ޚަބަރު

ހުރާ ކައުންސިލް ކަޕް ފައިނަލްގެ ދެވަނަ ހާފު އަންނަ މަހުގެ ތިންވަނަ ދުވަހު


ހުރާ ކައުންސިލް ކަޕުގެ ފައިނަލް މެޗުގައި ދެޓީމު އެއްވަރު ވެފައިވަނިކޮށް ދެ ވަނަ ހާފުގެ 14 ވަނަ މިނެޓުގައި ސަޓަޑޭ ސޫޕްގެ އިސްމާއީލް އީސާ ޖެހި ގޯލާއެކު އުފެދުނު ހަމަނުޖެހުމާއި ގުޅިގެން ކުރިޔަށްނުގެންދެވުނު ފައިނަލް މެޗުގެ ދެވަނަ ހާފު އޭޕްރިލް މަހުގެ ތިންވަނަ ދުވަހުގެ ރޭ ކުޅުމަށް ކ.ހުރާ ކައުންސިލުން ނިންމައިފިއެވެ.

ފައިނަލްގައި ވާދަކުރާ ދެޓީމަށް ކައުންސިލުން ފޮނުވި ސިޓީގައި ބުނެފައިވާގޮތުގައި މިމަހުގެ ނަވާރަ ވަނަ ދުވަހުގެ ރޭ ކުޅުނު ކައުންސިލް ކަޕުގެ ފައިނަލް މެޗުގައި ހިނގާދިޔަ މައްސަލަތަކާއި ގުޅިގެން މެޗު އިތުރަށް ކުރިޔަށްގެންދެވޭނެ މާހައުލެއް ނެތެމުން މެޗު މެދު ކަނޑާލަން ނިންމުމަށްފަހު، އަލުން މެޗު ކުޅެވޭނެގޮތެއް ހެދުމަށް ދެ ޓީމާއި މަޝްވަރާކުރުމަށްފަހުވެސް ދެޓީމަށް އެއްބަސްވުމަކަށް އާދެފައިނުވާކަމަށެވެ.

އެހެންކަމުން މުބާރާތް ހިންގާ ކޮމިޓީން މަޝްވަރާކޮށް، ކޮމިޓީން ނިންމާފައިވަނީ އަންނަ އޭޕްރިލް މަހުގެ ތިން ވަނަ ދުވަހުގެރޭ ފައިނަލް މެޗު ކުޅުމަށެވެ. ނަމަވެސް ފައިނަލް މެޗުގައި އަލުން ފެށުމަށް ހަމަޖެހިފައިވަނީ ކުރިން ކުޅުނު ފައިނަލް މެޗުގެ ފުރަތަމަ ހާފް ނިމުނުއިރު (އެފްސީ ސަޓަރޑޭ ސޫޕް 1 – 0 ތްރީޑީ) އޮތް ނަތީޖާއިންނެވެ. އަދި އެރޭގެ މެޗަށް ހާޒިރުނުވެވުނު ކުޅުންތެރިންނަށް މިމެޗުގައި ކުޅެވޭގޮތަށް ކޮމިޓީން ވަނީ ނިންމާފައެވެ.

މިގޮތަށް ފައިނަލް މެޗު ކުޅެން އެއްބަސްވާނަމަ ނުވަތަ ނުވާނަމަ އެކަން މިމަހުގެ 26 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން ހުރާ ކައުންސިލަށް އެންގުމަށް ފައިނަލްގައި ވާދަކުރާ ދެޓީމަށް ކައުންސިލުން ފޮނުވި ސިޓީގައި ބުނެފައިވެއެވެ.