ވިޔަފާރި

ތ. ހިރިލަންދޫ ހުޅަނގު ދެކުނުން 28 މޭލު ބޭރުގައި ކަނދުފައްޗެއް އަޅައިފި


ތ. ހިރިލަންދޫ ހުޅަނގު ދެކުނުން 28 މޭލު ބޭރުގައި ކަނދުފައްޗެއް އަޅައިފިއެވެ.

މިއީ ސަރުކާރުން އެޅި 56 ވަނަ ކަނދުފައްޗެވެ. މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ބުނީ، މިއީ ދިވެހިރާއްޖޭގައި ދޮށީގެ މަސްވެރިކަމަށް ޤާއިމްކޮށްފައިވާ ކަނދުފަތީގެ ވިއުގަޔަށް ކަނދުފައްޗެއް އިތުރުކޮށް އަޖުމަބެލުމަށްޓަކައި ބޭރުކަނޑުގައި އެޅި ކަނދުފައްޗެއްކަމަށެވެ.

އެއްވެސް ކަނދުފައްޗަކާއި 3 މޭލު ކައިރީގައި ދިރޭ އެންޖަހައި އަޑިއަށް ފެއްތުމާއި، މިޔަރު ނެގުމާއި، ލޭނު އެޅުމާއި، އެމުގެ ގޮތުގައި ތާވަޅަ ބޭނުންކުރުމަކީ މަނާކަމެކެވެ. އަދި ކަނދުފަތީގެ ބޮލަށް ވައު އައްސައި އޭގައި ދޯނިފަހަރު އަޅައިގެން ތިބުންފަދަ، އޮއިވާލި ކަނދުފަތީގެ މަސްވެރިކަމަށް ގެއްލުންވާ އެއްވެސް ޢަމަލެއް ކުރުމަކީ މަނާކަމެއްކަމަށެވެ.

އޮއިވާލި ކަނދުފަތިތައް ކައިރިން ދޮށީގެ މަސްވެރިކަން ކުރާ ފަރާތްތަކުން ބާނާ މަހުގެ ތަފާސްހިސާބު ޤަވާއިދުން މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއަށް ފޮނުވަންޖެހެއެވެ.

މަސްވެރިކަމުގެ ލާބަޔާއި މަންފާއަށް އެންމެ ފުރަތަމަ ސަރުކާރުން އޮއިވާލި ކަނދުފަތި ހަރުކުރީ 1980 ވަނަ އަހަރުގެ އޮކްޓޫބަރ މަހުގެ ހަތާވީސް ވަނަދުވަހުއެވެ. މީގެސަބަބުން މަސްވެރިކަމަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބުނެވެ. މަސްވެރިކަމަށް ކޮންމެ ދުވަހަކު ކުރަންޖެހޭ ހޭދަ ކުޑަވެގެންދިޔައެވެ.

ރާއްޖޭގައި އެންމެފުރަތަމަ ހަރުކުރި ދިހަ ކަނދުފަތި ހަރުކޮށްފައިވަނީ ދުނިޔޭގެ ކާބޯތަކެއްޗާއި ދަނޑުވެރިކަމާބެހޭ ޖަމްޢިއްޔާ އެފްއޭއޯގެ އެހީގައެވެ. އޭގެފަހުން ހަރުކުރި ދިހަ ކަނދުފަތި ހަރުކުރީ ޔޫއެންޑީޕީގެ އެހީގައެވެ. އޭގެފަހުން މި މަޝްރޫޢު ކުރިއަށްގެންދިޔައީ ދަޢުލަތުގެ ބަޖެޓުން ޚަރަދުކޮށްގެންނެވެ.

ރާއްޖޭގައި ކަނދުފަތި ހަރުކުރަނީ އަތޮޅު ދުނިންފެށިގެން ބާރަ މޭލާއި ވިހި މޭލާ ދެމެދުގައި އަތޮޅުގެ ނިވައި ނުޖެހޭވަރަށް މާކަނޑުގައެވެ. ކަނދުފަތި ހަރުކުރަނީ އެސަރަހައްދު ކަނޑުގެ އަޑީގެ ވެލިގަނޑުގެ އެއްވަރުމިނަށް ބެލުމަށްފަހުއެވެ. ކަނދުފަތި އަޅާ ސަރަހައްދުގެ ކަނޑުގެ ފުންމިނުގައި 2000 މީޓަރާއި 3000 މީޓަރ ދެމެދުގައެވެ.