ސިޔާސީ

ކުޅުދުއްފުއްޓަށް ސިޓީއެއްގެ ދަރަޖަ ދިނުމަށްހުރި ޤާނޫނީ ހުރަސްތައް ނައްތާލަނީ


ކުޅުއްދުއްފުށްޓަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް ހުރި ޤާނޫނީ ހުރަސްތައް ނައްތާލުމަށް ލާމަރުކަޒީ ޤާނޫނަށް ސަރުކާރުން އިޞްލާޙު ހުށައަޅުއްވައިފިއެވެ.

އާބާދީގައި ދިހަ ހާހަށްވުރެ ގިނަ މީހުން ރަޖިސްޓްރީވެފައިވާނަމަ އެ ރަށަކަށް ސިޓީއެއްގެ ދަރަޖަ ދޭންވާނެކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވޭ. މިހާތަނަށް މާލެ ފިޔަވާ ސިޓީއެއްގެ ދަރަޖަ ދީފައިވާ އައްޑުއާއި ފުވައްމުލައް، ސިޓީއަކަށް ބަދަލުވެފައިވަނީ މުޅި އަތޮޅު ހިމެނޭގޮތަށެވެ.

އެހެންނަމަވެސް ހދ.ކުޅުއްދުއްފުއްޓަށް ސިޓީއެއްގެ ދަރަޖަ ދޭންޖެހޭނެކަމަށް ޤާނޫނުގައި ބުނާ ޢަދަދަށް އާބާދީ ހަމަވިނަމަވެސް ސިޓީއެއްގެ ދަރަޖަ ދީފައިނުވަނީ ޤާނޫނީ ގޮތުން ހުރި ގޮންޖެހުންތަކެއްގެ ސަބަބުންނެވެ. އެގޮތުން ކުޅުއްދުއްފުށި ސިޓީއަކަށް ބަދަލުވެއްޖެނަމަ އެއަތޮޅުގެ އަތޮޅުވެރިކަން ކުރުން އެހެން ރަށަކަށް ބަދަލުކުރަންޖެހޭނެއެވެ. ސަބަބަކީ 13 ރަށުގެ މައްޗަށް އެކުލެވޭ ހދ އަތޮޅުގައި މިހާރު އަތޮޅު ވެރިކަންކުރަނީ ކުޅުއްދުއްފުށީގައި ކަމަށްވާތީއެވެ. މިކަންކަމަށް ޤާނޫނީ ހައްލެއް މިހާތަނަށް ހޯދިފައެއްނުވެއެވެ. އަދި ބަންޑާރަ ނާއިބުގެ އޮފީހާއި މަޝްވަރާކޮށް ޙައްލު ހޯދުމުގެ މަސައްކަތް ފަށްޓަވާފައިވާކަމަށް ޖެނުއަރީމަހު ސަރުކާރުން ވަނީ ވިދާޅުވެފައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ހދ.އަތޮޅު ކައުންސިލްގެ މެންބަރު އަޙްމަދު އާޠިފް ވިދާޅުވެފައިވަނީ، ކުޅުދުއްފުށްޓަށް ސިޓީއެއްގެ ދަރަޖަ ނުލިބި ލަސްވެފައިވަނީ ޤާނޫނީ ބޮޑެތި ހުރަސްތަކެއް ހުރުމުންކަމަށެވެ. އެގޮތުން އައްޑޫސިޓީއާއި ފުވައްމުލަކު ސިޓީއަށް، ސިޓީއެއްގެ ދަރަޖަ ލިބިގެން ދިޔައީ މުޅި އަތޮޅަށްކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ ކުޅުދުއްފުށި ސިޓީއަކަށް ބަދަލުވެއްޖެނަމަ އެ އަތޮޅުގެ ވެރިކަން އެހެން ރަށަކަށް ބަދަލުކުރުމާއި، ސިޓީ ކައުންސިލެއްގެ އިތުރުން އަތޮޅު ކައުންސިލެއް އޮންނަންޖެހުންފަދަ ކަންކަމާމެދު ގޮތްތަކެއް ނިންމިފައިނުވާކަމަށެވެ.

ހދ.އަތޮޅު ކައުންސިލްގެ ރައީސް ޙުސައިން ޙަސަން ވިދާޅުވީ، ކުޅުދުއްފުށީ ސިޓީއަކަށް ހެދުމަށް ކައުންސިލުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށް ދޭންޖެހޭ އެއްބާރުލުން ދެއްވަމުން ގެންދަވާކަމަށެވެ.

ކައުންސިލުން މިހެން ވިދާޅުވެފައިވާއިރު، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް ސަރުކާރުން ހުށައަޅާފައިވާ އިޞްލާޙުގައި ބުނެފައިވަނީ، ސިޓީއެއްގެ ދަރަޖަ ހޯދުމަށް އެދި ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ހުށައެޅުމުން، ސިޓީއެއްގެ ދަރަޖަ ދޭންޖެހޭ ޝަރުތުތައް އެރަށެއްގައި ނުވަތަ އަވަށެއްގައި ނުވަތަ ދާއިރާއެއްގައި ނުވަތަ ސަރަޙައްދެއްގައި ފުރިހަމަވާނަމަ، އެ ހުށައެޅުމެއް ޤަބޫލުކޮށް އެރަށަކީ ނުވަތަ އެއަވަށަކީ ނުވަތަ ސަރަޙައްދަކީ ސިޓީއެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވަންންވާނެކަމަށެވެ.

