އައްޑޫ ސިޓީއަށް ދިމާފައިވާ ކަރަންޓުގެ މައްސަލަ ޙައްލު ކުރެވުމަށް މަސައްކަތް ކުރަމުންދާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.
އައްޑޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައާ ގުޅޭގޮތުން ފެނަކައިން ބުނީ އައްޑޫ ސިޓީއަށް ދިމާފައިވާ ކަރަންޓުގެ މައްސަލަ ޙައްލު ކުރެވެން އޮތީ ޖެންސެޓް ސަޕްލައިކޮށްދިން ފަރާތުގެ އެހީތެރިކަން ލިބިގެން ކަމަށެވެ. އަދި ޖެންސެޓު ސަޕްލައިކޮށްދިން ފަރާތް ގެނައުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.
އައްޑޫސިޓީގައި ދެމުންދާ ކަރަންޓް ޚިދުމަތަށް ދިމާވި މައްސަލައާއި ގުޅިގެން ވަގުތީ ޙައްލެއް ހޯދައިދިނުގެގޮތުން 1.2 މެގަވޯޓް އަދި 800 ކިލޯވޯޓް ގެ 2 ޖެންސެޓާއި، 2000 ކިލޯވޯޓް އަދި 1500 ކިލޯވޯޓްގެ 2 ޓްރާންސްފޯމަރ ފޮނުވުމުގެ މަސައްކަތް ފެނަކައިން މިހާރު ދަނީ ކުރަމުންނެވެ. އަދި އައްޑޫސިޓީގެ ކަރަންޓްގެ ޚިދުމަތަށް ދިމާވެފައިވާ މައްސަލައަށް އޮތް ދާއިމީ ޙައްލަކީ އައްޑޫގައި ކަރަންޓް ޚިދުމަތް ލިބިގަންނަ މިންވަރު އިތުރުވަމުންދާ ހަލުއި މިނާއިއެކު، އެޚިދުމަތް ދެވޭނެ ޤާބިލުކަން އިތުރުކުރުން ކަމަށްވެސް އެކުންފުނިން ބުނެއެވެ.
އެގޮތުން ކައިރި މުސްތަޤުބަލެއްގައި އައްޑޫސިޓީއަށް 4 މެގަވޯޓާއި 2 މެގަވޯޓް ގެ 2 ޖެންސެޓް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް ފެނަކަ ކޯރޕަރޭޝަނުން ބުނެއެވެ. ފެނަކައިގެ ޚިދުމަތް ދެމުންދާ ހުރިހާ ރަށެއްގައިވެސް ޚިދުމަތުގެ ފެންވަރު ރަނގަޅުކުރެވި، ޚިދުމަތަކީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ ދެމެހެއްޓެނިވި ޚިދުމަތެއްގެ ގޮތުގައި ޚިދުމަތް ފޯރުކޮށްދިނުމަކީ އެކުންފުނީގެ އަމާޒެއް ކަމަށް ފެނަކައިން ބުނެއެވެ.
އަދި ޚިދުމަތަކަށް މައްސަލައެއް ދިމާވި ނަމަވެސް އެކަމެއް ވީއެންމެ އަވަހަކަށް ޙައްލުކޮށްދީ ރައްޔިތުންނަށް ލިބިދެމުންދާ އަސާސީ ޚިދުމަތަކުން އެންމެ ހިނދުކޮޅަކަށްވެސް ހުއްޓުމެއް އަޔަނުދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމާއިއެކު ޚިދުމަތުގެ ފުރިހަމަ ޔަޤީންކަން ހޯދައިދިނުމަށް ކެނޑިނޭޅި، މަސައްކަތް ކުރާނެކަމަށްވެސް ފެނަކައިން ބުނެއެވެ.
އައްޑޫސިޓީއަށް ކަރަންޓް ޚިދުމަތް ދިނުމަށް ބޭނުންކުރަމުންދާ ޖަނަރޭޓަރ ސެޓްތަކުގެ ތެރެއިން 2 މެގަވޯޓްގެ ޖަނަރޭޓަރަކަށް، ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން މިދިޔަ ބުދަދުވަހުން ފެށިގެން ލޯޑުމަތިވަމުންދާ ވަގުތު ތަކުގައި އައްޑޫސިޓީގެ އެކި ހިސާބުތަކުން ދޭތެރެ ދޭތެރެއިން ކަރަންޓްގެ ޚިދުމަތް ދަނީ މެދުކެނޑެމުން.