ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ގެންނެވުމަށް ތާޢީދުކުރައްވާކަމަށާ މަޖިލީހުގެ ނާއިބު ރައީސްކަމުގެ މަޤާމުގެ ފުރުޞަތު ލިބިވަޑައިގެންފިނަމަ އެކަން ޤަބޫލުފުޅު ކުރައްވާނެކަމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ތިންވަ ދައުރަކަށް މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާއަށް އިންތިޚާބުވެވަޑައިގެންނެވި އީވާ ޢަބްދުﷲ ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް މަލީހުގެ ރައީސަކަށް ޢައްޔަންކުރުމަށް ތާޢީދުކުރައްވާކަމަށެވެ.
އަސްލަމށް ތާރީފްކުރައްވައި އަސްލަމަކީ އެމަޤާމަށް ޤާބިލް ބޭފުޅޭއްގެ ގޮތުގައި އީވާ ސިފަކުރެއްވިއެވެ. އޭނާ ވިދާޅުވީ، އެމްޑީޕީގެ ޤައުމީ މަޖިލީހާއި ރައްޔިތުންގެ މަޖިލީހުގެ ބަހުސްތަކުގައާއި ސިޔާސީ ގޮތުން ކުރައްވާ މަޝްވަރާތަކުގައިވެސް އަސްލަމަކީ ހީވާގި ވިސްނުންފުޅު ތޫނު ބޭފުޅެއްކަމަށެވެ. އީވާ މިހެން ވިދާޅުވިއިރު މަޖިލީހުގެ ރައީސްކަމަށް މިހާތަނަށް ޝަޢުޤުވެރިކަން ފާޅުކުރައްވާފައިވަނީ އަސްލަމްގެ އިތުރުން ވިލުފުށީ ދާއިރާއަށް އިންތިޚާބުވެވަޑައިގެންނެވި ކުރީގެ ހޯމް މިނިސްޓަރ ޙަސަން އަފީފާއި، ކާށިދޫ ދާއިރާއަށް އިންތިޚާބުވެވަޑައިގެންނެވި ޢަބްދުﷲ ޖާބިރެވެ.
އީވާ ވިދާޅުވީ އެމްޑީޕީން ފުރުޞަތު ދެއްވައިފިނަމަ މަޖިލީހުގެ ނައިބުރައީސްކަން ބަލައިގަންނާނެކަމަށެވެ. މަޖިލީހުގެ ނާއިބު ރައީސްކަމަށް ޝަޢުޤުވެރިވެވަޑައިގަންނަވާ އެހެން ބޭފުޅުން އެނގިވަޑައި ނުގަންނަވާކަމަށާ އެހެންނަމަވެސް އެ ފުރުޞަތު ލިބިވަޑައިގެންފިނަމަ މަޖިލީހުގެ ނާއިބު ރައީސްކަން ކުރައްވާނެކަމަށް އީވާ ވިދާޅުވިއެވެ.
"ޕާޓީން އެ ފުރުޞަތު ދެއްވައިފިއްޔާ އަޅުގަނޑު ފަޚުރުވެރިކަމާއެކު ބަލައިގަންނާނަން. ދެން އަޅުގަނޑަކަށް ނޭގެ އެކަމަށް ޝަޢުޤުވެރިވެވަޑައިގަންނަވަނީ ކޮން ބޭފުޅުންނެއްކަމެއް. އަޅުގަނޑުމެންގެ ތެރޭގައި މަޝްވަރާކުރެވިގެން ވޯޓަކަށް އަހަންޖެހިއްޖެއްޔާ ވޯޓަކަށްވެސް އަހައިގެން އެކަން ނިމިގެންދާނީ. ދެން އަޅުގަނޑަށް މަޖިލިސް ނާއިބު ރައީސްކަން، ފުރުޞަތު ލިބިއްޖާ ހަމަ ކުރާނަން." އީވާ ޢަބްދުﷲ ވިދާޅުވިއެވެ.
ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސަށާއި ނާއިބު ރައީސްއަކަށް ކަނޑައަޅުއްވާނީ އެމްޑީޕީގެ ދެ މެންބަރުންކަމަށް އެޕާޓީގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.