"ގްލޯބަލް މަނީ ވީކް" އާއި ގުޅުވައިގެން ފައިސާ އާއި މެދު ކުޑަކުދިން ދެކޭ ގޮތް އަންގައިދޭ ކުރު ވީޑިއޯ ހެދުމުގެ މުބާރާތެއް މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ފަށައިފި އެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގުރާމްގައި ވާހަކަދައްކަވަމުން އެމްއެމްއޭގެ ޑެޕިއުޓީ މެނޭޖަރ މުހައްމަދު ނާސިޙް ވިދާޅުވީ، މީގެ ބޭނުމަކީ ފައިސާ އާއި މާލީ ކަންކަމާ ގުޅޭ ގޮތުން ކުޑަކުދިން ތުއްތު އިރުއްސުރެ ވިސްނައި ފިކުރުހިންގުމަށް މަގުފަހިކޮށް މި ފަދަ މައުޟޫތަކަށް ބެލެނިވެރިންނަށް ކުދިންނާ އެކު ވާހަކަ ދެކެވޭނެ ފުރުސަތު ފަހިކޮށްދިނުންކަމަށެވެ.
މުބާރާތުގައި 12 އަހަރުން ދަށުގެ ކޮންމެ ކުއްޖަކަށްވެސް ބައިވެރިވެވޭއިރު ވީޑިއޯގެ ޒަރިއްޔާއިން ފޮނުވަންޖެހެނީ 2 ސުވާލަކަށް އެ ކުދިންދޭ ޖަވާބުކަމަށް ނާސީޙް ވިދާޅުވިއެވެ. އެއީ އެކުދިން ފައިސާ ބޭނުންވަނީ ކީތްވެގެންކަމާއި، އެކުދިން ފައިސާ ރައްކާކުރާ ގޮތެވެ.
މުބާރާތައް ނަގާ ވީޑިއޯތައް އެމްއެމްއޭއަށް ފޮނުވަންޖެހެނީ ޓެލެގްރާމް މެދުވެރިކޮށެވެ. އަދި ވީޑިއޯ ފޮނުވާއިރު ކުއްޖާގެ ނަމާއި އުމުރު ޖަހަންޖެހޭނެއެވެ. ވީޑިއޯ ފޮނުވުމުގެ އެއްމެ ފަހު ތާރީޚަކީ މިމަހު 24 އެވެ.
މި ހަރަކާތުގައި ބައިވެރިވުމަށް ފޮނުވާ ވީޑިއޯތައް 'ގްލޯބަލް މަނީ ވީކް 2019 މޯލްޑިވްސް' ފޭސްބުކް ޕޭޖްގައި ހިއްސާކުރާނެކަމަށް އެމްއެމްއޭއިން ބުނެއެވެ. އަދި ފޮނުއްވާ ވީޑިއޯތަކުގެ ތެރެއިން ގުރުއަތުން ހޮވޭ 10 ކުއްޖަކަށް 1000 ރުފިޔާގެ ގިފްޓް ކާޑެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ގްލޯބަލް މަނީ ވީކަކީ ޗިލްޑްރަން އެންޑް ޔޫތު ފައިނޭންސް އިންޓަނޭޝަނަލުން އިސްނަގައިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަރަށް ފުޅާދާއިރާއެއްގައި ފާހަގަކުރާ ބައިނަލްއަގުވާމީ ހަރަކާތެކެވެ. މި ހަރަކާތުގައި ކުޑަކުދިންނާއި ޒުވާނުންނަށް މާލީ ގޮތުން ގުޅުންހުރި އެކިއެކި ކަންކަމަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމުތައް ހިންގައެވެ.