ޚަބަރު

އަލިފާނުގެ ޙާދިސާތައް ހިނގުމުގައި ޢާއްމުންގެ އިހުމާލު ބޮޑު


ފަހަކަށްއައިސް މީހުންގެ އިހުމާލުން ހިންގާ އަލިފާނުގެ ޙާދިސާތައް އިތުވަމުންދާކަމަށް މޯލްޑިސް ނޭޝަނަލް ޑިފެންސް ފޯސްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ހާމަކުރައްވައިފިއެވެ. އެމްއެންޑީއެފުން ވިދާޅުވެފައިވަނީ މީހުން ދިއިއުޅޭ ތަންތަނުގައި ހިނގާފައިވާ ގިނަ ޙާދިސާތަކަކީ، މީހުންގެ ޢަމަލުތައް ބެހެއްޓޭގޮތުން ހިންގާފައިވާ ޙާދިސާތައްކަން ފާހަގަކުރެވިފައިވާކަމަށެވެ.

އަލިފާނުގެ ޙާދިސާތަކާގުޅޭ މަޢުލޫމާތު މީޑިއާއާ ޙިއްސާކުރައްވަމުން އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ވިދާޅުވެފައިވަނީ ވޭތުވެދިޔަ 4 މަހުގެތެރޭގައި އަލިފާނުގެ 86 ހާދިސާއެއް ހިނގާފައިވާކަމަށެވެ. މީގެތެރޭގައި އެންމެ ގިނައިން ހުރީ ކަރަންޓުގެ މައްސަކަތަކާއި، ކެއްކުމުގައި އަލިފާނުގެ ވަޞީލަތްތައް ބޭނުންކުރުމުގައި އިހުމާލު ވުމުގެ ސަބަބުން ދިމާވާ އަލިފާނުގެ ޙާދިސާތައްކަންވަނީ ފާހަގަކުރައްވާފައެވެ.

ފަޔަރ އެންޑް ރެސްކިއުގެ ކޮމާންޑަރ ކާނަލް އަބްދުﷲ އިބްރާހީމް ވިދާޅުވީ ކަރަންޓާއި ގުޅިގެން ހިނަގާފައިވާ އަލިފާނުގެ 18 ހާދިސާއަކާއި، ކެއްކުމާއި ގުޅުންހުރި 16 ހާދިސާއެއްހިމެނޭކަމަށެވެ. 86 ހާދިސާގެތެރޭގައި ދެން ހިމެނެނީ، ވެހިކަލް ތަކުގައި ރޯވުމުގެ 10 މައްސަލައަކާއި، ކަނޑުމަތީގެ އަލިފާނުގެ 3 ޙާދިސާއާއި، 4 ރިސޯޓެއްގައި ހިންގި އަލިފާނުގެ ހާދިސާއާއި، ކުނިތަކުގައި ރޯވުމުގެ 8 ހާދިސާއާއި ވަލުތެރޭގައި ރޯވުމުގެ 5 ހާދިސާއަކާއި، ކުނިގޮޑުގައި އަލިފާން ހިފުމުގެ 6 ހާދިސާއެއްގެ އިތުރުން، ގަސްތުގައި ރޯކޮށްލުމުގެ 4 ހާދިސާއާއި، އެހެނިހެން 12 ހާދިސާއެކެވެ.

"ކަރަންޓާ ގުޅުންހުރި ޙާދިސާ ވަރަށްގިނަ. ކަރަންޓު ސޮކެޓް އޯވަލޯޑް ވުމާއި، އަމިއްލައަށް ކަރަންޓުގެ މެއިންޓަނަންސް މަސައްކަތް ނުކުރުމާއި، ކޮލިޓީ ދަށް ތަކެތި ވަޔަރ ކުރުމަށް ބޭނުން ކުރުމުން ޙާދިސާތައް އިތުރުވޭ." އަބްދުﷲ އިބްރާޙިމް ވިދާޅުވިއެވެ.

