ތިމާވެށި

ދިވެހިންގެ ނޭދެވޭ އާދަތަކުގެ މަންޒަރުތައް ސީ.އެން.އެންގެ ސުރުޚީއަށް


ދިވެހިރާއްޖެއަކީ ގުދުރަތީ މުއްސަނދިކަމެއް ލިބިފައިވާ ވަރަށްވެސް ޗާލު ޤައުމެކެވެ. ރާއްޖޭގެ ކަޑުފަޅުގެ ދިރުންތަކާއި، ރަށްފުށުގެ ޖަޒީރާ ވަންތައް ދިރިއުޅުން ތަޖުރިބާކޮށްލަން އަހަރު އެތައް ސަތޭކަ މީހުންނެއް ރާއްޖެއަށް ޒިޔާރަތްކުރެއެވެ. ފަތުރުވެރިންގެ މެދުގައި ދިވެހިރާއްޖެ މަޝްޙޫރުވެފައިވަނީ އެފަދަ ދެވަނައެއް ނެތް ފަދަ އަޖައިބެއްގެ ގޮތުގައެވެ. ރާއްޖޭގެ މުޅި އިޤްތިޞާދު ބަރޯސާވެފައިވަނީ މިދެންނެވި ގުދުރަތީ މުއްސަނދިކަން އިޝްތިޙާރުކޮށްގެން ލިބޭ ނަފާގެ މައްޗަށެވެ.

ކޮންމެއަކަސް ދައްކަން މިއުޅެނީ ރާއްޖޭގެ ހިތްގައިމުކަމުގެ ވާހަކައެއް ނޫނެވެ. މިއުޅެނީ މިދެންނެވި ހިތްގައިމުކަމަށް އެޅެމުންދާ ހިއްޔެއްގެ ވާހަކަ ދައްކާށެވެ. އެއީ ޕްލާސްޓިކެވެ. ޕްލާސްޓިކަކީ ރާއްޖޭގެ އިތުރުން މުޅި ދުނިޔެއަށްވެސް މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކަލެވެ. މިވާހަކަ ދައްކަން މިޖެހުނީ މި ދެތިން ދުވަހު ސޯޝަލް މީޑިއާ ވަކިން ޙާއްސަކޮށް ޓުވިޓަރގައި ދަޢުރުވަމުންދާ ފޮޓޯ އަކާ ގުޅިގެންނެވެ.

މޫދަށް އުކާލެވޭ ޕްލާސްޓިކްގެ އަދަދު ހީވެސް ނުކުރާހާ މިންވަރަކަށް އިތުރުވެފައިވާކަމަށް ތަފާތު އެކިކަހަލަ ހޯދުންތަކާއި ދިރާސާތައް ކުރާ ނޭޗަރ ކޮމިއުނިކޭޝަންސްއިން ޝާޢިއުކޮށްފައިވާ ހޯދުމަކާ ޙަވާލާދީ މަޝްޙޫރު ނޫސް އެޖެންސީ ސީ.އެން.އެން އިން ލިޔެފައިވާ ޚަބަރެއްގެ ލިންކު އެމީހުން ޓުވިޓަރއަށް ދޫކޮށްލާފައިވަނީ ރާއްޖޭގައި އުފައްދާ ބައެއް ޕްލާސްޓިކްގެ އުފެއްދުންތައް މޫދަށް އުކާލާފައިވާ ފޮޓޯއަކާއެކުއެވެ.

ނޭޗަރ ކޮމިއުނިކޭޝަންސްގެ ރިސަރޗް ޓީމަކުން އެޓްލާޓިކް ކަނޑާއި، އެކަނޑާއި ގުޅިފައިވާ ކެރީބިއަން ސީ، އަދި ނޯތް ޕޯލާ ސީ ފަދަ މޫދުތައް ހިމެނޭހެން 6.5 މިލިއަން ނޯޓިކަލް މައިލްގެ ސަރަޙައްދެއްގެ 60 އަހަރުގެ ޑޭޓާ އެއްކޮށްގެން ހޯދާފައިވާ މި ހޯދުން ދައްކާގޮތުން ކުނިބުނީގެ ގޮތުގައި މޫދަށް އުކާލެވޭ ޕްލާސްޓިކް ފުޅިއާއި، ދަތްއުނގުޅާ ބުރުހާއި، އަދި ޕްލާސްޓިކް ކޮތަޅުފަދަ މައިކްރޯ ޕްލާސްޓިކްގެ އަދަދު 90 ގެ އަހަރުތަކާއި އަޅާބަލާއިރު 2000 ގެ އަހަރުތަކުގައި ވަނީ 10 ގުނަ އިތުރުވެފައެވެ. އަދި މި އަދަދު އިތުރުވަމުންދަނީ ކަންބޮޑުވާންޖެހޭ ދަރަޖައަކަށްކަން އެޓީމުން ވަނީ ފާހަގަކޮށްފައެވެ.

