޑަރު އަބްދުﷲ ހަނީފް ހިމެނެއެވެ. އާސީޒަންއާއި ބެހޭގޮތުން މާއިޒާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ ބުނީ މިއީ އެންމެ ވަރުގަދަ ސްކޮޑް މާޒިޔާގައި އޮތް ސީޒަންކަމަށާއި މިއީ ކާމިޔާބީ ހޯދޭނެވަރުގެ ސްކޮޑްއެއްކަމަށެވެ. އަދި އެއްވެސް ކުޅުންތެރިއަކަށް ފުރަތަމަ 11 ޔަގީން ނުވާނެކަމަށާއި ކޮންމެ ކުޅުންތެރިއަކުވެސް ޖެހޭނީ ވަރަށް ބުރަކޮށް މަސައްކަތްކޮށްގެން ފުރަތަމަ 11އިން ޖާގަ ހޯދަންކަމަށް ކެޕްޓަން އަސަދުﷲ އަބްދުﷲ ބުނިއެވެ.

"މިއަހަރު އެއްވެސް ކުޅުންތެރިއަކަށް މާޒިޔާ ޓީމްއިން ފުރަތަމަ އަރާ 11 ޔަގީންއެއް ނުވާނެ. މިއަހަރު މިއޮތީ މާޒިޔާގައި އެންމެ ވަރުގަދަ ސްކޮޑް. ސާފް ސުޒުކީ ކަޕް ކާމިޔާބުކުރި އަދި އެޓީމްގެ މުހިންމު ގިނަ ކުޅުންތެރިން މިހާރު މިތިބީ މާޒިޔާގަ. މިއީވެސް މާޒިޔާއަށް ލިބޭ ވަރަށް ބޮޑު ހިއްވަރެއް. ކޮންމެ ކުޅުންތެރިއަކުވެސް މިހާރު ޖެހޭނީ ވަރަށް ބުރަކޮށް މަސައްކަތް ކުރަން. އަހަރެންނަނީ ކެޕްޓަންކަމަށް ވިއަސް ކެޕްޓަންއަކަށްވެސް މިއަހަރު ފުރަތަމަ 11އިގެ ޖާގައެއް ޔަގީންއެއް ނުވާނެ. މިހާރު މާޒިޔާގެ ކޮންމެ ދިމާލަކަށް ބަލާލިކަމަށް ވީނަމަވެސް ކޮންމެ މަގާމްއެއްވެސް ފުރާނީ އެންމެ ވަރުގަދަ ކުޅުންތެރިން. މިއަހަރު މާޒިޔާގެ ކުޅުންތެރިން ވަރަށް ބުރަކޮށް މަސައްކަތް ކުރަން ޖެހޭނެ." ކެޕްޓަން އަސަދުﷲ އަބްދުﷲ ބުނެޏެވެ.

އާ ސީޒަން އަންނަ ޖޫން މަހު ފަށަން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ހަމަޖައްސާފައި ވާއިރު އެ އެސޯސިއޭޝަނުން މިހާރު ދަނީ ސީޒަން ކަލަންޑަރު ފައިނަލް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.