މާލެއާއި ހުޅުލެ ގުޅުވައިދޭ ބްރިޖުގެ ޑިޒައިންގެ
މަސައްކަތްތައް ނިމި ޖޫންމަހުގެ މެދެއްހާ ތަނުގައި ޑިޒައިން ފައިނަލްކޮށް، އެޕްރޫވް ކުރެވޭވަރުވާނެކަމަށް ހައުސިންގ މިނިސްޓަރ ވިދާޅުވެއްޖެއެވެ.
ހުޅުލެއާ
މާލެ ގުޅިވައިދޭ ބްރަޖަކީ ސަރުކާރުން މިހާރު އެންމެ އިސްކަމެއް ދީގެން
ކުރިޔަށްގެންދާ މަޝްރޫޢުއެކެވެ. ބްރިޖްގެ ޕްރޮޖެކްޓާބެހޭގޮތުން މީޑިއާއަށް
މައުލޫމާތުދެއްވަމުން ހައުސިންގ މިނިސްޓަރ ޑރ މުހައްމަދު މުޢިއްޒު ވިދާޅުވީ މިހާރު
ކުރިޔަށްދަނީ ބްރިޖްގެ އަމަލީ މަސައްކަތްތައް ފެށުމަށް ކުރަންޖެހޭ ސާވޭގެ
މަސައްކަތްތައްކަމަށެވެ. ސާވޭގެ މަސައްކަތުގެ ތެރޭގައި ބްރިޖްއަޅާ ސަރަހައްދުގެ
ކަނޑުގެ އޮއިވަރުބެލުމާއި، މިނޫންވެސް ވަރަށް ގިނަ ޓެކްނިކަލް މައުލޫމާތު
އެއްކުރުމުގެ މަސައްކަތް މިހާރުވެސް ކުރިޔަށްދާކަމަށް މިނިސްޓަރ މުޢިއްޒު ވިދާޅުވިއެވެ.
މިނިސްޓަރ
ވިދާޅުވީ ޓެކްނިކަލް ސާވޭގެ
މަސައްކަތްތައް ކުރިޔަށްއޮތް ދެމަހާ ބައިހާ ދުވަސްވަންދެން ކުރިޔަށްދާނެކަމަށާ
މިދުވަސްތަކުގެ ތެރޭގައި ކަމާބެހޭ ޗައިނާގެ ފަންސާހެއްހާ ފަންނީ ބޭފުޅުން
ރާއްޖޭއައިސް މަސައްކަތްކުރައްވާނެކަމަށެވެ.
ބްރިޖްގެ ޑިޒައިން އެޕްރޫވްކުރުމަށްފަހު ޕްރޮޖެކްޓްގެ ފައިސާގެ ކަންކަން ހަމަޖެހި
ޖުލައިމަހުގެ ތެރޭގައި ބްރިޖްގެ މަސައްކަތްކުރާނެ ފަރާތެއް ހޯދުމަށް ބިޑަށް
ހުޅުވާލެވޭވަރުވާނެކަމަށް ހައުސިން އެންޑް އިންފްރާސްޓްރަކްޝަރ މިނިސްޓަރ ވިދާޅުވިއެވެ.
މާލެއާ
ހުޅުލެގުޅުވާލާ ބްރިޖް އެޅުމަށް ހަމަޖެހިފައިވަނީ ބޮޑުތަކުރުފާނުމަގު
އަމީނީމަގުކޮޅާ ދިމާއިން އިބްރާހިމް ނާޞިރު އިންޓަރނޭޝަނަލް އެއާރޕޯޓްގެ މިހާރ
ބޭނުންކުރާ ރަންވޭއާ ދިމާއަށްވާގޮތަށެވެ. ބްރިޖްގެ އަމަލީމަސައްކަތް މިއަހަރުގެ
ޑިސެންބަރުމަސްތެރޭގައި ފެށޭވަރުވާނެކަމަށާ އަދި މަސައްކަތް ފަށާތާ ދެއަހަރެއްހާ
ދުވަހުގެ ތެރޭގައި ބްރިޖްގެ މަސައްކަތް މުޅިންނިމި ހުޅުވޭވަރުވާނެކަމަށް ހައުސިންގ
މިނިސްޓްރީން ލަފާކުރެއެވެ.