ޢަބްދުﷲ އިބްރާހީމް ވިދާޅުވީ ކަރަންޓުގެ މައްސަލައިގެ އިތުރުން ބާގޭސްފުޅި ބޭނުންކޮށްގެން ގޭސް ލީކްވުމާއި، ސިނގިރޭޓް ބުރި ނިއްވާނުލައި އެއްލާލުމުގެސަބަބުން ހިނގާފައިވާ އަލިފާނުގެ ޙާދިސަތައްވެސް ފާހަގަވެފައިވާކަމަށެވެ. މިފަދަ ޙާދިސާތައް މަދުކުރުމަށް ވައިގޮޅިއާއި، ފުރާޅު ފަދަ ތަންތަނަށް ކުނި ނޭޅުމަށްވެސްވަނީ އެދިފައެވެ.

އެމްއެންޑީއެފުން ވިދާޅުވެފައިވަނީ ޢިމާރަތް ކުރުމުގައިވެސް އަލިފާނުން ރައްކާތެރިވެވޭނެ ގޮތްތަކަށް ޢިމަރާތް ފަރުމާކުރުމަކީވެސް މުހިންމު ކަމެއްކަމަށެވެ. މިކަމާގުޅޭގޮތުން ވާހަކަ ދައްކަވަމުން ފަޔަރ އެންޑް ރެސްކިއުއިން ވިދާޅުވީ، ޢިމާރާތް ކުރާއިރު، އަލިފާނުން ރައްކާތެރިވާ ނިޒާމުތައް ޤާއިމުކުރުމުގައި، ގޭގޭގެ ވެރިފަރާތް އެދިއްޖެނަަމަ އެމްއެންޑީއެފްގެ އެހީތެރިކަން ލިބޭނެކަމަށެވެ. އަދި މިހާރު އެކުލަވާލާފައިވާ ޢިމާރާތްކުރުމުގެ ޤާނޫނާއެކު މިފަދަ އަލިފާނުގެ ޙާދިސާތައް ކުޑަކުރުމަށް ބާރަކަށް ވެގެންދާނެކަންވެެސް ވަނީ ފާހަގަކުރައްވާފައެެވެ.

އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއުގައި އަލިފާނުގެ ޙާދިސާތަކުގައި ރޯވާ އަލިފާން ނިއްވާލުމުގެ ޤާބިލުކަން ހުރިނަމަވެސް ގޮންޖެހުންތަކެއްވެސް އެބަހުރިހަމަށެވެ. ހަނި ގޯޅިތަކަށް ބޮޑެތި ފެން ލޮރީތަކާއި ދުރުހިސާބުތަކަށް ފެން ހޮޅިތައް އެޅުމުގެ ދަތިކަން އެފަރާތުން ފާހަގަކުރެއްވިއެވެ.

މިކަން ޙައްލުކުރުމަށް މާލޭގެ މަޖީދީ މަގުގައި ވޯޓަރ ހައިޑްރެންޓް އަޅާފައިވީ ނަމަވެސް، މި ތަކެތި އަދި ބޭނުންކުރަން ފަށާފައެއް ނުވެއެވެ. މިސިސްޓަމަކީ ފަސޭހަކަމާއެކު އަލިފާން ނިންވަން ބޭނުންވާ ފެން އެސަރަަޙައްދަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ޤާއިމުކޮށްފައިވާ ސިސްޓަމެކެވެ. އެމްއެންޑީއެފުން ވިދާޅުވެފައިވަނީ މިސިސްޓަމުގެ ބައެއް މަސައްކަތްތަކަށް ބޭނުންވާ ފައިނޭންސް ހަމަޖެހުމުން ސިސްޓަމްތައް ބޭނުންކުރަން ފަށާނެކަމަށެވެ. މިސިސްޓަމް މެދުވެރިކޮށް 29 ސަރަޙައްދަކަށް ފެން ގުޅާލާނެއެވެ.

އަލިފާނުގެ ޙާދިސާތާކާގުޅޭ މަޢުލޫމާތު ހޯދުމަށް މިދިޔަ 4 މަސްދުވަހު 4588 ކޯލްވަނީ ފަޔަރ އެންޑް ރެސްކިއުއަށް ލިބިފައެވެ. މީގެތެރެއިން 153ކޯލަކީ އަލިފާނުގެ ޙާދިސާތައް ރިޕޯޓްކުރުމާ ގުޅޭގޮތުން ކޮށްފައިވާ ކޯލްތަކެވެ.