މިކަމާގުޅިގެން ސީ.އެން.އެން އިން ލިޔެފައިވާ ރިޕޯޓުގައި ބޭނުންކޮށްފައިވާ ފޮޓޯއިން ފެންނަނީ ރާއްޖޭގެ އުފެއްދުންތަކެކޭ ބުނަން ކޮންމެ ކޮންމެ މީހަކަށް ނޭންގުނު ނަމަވެސް، މިއީ ދިވެހިންނާއި އެހާ ބީރަށްޓެހި އުފެއްދުންތަކެއް ނޫނެވެ. މި ފޮޓޯއާއެކު ދިވެހިންގެ މެދުގައި ޕްލާސްޓިކުގެ ވާހަކަ އަނެއްކާވެސް މިވަނީ ގަދަވެފައެވެ. އެއް ބަޔަކު މިއީ ލަދުގަންނަންޖެހޭ ވަރުގެ ކަމެއްކަމަށް ބުނާއިރު، އަނެއް ބަޔަކު ދަނީ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކު ރާއްޖޭގައި ބޭނުންކުރުން މަނާކުރުމަށް ގޮވާލަމުންނެވެ. ހަމައެހެންމެ ހުސް ވާހަކަތަކެއް ދެއްކުމުގެ ބަދަލުގައި، މިކަމަށް އަމަލީ ސިފައެއް ގެނެއުމަށްވެސް އެއް ބަޔަކު ދަނީ ހަރުއަޑުން ގޮވާލަމުންނެވެ.

ތިމާވެށީގެ މިފަދަ ބޮޑު މައްސަލައެއްގައި ރާއްޖޭގެ ޕްލާސްޓިކް އުފެއްދުންތަކެއްގެ ފޮޓޯއެއް ބޭރުގެ ނޫސް އެޖެންސީއަކުން ބޭނުންކުރި މިއީ ފުރަތަމަ ފަހަރެއްވެސް ނޫނެވެ. 2017 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ބީ.ބީ.ސީގެ ވައިލްޑް ލައިފް މެގަޒިންގައި ޝާޢިއުކޮށްފައިވާ ޚަބަރެއްގައިވެސް ވަނީ މިފަދަ ފޮޓޯއެއް ބޭނުންކޮށްފައެވެ. ސީ.އެން.އެން އަދި ބީ.ބީ.ސީ އިންވެސް ބޭނުންކޮށްފައިވާ މި 2 ފޮޓޯވެސް ނަގާފައިވަނީ މަޝްހޫރު މީޑިއާ ކޮމްޕެނީ "ގެޓީ އިމޭޖަސް"ގެ ފޮޓޯގްރަފަރެއްކަމަށްވާ ރޯސްމެރީ ކެލްވާޓެވެ.

އަހަރެއްގެ މައްޗަށް 8 މިލިއަން ޓަނުގެ ކުނި މޫދަށް އުކާލެވޭއިރު، މީގެ ތެރޭގައި އެންމެ ގިނައީ ޕްލާސްޓިކުގެ އެކި ކަހަލަ އުފެއްދުންތަކެވެ. ވަކިން ޙާއްސަކޮށް ޕްލާސްޓިކް ފުޅިއާއި ކޮތަޅެވެ. މިއަދަދު މިއަށްވުރެ މަދު ނުކުރެވިއްޖެނަމަ، ކުރިއަށް އޮތް 30 އަހަރުގެ ތެރޭގައި ކަނޑުގައި އުޅޭ މަހަށްވުރެ ޕްލާސްޓިކުގެ އަދަދު އިތުރުވާނެކަމުގެ އިންޒާރު އދ.ގެ އެންވަޔަރަމަންޓް ޕްރޮގްރާމް، ޔޫ.އެން.އީ.ޕީ އިން ވަނީ ދީފަައެވެ. އަދި މިއީ މިއަދު ދުނިޔޭގެ ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތް ކުރާ ބައިނަލްއަޤްވާމީ ޖަމިއްޔާތަކުންނާއި، ތިމާވެއްޓާއި ގުޅުންހުރި އެކި އެކި ބައިނަލްއަޤްވާމީ ފޯރަމްތަކުގައިވެސް އެންމެ ބޮޑަށް ބަހުސް ކުރެވޭ މައްސަލައެވެ.

ކިޔާލުމަށް!

ޕްލާސްޓިކްގެ ނުރައްކާ ދުވަހުން ދުވަހަށް އިތުރުވަމުންދާއިރު، ދިވެހިރާއްޖޭގެ މި ނާޒުކު ތިމާވެއްޓަށްވެސް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޕްލާސްޓިކެވެ. މިއީ މިއަދު ޤައުމީ ފެންވަރެއްގައިވެސް ވިސްނަންޖެހިފައިވާ ބޮޑު މައްސަލައެކެވެ. އެއް ފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކުގެ އަދަދު މަދުކުރުމަށް ސަރުކާރުން ޤައުމީ ކެމްޕޭނެއްވެސް ވަނީ ފަށާފައެވެ. ނަމަވެސް މި ކެމްޕޭނުން އެދެވޭ ނަތީޖާއެއް ނެރެވޭނީ މިކަމުގައި ފަރުދީ ބައިވެރިވުންވެސް އިތުރުކޮށްގެންނެވެ. ނޫންނަމަ ދެން ނިކުންނާނެ ނަތީޖާ މިހާރުވެސް އަޅުގަނޑުމެންގެ ލޯތަކަށް މިދަނީ ފެންނަމުންނެވެ.

ތިމާވެށީގެ ރައްކާތެރިކަމަކީ އިންސާނުންގެ ދުޅަހެޔޮކަމާއި ގުޅިލާމެހިފައިވާ ކަމެކެވެ. ވީއިރު ތިމާވެއްޓާ ރައްޓެހި އާދަތަކަށް ދިވެހިން މިހާރަށްވުރެ ބޮޑަށް އަހުލުވެރިވާންޖެހެއެވެ. ޕްލާސްޓިކުގެ ސަބަބުން ތިމާވެއްޓަށް ލިބޭ ކޮންމެ ގެއްލުމަކީ އަޅުގަނޑުމެންގެ އިޤްތިޞާދަށްވެސް ލިބޭ ބޮޑު ގެއްލުމެކެވެ.