ޚަބަރު

ހަޒާޑަށް ކޯޗްގެ ތައުރީފް ، އެދުމަކީ ޗެލްސީ ދޫކޮށް ނުދިޔުން


ޕްރިމިއަރ ލީގްގައި ވެސްޓްހަމް ބަލިކުރި މެޗްގައި ޗެލްސީގެ ލަނޑުތައް ޖަހައިދިން އެޑެން ހަޒާޑަށް ކޯޗް މައުރީސިއޯ ސަރީ ތައުރީފު ކޮށްފިއެވެ.

ހަޒާޑްގެ ދެލަނޑުން ވެސްޓްހަމް 2-0ން ބަލިކުރި މެޗަށްފަހު ސަރީ ބުނީ މުޅި މެޗްގައި ވެސް ހަޒާޑް ދެއްކީ މޮޅު ކުޅުމެއް ކަމަށާއި ހާއްސަކޮށް ޗެލްސީއަށް ފުރަތަމަ ލީޑް ނަގައިދިން ސޯލޯ ގޯލް އާދަޔާހިލާފަށް މޮޅުކަމަށެވެ. އަދި ރޭގެ މެޗްގައި ހަޒާޑްގެ ފަރާތުން ފެނުނު ކުޅުން އޭނާ ކުޅޭފި ނަމަ ކޮންމެ މެޗަކުންވެސް ޗެލްސީއަށް މޮޅުވެވިދާނެކަމަށެވެ.

ކުރިއަށް އޮތް ސީޒަންގައި ހަޒާޑް ރެއާލްމެޑްރިޑަށް ބަދަލުވާން އުޅޭ ކަމުގެ ވާހަކަތަކުގެ އަޑު ގަދަ ވެފައިވާއިރު، ރޭގެ މެޗަށް ފަހު ހަޒާޑްގެ ޓްރާންސްފަރ ފީ ބޮޑުވެދާނެތޯ ކުރި ސުވާލަށް ޖަވާބުދެމުން ސަރީ ބުނީ ހަޒާޑް ވިއްކަން ކްލަބުން ބޭނުން ނުވާ ކަމަށާއި ނަމަވެސް ހަޒާޑްގެ ކޮންމެ ނިންމުމަކަށް އިހުތިރާމް ކުރާނެ ކަމަށެވެ.
އަދި ޗެލްސީގައި ހަޒާޑް ބަހައްޓަން ހުރިހާ ގޮތަކަށްވެސް ކްލަބުން ވަރަށް މަސައްކަތް ކުރާނެ ކަމަށާއި ނަމަވެސް ހަޒާޑް ކްލަބްގައި ބަހައްޓަން ފަސޭހަ ނުވާނެ ކަން އެނގޭކަމަށެވެ.
ޗެލްސީ ދޫކޮށްދާން ހަޒާޑް އަދި ނުނިންމާ ކަމަށާއި ނަމަވެސް އެކަމާ ވިސްނަމުން ދާ ކަމަށް އޭނާ ގާތު ހަޒާޑް ބުނެފައިވާކަމަށްވެސް ކޯޗް ބުންޏެވެ.