ވިޔަފާރި

އިންޑިއާ އެކްސްޕޯ މޯލްޑިވްސް އޮގަސްޓް މަހު ބާއްވަނީ


ރާއްޖެއާއި އިންޑިއާގެ އިޤްތިޞާދީ ގުޅުން ވަރުގަދަ ކުރުމުގެ ގޮތުން އިންޑިއާ އެކްސްޕޯ މޯލްޑިވްސް އޮގަސްޓް މަހު ބާއްވަން ނިންމައިފިއެވެ.

މި އެކްސްޕޯ ވެގެންދާނީ ރާއްޖެއާއި އިންޑިއާގެ އިޤްތިޞާދީގުޅުން އިތުރަށް ވަރުގަދަ ކުރުމަށް ބާއްވާ ފުރަތަމަ އެކްސްޕޯއަށެވެ. މި އެކްސްޕޯ އޮންނާނީ އަންނަ އޮގަސްޓް މަހުގެ 6އިން 8އަށް ދަރުބާރުގޭގައެވެ. މި އެކްސްޕޯގެ ތެރެއިން އިންޑިއާގެ ވިޔަފާރިތަކަށް އެމީހުންގެ އުފެއްދުންތަކާއި ޙިދުމަތްތައް ރާއްޖޭގެ ކުންފުނިތަކަށް ދައްކާލައި މާކެޓް ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މިއީ ރާއްޖެއާއި އަވަށްޓެރި އިންޑިއާއާއި އޮންނަ ވިޔަފާރީގެ ގުޅުން މިހާރަށްވުރެ ފުޅާކޮށް ދެޤައުމުގެ އުފެއްދުންތައް ޙިއްސާކުރުމަށް ހުޅުވިގެންދާނެ މަގެކެވެ.

އިންޑިއާ އެކްސްޕޯ މޯލްޑިވްސް މިއަހަރުގެ އޮގަސްޓްމަހުގެ ތެރޭގައި ބޭއްވުމަށް ނިންމާފައިވާއިރު، މި އެކްސްޕޯގެ ބްރޭންޑް ލޯންޗްކުރުމަށް އިންޑިއާގެ ނިއުދިއްލީގައި ވަނީ ޙާއްސަ ހަފްލާއެއް ބާއްވާފައެވެ. މި ހަފްލާގައި ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު ފިރުޒުލް ޙުސައިން ފިރާޒް އާއި ރާއްޖެއިން އިންޑިއާއަށް ކަނޑައަޅުވާފައިހުންނަވާ ސަފީރު އައިޝަތު މުޙައްމަދުގެ އިތުރުން އެކްސްޕޯ އިންތިޒާމްކުރާ އެސްއެމްއީ އެންޑް އެންޓަޕްރިނިއަރ ފެޑަރޭޝަން އޮފް މޯލްޑިވްސް (އެސް.އީ.އެފް.އެމް) ގެ ރައީސް އަބްދުލް ލަތީފް ބައިވެރިވެވަޑައިގަތެވެ.

މި ހަފްލާގައި ވާހަކަދައްކަވަމުން ރާއްޖެއިން އިންޑިއާއަށް ކަނޑައަޅުވާފައި ހުންނަވާ ސަފީރު އައިޝަތު މުޙައްމަދު ވަނީ ރާއްޖޭގެ އިޤްތިޞާދީ ހާލަތަށް އަލިއަޅުވާލައްވައި ވާހަކަދައްކަވާފައެވެ. އަދި މި އެކްސްޕޯގައި އިންޑިއާގެ ވީހާވެސް ގިނަ ކުންފުނިތަކުން ބައިވެރިވެ ފުރުސަތުގެ ބޭނުން ހެޔޮގުތުގައި ހިފުމަށް ވަނީ ގޮވާލައްވާފައެވެ.