ޚަބަރު

އިންޓަރ އޮފީސް މުބާރާތް ވަރަށް ކާމިޔާބު - ހޭންޑްބޯޅަ އެސޯސިއޭޝަން


މިއަހަރުގެ އިންޓަރ އޮފީސް / ކުންފުނިތަކުގެ ހޭންޑް ބޯލް މުބާރާތަކީ ވަރަށް ކާމިޔާބު މުބާރާތެއްކަމަށް ހޭންޑްބޯލް މޯލްޑިވްސްއިން ބުނެފިއެވެ.

މިއީ މިމުބާރާތް ބައްވާތާ ހަތަރުވަނަ އަހަރު. ހޭންޑްބޯލް މޯލްޑިވްސްގެ އެކްސްކޯ މެންބަރު މުއުމިނާ އާދަމް ބުނީ ފާއިރުވެގެންދިޔަ 4 އަހަރަށް ބަލާއިރު މިއަހަރުގެ މުބާރާތް ވަރަށް ކާމިޔާބުކަމަށާއި މިއަހަރު މުބާރާތުގައި ބައިވެރިވި ޓީމްތަކުންވެސް އެކަން ވަރަށް ރަގަނޅަށް އެގިގެންދާކަމަށެވެ.

މިދިޔަ އަހަރު އިންޓަރ އޮފީސް ކުންފުނިތަކުގެ މުބާރާތުގައި ބައިވެރިވެފައިވަނީ 11 ޓީމެވެ. ނަމަވެސް އެސޯސިއޭޝަނުން ހޭންޑްބޯލް ކުރިއެރުވުމަށް ކުރެވުނު މަސައްކަތުގެ ސަބަބުން މިއަހަރު މިމުބާރާތުގައި 22 ޓީމް ބައިވެރިވެފައިވާކަމަށް މުއުމިނާ އާދަމް ބުންޏެވެ.
މިދިޔަ އަހަރު 11 އޮފީހަކުން ބައިވެރިވެފައިވާއިރު އެއް އަހަރު ދުވަހުގެ ތެރޭގައި އެއަދަދު ދެ ގުނައަށް އިތުރުވުމަކީ މިދިޔަ އިންޓަރ އޮފީސް ކުންފުނިތަކުގެ މުބާރާތް ކާމިޔާބުކުކަމާއެކު ނިންމާލުމުގެ އެއް އަސްލުކަމަށްވެސް މުއުމިނާ ބުންޏެވެ. އޮފީސް އަދި ކުންފުނިތަކުގައި ހޭންޑްބޯލް ކުރިއަރައިގެން ގޮސްފައިވާ މިންވަރު މިއަހަރުގެ މުބާރާތުގެ އެންމެ މޮޅު ހަތް ކުޅުންތެރިންނަށް ބަލާލިއަސް އެގޭކަމަށާއި ފިރިހެނުންނަށް ވުރެއް ބޮޑަށް އަންހެނުންގެ މެދުގައި ހޭންޑްބޯލްގެ މަގުބޫލްކަން އިތުރުވެފައިވާކަމަށްވެސް މުއުމިނާ އާދަމް ބުންޏެވެ.

ހޭންޑްބޯލް މޯލްޑިވްސްގެ އެކްސްކޯ މެންބަރު މުއުމިނާ އާދަމް ބުނީ މިއަހަރު އެންމެ މޮޅު ހަތް ކުޅުންތެރިންގެ ތެރޭގައި ގައުމީ ޓީމްގެ ކުޅުންތެރިންނަށް ވުރެއް ގިނައިން ގައުމީ ޓީމްއިން ބޭރުގެ ކުޅުންތެރިން ހިމެނުމަކީވެސް ރާއްޖޭގައި އަދި އޮފީސް ތަކުގެ މެދުގައިވެސް ހޭންޑްބޯލް ކުރިއަރާފައިވާ މިންވަރު ދައްކުވައިދޭކަމެއްކަމަށެވެ.

"މުބާރާތް ވަރަށް ކާމިޔާބު. އޮފީސްތަކުގެ މެދުގައި އަދި ކުންފުނިތަކުގެ މެދުގައިވެސް މިހާރު ހޭންޑް ބޯލް ވަރަށް ކާމިޔާބު. މިއީ ރާއްޖޭގައި ހޭންޑް ބޯލް ކުރިއެރުވުމަށް ކުރާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް. މިފަހަރުގެ މުބާރާތުގައި އެންމެ ބޮޑަށް ފާހަގަވެގެން ގޮސްފައިވަނީ ތަފާތު މޮޅެތި ކުޅުންތެރިންތަކެއް ފާހަގަވެގެންދިޔަތަން. ގައުމީ ޓީމްއަށް އަރާވަރުގެ ކުޅުންތެރިންތަކެއްވަނީ ފެނިފަ. އޮފީސް އަދި ކުންފުނިތަކުގައި ވަރަށް މޮޅެތި ކުޅުންތެރިން އެބަތިބި." މުއުމިނާ އާދަމް ބުންޏެވެ.