ބާސެލޯނާ ދެކެ ބިރު ނުގަންނަކަމަށާއި އެހެންނަމެވެސް އެޓީމަށް އިޙްތިރާމް ކުރާ ކަމުގައި މެންޗެސްޓަރ ޔުނައިޓެޑްގެ ސްޕެއިން މިޑްފިލްޑަރ ހުއާން މާޓާ ބުނެފިއެވެ.
ޔުއެފްއާ ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލްގައި ފުރަތަމަ ލެގްގައި މިރޭ ބާސެލޯނާ އާއި ބައްދަލުކުރާ މެޗާ ބެހޭގޮތުން ވާހަކަ ދައްކަމުން މާޓާ ބުނީ މިއީ ކޮންމެ ފުޓްބޯޅަ ކުޅުންތެރިއެއްވެސް އެންމެ ކުޅެން ބޭނުންވާ ކަހަ މެޗެއް ކަމަށެވެ. އެންމެ ބޮޑު އެއް ދަނޑުގައި އެންމެ ބޮޑު އެއް މުބާރާތުގައި އެންމެ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅެން ލިބުމަކީ ފުޓްބޯޅަ ކުޅުންތެރިއަކަށް ވުމުގެ ބޭނުންކަމަށެވެ. ބާސެލޯނާ އާއި މެސީ އަކީ ކިހާ ފެންވަރެއްގެ ބައެއްކަން ވަރަށް ރަނގަޅަށް އެނގޭކަމަށާއި މެންޗެސްޓަރ ޔުނައިޓެޑްގެ ހުރިހާ ކުޅުންތެރިންވެސް ހުރީ އެކަމަށް ތައްޔާރަށް ކަމަށްވެސް މާޓާ ބުންޏެވެ.
މާޓާ ބުނީ ކުއާޓަރ ފައިނަލްގެ ދެ މެޗާވެސް ކުރިމަތިލާނީ ޔުނައިޓެޑްއަށް ޓީމެއްގެ ގޮތުގައި ކުޅެ ބާސެލޯނާ ހިފަހައްޓާލެވޭނެކަން ގަބޫލުކޮށްގެން ކަމަށާއި ވަރަށް ރަނގަޅު ދެ މެޗު ކުޅެ ދެވަނަ ބުރަށް ދިއުމުގެ އަޒުމުގައި ކަމަށެވެ.
ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލްގައި މެންޗެސްޓަރ ޔުނައިޓެޑާއި ބާސެލޯނާ ބައްދަލުކުރާ ފުރަތަމަ ލެގް ކުޅެވޭނީ މިރޭ މެންޗެސްޓަރ ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑް ދަނޑުގައެވެ. މިމެޗު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ ދަނވަރު ބާރަ ޖަހާއިރުއެވެ.