ތަރައްްޤީ

ހުޅުމާލޭ 2 ވަނަ ފިޔަވަހީގެ ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢު އިފްތިތާޙުކޮށްފި


ހުޅުމާލޭ 2 ވަނަ ފިޔަވައްސަށް ބޭނުންވާ ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އިފްތިތާޙުކޮށްދެއްވައިފިއެވެ.

މިއަދު ހެނދުނު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް އިފްތިތާޙު ކޮށްދެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވީ، މިއީ ރާއްޖޭގައި ހިންގޭ މިފަދަ އެންމެ ބޮޑު މަޝްރޫޢުކަމަށެވެ. ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ގާތްގަނޑަކަށް ސައްބީސް ހާހަށްވުރެ ގިނަ ގޭބިސީ ހަދާނެކަމަށާ، އަންނަ އަހަރުގެ ފަހުކޮޅު އެތަނުގައި މީހުން އާބާދުވާން ފަށަންވާއިރަށް މި މަޝްރޫޢުގެ މަސައްކަތް މުޅިން ނިންމައިލެވޭނެކަމަށް ރައީސް ޞާލިޙު ވިދާޅުވިއެވެ. އަދި މުޅި މި މަޝްރޫޢުވެސް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ދަޢުލަތުގެ ބަޖެޓަށް ބުރަބޮޑު ނުވާނެހެންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި މަޝްރޫޢަށް ބޭނުންވާ ސާމާނު ޖަޕާންގެ ހިޓާޗީ ކެޕިޓަލް ކުންފުނިން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާއިރު، މަޝްރޫޢުގެ އެހެނިހެން ހުރިހާ ޚަރަދެއް ކުރުމަށް ހަމަޖެހިފައިވަނީ ދަޢުލަތުގެ ފެން ކުންފުނި އެމް.ޑަބްލިއު.އެސް.ސީން ކަމަށް ރައީސް ޞާލިޙު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެމް.ޑަބްލިއު.އެސް.ސީގެ މެނޭޖިންގ ޑިރެކްޓަރ އާދަމް އާޒިމް ވިދާޅުވީ، މިމަޝްރޫޢަށް އެންމެ ފުރަތަމަ ޚަރަދުކުރުމަށް ނިންމާފައިވަނީ 42 މިލިއަން ޑޮލަރު ކަމަށެވެ. ނަމަވެސް އެކިގޮތްގޮތުން ކުރެވުނު މަސައްކަތްތަކުގެ ނަތީޖާއެއްގެގޮތުން މުޅި މަޝްރޫޢުގެ ޖުމްލަ އަގު 15 މިލިއަން ޑޮލަރަށް ތިރިކޮށް، 27 މިލިއަން ޑޮލަރު ސަލާމަތްކޮށްދީފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. އާޒިމް ވިދާޅުވީ، މި މަޝްރޫޢު މުޅިން ނިމޭއިރު އެއްލައްކަ ފަސްދޮޅަސް ހާސް މީހުންގެ އާބާދީއަކަށް ބޭނުންވާ ފެނާއި ނަރުދަމާގެ ކަންކަން ކަށަވަރުވެގެންދާނެކަމަށެވެ.

ހުޅުމާލޭ 2 ވަނަ ފިޔަވަހީގައި ހިންގާ މި މަޝްރޫއުގެ ދަށުން 41.35 ކިލޯމީޓަރުގެ ނަރުދަމާ ނިޒާމުގެ ހޮޅި ވަޅުލުމާއި، 12 ޕީ.އެސް އަދި 1 ސްވަރޭޖް މެއިން ޕަމްޕް ސްޓޭޝަން ބަހައްޓައި، އައުޓްވޯލް ސިސްޓަމެއް ގާއިމުކުރެވިގެންދާނެއެވެ. އަދި 54.87 ކިލޯމީޓަރުގެ ފެން ހޮޅި ވަޅުލެވެގެންދާނެކަމަށް އެމް.ޑަބްލިއު.އެސް.ސީން މަޢުލޫމާތުދެއްވައެވެ.

ހުޅުމާލޭ ދެވަނަ ފިޔަވައްސަކީ މިވަގުތު ރާއްޖޭގައި ތަރައްޤީގެ އެންމެ ގިނަ މަޝްރޫޢުތައް އެއްތަނެއްގައި ހިނގަމުންދާ އެ ސަރަޙައްދެވެ. އެގޮތުން ހުޅުމާލޭ ދެވަނަ ފިޔަވައްސަށް ބޭނުންވާ މަގުތައް ހެދުމުގެ މަސައްކަތް ނިންމައި އެސަރަޙައްދު ފެހިކުރުމުގެ މަސައްކަތް އެޗް.ޑީ.ސީން މިހާރު އަންނަނީ ކުރަމުންނެވެ. އަދި 7000 ހައުސިންގ ޔުނިޓް ޢިމާރާތްކުރުމުގެ މަސައްކަތްވެސް ބާރުދުވެލީގައި ކުރިއަށްދާކަން ފާހަގަކޮށްލެވެއެވެ. ރާއްޖޭގެ އާބާދީގެ ކުޑަބޮޑު މިނެއް ބެލުމެއްނެތި ފެނާއި ނަރުދަމާފަދަ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވަޢުދުފުޅެކެވެ.