މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ބޮޑެތި ކުރިއެރުންތައް ލިބިފައިވާކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ، އައު ސަރުކާރު ވެރިކަމާއި ހަވާލުވިފަހުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ފާހަގަކުރެވޭ ކުރިއެރުންތައް ލިބިފައިވާކަމަށެވެ. އެގޮތުން މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ރާއްޖެއަށް ފަތުރުވެރިން އައިސްފައިވާ ނިސްބަތް ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށް މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ.
"ފުރަތަމަ ކުއާޓަރުގައި ފަތުރުވެރިންގެ އަދަދު އިތުރުވެފައިވާއިރު އެންމެ ފާހަގަކޮށްލެވެނީ، ޖެނުއަރީ މަހުން ފެށިގެން މާޗް މަހާއި ހަމައަށް މިއަދަދު ދިޔައީ މަހުން މަހަށް އިތުރުވަމުން" ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވިއެވެ.
މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ދިވެހިރާއްޖެއަށް ވަނީ، 482،978 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.
އެގޮތުން ޖެނުއަރީ މަހު 151،552 ފަތުރުވެރިން ރާއްޖެ ޒިޔާރާތްކުރިއިރު މިއީ 2018 ވަނަ އަހަރާއި އަޅާބަލާއިރު %6.5 ކުރިއެރުމެކެވެ.
ފެބްރުއަރީ މަހު ރާއްޖެ ޒިޔާރާތްކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރާއި އަޅާބަލާއިރު ވަނީ 16.8 އިންސައްތައަށް އިތުރުވެފައެވެ. ފެބުރުއަރީމަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އުޅެނީ، 168،583 ގައެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު ފަތުރުވެރިން އެންމެ ގިނައިން ޒިޔާރާތްކޮށްފައިވަނީ މާޗް މަހުގައެވެ. އެއީ 162،843 ފަތުރުވެރިންނެވެ. މިއީ މިދިޔަ އަހަރުގެ މާޗްމަހު ރާއްޖެ ޒިޔާރާތްކުރި ފަތުރުވެރިންނާއި އަލާބަލާއިރު %22 އިތުރު އަދަދެކެވެ.
މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ޤައުމުތަކަކީ، ޗައިނާ، އިޓަލީވިލާތް، ޖަރުމަނުވިލާތް، އިނގިރޭސިވިލާތް އަދި އިންޑިއާއިންނެވެ.
މި މުއްދަތުގެ ތެރޭގައި ޗައިނާއިން، 76،568 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އިޓަލީވިލާތުން ވަނީ 52،848 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. ޖަރުމަނުވިލާތުން 37،279 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އިނގިރޭސިވިލާތުން ވަނީ 36،116 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. އަދި މި މުއްދަތުގެ ތެރޭގައި އަވައްޓެރި އިންޑިއާއިން ވަނީ 36،053 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ސަރުކާރުން މިއަހަރަށް އަމާޒުހިފާފައިވާ 1.5 މިލިއަން ޓޫރިސްޓުން ގެނައުމުގެ އަމާޒަށް ވާސިލްވެވޭނެކަމުގެ ޔަޤީންކަން މިހާރު ލިބިފައިވާކަމަށެވެ.