ސިޓީއެއްގެ ދަރަޖަ ހޯދުމަށް އެދި ހުށައަޅާ ރަށަކީ މީހުން ދިރިއުޅޭ އެއްރަށަށްވުރެ ގިނަ ރަށުގެ މައްޗަށް އެކުލެވިގެންވާ އަތޮޅެއްގައި ހިމެނޭ ރަށެއްކަމުގައިވެފައި، އެރަށަކީ އެ އަތޮޅުގެ ވެރިކަންކުރާ ރަށް ކަމުގައިވާނަމަ، އެ ރަށް ސިޓީއެއްގެ ގޮތުގައި ކަނޑައެޅުމުގެ ކުރިން އެ އަތޮޅުގެ ވެރިކަންކުރާނެ ރަށަކާމެދު ގޮތެއް ނިންމަންވާނެކަމަށްވެސް ސަރުކާރުން ލާމަރުކަޒީ ޤާނޫނަށް ހުށައެޅި އިޞްލާޙުގައި ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން އިދާރީ ދާއިރާއެއްގައި ހިމެނޭ ރަށެއް ސިޓީއެއްގެ ގޮތުގައި ކަނޑައެޅުމަށް ހުށައަޅަނީ، އެ ރަށް ހިންގުމަށް އިންތިޚާބުވެފައިވާ ރަށު ކައުންސިލު އިންތިޚާބުވުމަށްފަހު، އެ ކައުންސިލުގެ ދައުރު ހަމަވުމުގެ ކުރިން ކަމުގައިވާނަމަ، އެ ރަށަކީ ސިޓީއެއްކަމުގައި ކަނޑައަޅާ، އެ ރަށް ސިޓީއަކަށް ބަދަލުވި ކަމުގައިވީނަމަވެސް އެ ސިޓީ ހިންގަމުންދާނީ އެ ރަށް ސިޓީއަކަށް ބަދަލުވުމުގެ ކުރިން އެ ރަށް ހިންގުމަށްޓަކައި އިންތިޚާބުވެފައި އޮތް ރަށު ކައުންސިލުންކަމަށްވެސް މި އިޞްލާޙުގައި ބުނެފައިވެއެވެ. އަދި އެ ހާލަތުގައި އެ ރަށް ސިޓީއަކަށް ބަދަލުވުމުގެ ކުރިން އެރަށް ހިންގުމަށްޓަކައި އިންތިޚާބުވެފައި އޮތް ރަށު ކައުންސިލުން އެ ސިޓީ ހިންގާނީ އެ ރަށު ކައުންސިލްގެ ދައުރު ހަމަވަންދެންކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

އަދި ސިޓީއަކަށް ބަދަލުވުމުން، ކުރިން ހިންގަމުންދިޔަ ރަށު ކައުންސިލަށް، ލާމަރުކަޒީ ޤާނޫނުން ސިޓީ ކައުންސިލަށް ލިބިދޭ ހުރިހާ ބާރުތަކާއި މަސްއޫލިއްޔަތުތައް ލިބިގެންދާނެކަމަށްވެސް އިޞްލާޙުގައިވެއެވެ. އަދި ސިޓީއަކުން ލިބެންޖެހޭ ހުރިހާ ޚިދުމަތްތަކެއްވެސް އެސިޓީން ލިބިދޭންވާނެކަމަށްވެސް އަލަށް ހުށައެޅި އިޞްލާޙުގައިވެއެވެ.

ލާމަރުކަޒީ ޤާނޫނަށް ހުށައަޅާފައިވާ މި އިޞްލާހުތަކުގެ ފުރަތަމަ ކިއުން މަޖިލީހަށް އިއްވާފައިވީނަމަވެސް އަދި މަޖިލީހުގައި ބަހުސްކޮށް ކޮމިޓީއަށް ދިރާސާކުރަން ފޮނުވާނެއެވެ. އަދި މި އިޞްލާޙުތަކަށް ޢަމަލުކުރަން ފަށާނީ ކޮމިޓީ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށައަޅާ ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤްކުރުމުންނެވެ.

ކުޅުދުއްފުށީ ސިޓީއަކަށް ބަދަލުވެގެންދިއުމުން ހދ.އަތޮޅުގެ ވެރިކަން ކުރާނެރަށެއް ކަނޑައެޅުމުގައި އެ އަތޮޅުގެ ތޭރަ ރަށުގެ ތެރެއިން ރަށެއް ހަމަޖައްސާއިރު، ގިނަ ރަށްތަކަކުން އެކަމަށް ޝަޢުގުވެރިކަން ފާޅުކުރަމުން އަންނަކަމަށް ހދ.އަތޮޅު ކައުންސިލުން ބުނެއެވެ.

ލާމަރުކަޒީ ޤާނޫނު ބުނާގޮތުން އާބާދީގައި ދިހަހާސް ހަމަވުމުން އެރަށަކަށް ސިޓީއެއްގެ ދަރަޖަ ދޭންޖެހެއެވެ. މިހާރު ކުޅުދުއްފުށީގެ އާބާދީގައި ދިހަ ހާހަށްވުރެ ގިނަ މީހުން ތިބިކަމަށް އެރަށުގެ ތަފާސް ހިސާބުތަކުން ދައްކައެވެ. މިހާރު ސިޓީއެއްގެ ދަރަޖަ ދީފައިވަނީ މާލެއާއި އައްޑުއާއި ފުވައްމުލަކަށް އެކަންޏެވެ.