މާލެއާއި ހުޅުމާލެއާއި ހުޅުލެއާއި ދެމެދު ކުރާ ޓެކްސީ ދަތުރުތަކަށް، މީޓަރު ބޭނުންކޮށްގެން ފީ ނަގަން، ތިން މަސް ތެރޭގައި ފަށާނެކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު އާދިލް ވިދާޅުވީ ޓެކްސީތަކުގައި ބޭނުންކުރާނީ ދިވެހި ޑިވެލޮޕަރުން ރާއްޖެއަށް ޚާއްސަކޮށްގެން ތައްޔާކޮށްފައިވާ މީޓަރު އެޕްލިކޭޝަންތައްކަމަށެވެ. މިހާރުވެސް ރާއްޖޭގައި މިފަދަ އެޕްލިކޭޝަންތައް ހުރިކަމަށާއި ނަމަވެސް މީޓަރު ބަލައިގެން ފައިސާ ނަގަން ފަށާނީ ހުންނަންޖެހޭ ބައިތައް ކަނޑައަޅާ އެބައިތައް ހިމެނުމަށްފަހުގައިކަމަށް އާދިލް ވިދާޅުވިއެވެ.
އާދިލް ވިދާޅުވީ ޓެކްސީތަކުގައި މީޓަރުގެ ގޮތުގައި ބޭނުންކުރާނީ މޮބައިލް އެޕްލިކޭޝަނެއްކަމަށާއި މި އެޕްލިކޭޝަންގައި ހިމަނާނެ ބައިތައް އަންނަ މަހު އިއުލާންކުރައްވާނެކަމަށެވެ. އަދި މި އެޕްލިކޭޝަން މެދުވެރިކޮށް ދަތުރުގެ ދިގުމިނާއި އަދި ދަތުރަށް އަރާ ފައިސާގެ ޖުމްލަވެސް ފަސޭހަކަމާއިއެކު ބަލާލެވޭނެކަމަށްވެސް އާދިލު ފާހަގަކުރެއްވިއެވެ.
އާދިލް ވިދާޅުވީ މީޓަރު ބޭނުންކުރަން ފެށުމުން ކިލޯމީޓަރަށް ނަގާނެ އަގުތައް ކަނޑައެޅުމުގެ ބާރު އޮންނާނީ މިނިސްޓްރީ އަތުގައިކަމަށާއި އެޕްލިކޭޝަން ތައްޔާރުކުރާނީ އެބައިތަކަށް ވަދެ ބަދަލުކުރުމުގެ ބާރު ޓެކްސީ ސެންޓަރުތަކާއި ޑްރައިވަރުންނަށް ނުލިބޭގޮތަށްކަމަށްވެސް އާދިލު ވިދާޅުވިއެވެ.
ޓެކްސީތަކުގައި މީޓަރު ބޭނުންކުރަން ފެށުމުން އެ ޓެކްސީއެއް ދަތުރުކުރީ ކިހާ ވަގުތަކުތޯއާއި އެ ދިޔަ ތަންތަނަާއި ދަތުރު ނުކުރާ ޓެކްސީތައް މިނިސްޓްރީއަށް އެގޭނެކަމަށްވެސް އާދިލު ވިދާޅުވިއެވެ. އާދިލް ވިދާޅުވީ މާލޭގައި މިހާރުވެސް ޓެކްސީ ބޯޑު ޖަހާފައިވާ އެގާރަ ސަތޭކައަށްވުރެ ގިނަ ކާރު އެބައޮތްކަމަށެވެ. ނަމަވެސް މީގެެތެރެއިން ގިނަ ޓެކްސީ ތަކަކީ ގަވައިދުން ޚިދުމަތް ދެމުން ނުދާ ޓެކްސީތައްކަން ފާހަގަވެފައިވާކަމަށްވެސް އާދިލް ވިދާޅުވިއެވެ.
މީޓަރު ބަލައިގެން ފައިސާ ނެގުމަށް އަދި ހަމަޖެހިފައިވަނީ ހަަމައެކަނި މާލެއާއި، ހުުޅުލެއާއި ހުޅުމާލެއާއި ދެމެެދު ކުރާ ދަތުރުތަކަށެވެ.
އާދިލް ވިދާޅުވީ މާލެ ތެރޭގައި ދަތުރުތައް ކުރާނީ މިހާރުވެސް ކުރަމުން އަންނަ ގޮތަށް 25 ރުފިޔާއަށެވެ.
ޓެކްސީގައި މީޓަރު ހަރުކުރުމުގެ ވާހަކަ ފެށިގެން އައީ، ބްރިޖް މެދުވެރިކޮށް ހުޅުލެއާއި ހުޅުމާލެއަށް ދަތުރުތައް ފެށުމުން، ޓެކްސީތަކުން ނަގަމުން އަންނަ ފީ ވަރަށް ބޮޑަށް ބޮޑުކޮށްލުމާއި ގުޅިގެންނެވެ. މިކަމަށް ޙައްލެއް ހޯދުމަށް މިނިސްޓްރީވަނީ ޓެކްސީ ޑްރައިވަރުންނާއި، ޓެކްސީ ޚިދުމަތް ހޯދާ ފަރާތްތަކުގެ ޚިޔާލު ހޯދުމަށް ފޯރަމެއްވެސް ބާއްވާފައެވެ. ޓެކްސީގައި މީޓަރު ހަރުކުރުމަކީ އާއްމުންގެ ގިނަ ބަޔަކު ހުށައެޅި ހިޔާލެކެވެ.