އަންނަ ރޯދަ މަހު މުދާ އުފުލޭ ގަޑިތައް ޓްރާންސްޕޯޓް އޮތޯރިޓީއިން ކަނޑައަޅައިފިއެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން ބުނީ އަންނަ މެއި މަހުގެ 6 ކުން ޖޫން މަހުގެ 7 އެއްގެ ނިޔަލަށް މާލޭގައި ވިޔަފާރި އުސޫލުން އެއްގަމު އުޅަނދުގައި މުދާ އުފުލުމަށް ކަނޑާއަޅާފައިވާ ގަޑިތައް ފިޔަވާ އެހެން ގަޑިތަކުގައި މުދާ އުފުލުމަކީ މަނާކަމެއްކަމަށެވެ.
މުދާ އުފުލުމަށް ކަނޑައަޅާފައިވާ ގަޑިތަކަކީ، ހެނދުނު 09:00 އިން ފެށިގެން 15:00 އަށް އަދި ރޭގަނޑު 21:00 އިން ފެށިގެން ހެނދުނު 06:00 އަށެވެ. މިގަޑިތަކުގައި ހުރިހާ ބާވަތެއް އަދި ގިންތިއެއްގެ މުދާ އުފުލޭނެއެވެ.
ނަމަވެސް ހެނދުނު 09:00 އަކުން ފެށިގެން ހަވީރު 15:00 އާއި ހަމައަށް ފެނާއި ކައްކާ ގޭސް އުފުލޭނީ 350 ކިލޯއަށް ވުރެ ލުއި މުދާ އުފުލުމަށް ހުއްދަކުރާ އެއްގަމު އުޅަނދެއްގައި ކަމަށް މިނިސްޓްރީން ބުނެއެވެ.
މީގެ އިތުރުން ހަވީރު 15:00 އިން ފެށިގެން 21:00 އާއި ދެމެދު އެއްވެސް ބާއްވަތެއްގެ މުދަލެއް ގަނޑުކޮށް އެއްވެސް ބާވަތެއްގެ އުޅަނދެއްގައި އުފުލުމަކީ މަނާކަމެއްކަމަށް ޓްރާންސްޕޯޓު އޮތޯރިޓީން ބުނެއެވެ.
ބްރިޖް ހުރަސްކޮށް މާލެއިން ހުޅުމާލެއަށް އަދި ހުޅުލެއަށް މުދާ އުފުލޭނީ ހެނދުނު 9:00 އިން ފެށިގެން ހަވީރު 15:00 އަށެވެ. އަދި ދަންވަރު 1:00 އިން ހެނދުނު 6:00 އަށެވެ. ޓްރާންސްޕޯޓު އޮތޯރިޓީން ބުނީ ބްރިޖް މެދުވެރިކޮށް މުދާ އުފުލާ ފަރާތްތައް މުދާ އުފުލަން ވާނީ މާލެ ދެކުނުފަރާތުން ބޮޑުތަކުރުފާނު މަގުން ކަމަށެވެ.
ޓްރާންސްޕޯޓު އޮތޯރިޓީން ވަނީ ރޯދަމަހުގެ އެއްވެސް ވަގުތެއްގައި އެއްވެސް ބާވަތެއްގެ ހެވީ ވެހިކަލެއް ބްރިޖުމަތީގައި ދުއްވުން މަނާކޮށްފައެވެ.