ލ.މެންދޫއިން، އެނބޫދޫ ފިނޮޅަށް ރުއްގަސް ގެންދަނީ، އެކަމަށް ނަގަންޖެހޭ ހުއްދަތައް ނަގައިގެންކަމަށް އެންވާރަމެންޓް މިނިސްރީއިން ވިދާޅުވެއްޖެއެވެ.
އެންވާރަމެންޓް މިނިސްޓްރީން ނެރެފައިވާ ނޫސް ބަޔާނެއްގައި ވިދާޅުވެފައިވަނީ ލ.މެންދޫއިން ނެގި ރުއްތަކަކީ އެރަށުގައި މަޝްރޫޢެއެއް ހިންގުމަށް ބިން ހުސްކުރުމަށް ނެގި ރުއްގަސްތަކެއް ކަމަށެވެ. އަދި މިނިސްޓްރީގެ ހުއްދައާއިއެކު އެފަދަ ޙާލަތްތަކުގައި އެއް ރަށުން ނަގާ ގަސްގަހާގެހި އަނެއް ރަށުގައި އިންދުމަށް ގެންދުއުމަކީ މަނާކަމެއް ނޫންކަމަށްވެސް މިނިސްޓްރީއިން ވަނީ ވިދާޅުވެފައެވެ.
ފަޅުރަށެއްކަމަށްވާ ލ.މެންދޫގައި މިހާރު ކުރިއަށްގެންދާ ދަނޑުވެރިކަމުގެ ބޮޑު މަޝްރޫޢުއަކީ ފިޝަރީޒް މިނިސްޓްރީއާއި، އެންވާރަމެންޓް މިނިސްޓްރީއިން ނަގަންޖެހޭ ހުއްދަތައް ނަގައިގެން، އެންވާރަމެންޓް އިމްޕެކްޓް އެސެސްމަންޓްތައް ހަދައި، މިނިސްޓްރީއިން ކްލިއަރެންސް ދޫކޮށްފައިވާ ރަށެއްކަމަށްވެސް އެ މިނިސްޓްރީއިން ވަނީ ވިދާޅުވެފައެވެ.
އެ މަސައްކަތަށް ބޭނުންވާ ބިން ހުސްކުރުމަށް އެރަށުން އެނބޫދޫ ފަޅަށްވެސް ވަނީ ދެހާހެއްހާ ރުއް ގެންގޮސްފައެވެ.
އެންވަޔަރަމަންޓު މިނިސްޓްރީއިން ވިދާޅުވެފައިވަނީ އެގޮތަށް އެއްރަށުން އަނެއް ރަށަށް ރުއްގަސް ގެންދިއުމުގެ ހުއްދަ ދެނީ، އެރަށުގެ އެހެން ސަރަޙައްދުތަކުގައި ގަސް އިންދުމަށް ޖާގަ ނެތުމުގެ ސަބަބުން ގަސްތައް ނައްތާލުމުގެ ބަދަލުގައި، ބޭނުންޖެހިފައިވާ އެހެން ރަށްތަކުގައި ގަސްތައް އިންދުމުގެ ފުރުޞަތު ދިނުމަށްކަމަށެވެ.
މިނިސްޓްރީން ވިދާޅުވެފައިވަނީ ހަދާފައިވާ ޤަވާއިދުތަކާއި އެއްގޮތަށް އެއްރަށުން އަނެއްރަށަށް ރުއްގަސް ގެންދާނަމަ އެކަމަށް ހުރަސް ނާޅާނެކަމަށެވެ. އަދި ތިމާވެއްޓާއި ގުޅުންހުރި ކަންކަން ހަރުދަނާކުރުމަށް ޤާނޫނާއި ޤަވައިދުތަކުގެ ތެރެއިން ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ. އަދި ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްގެންދުމުގައި ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރުމަށް އަބަދުވެސް މަސައްކަތް ކުރައްވާނެކަމަށް މިނިސްޓްރީއިން ވިދާޅުވެއެވެ.