ސިޔާސީ

ރައުޝަން ޖިއާން މަރުވި މައްސަލާގައި ތިންމީހަކު ކުށައް އިޢުތިރާފްވެއްޖެ


މާލޭގައި ހަދަމުން ދިޔަ އިމާރާތަކުން ސިމެންތި ބަސްތާއެއް ވެއްޓި ލިބުނު އަނިޔާތަކަށް ފަރުވާދެމުންދަނިކޮށް މަރުވި ރައުޝަން ޖިއާންގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާ އުފުލި ތިން މީހަކު ދައުވާއަށް އިޢުތިރާފްވެއްޖެއެވެ.

މި މައްސަލައިގާ ދައުލަތުން ކްރިމިނަލް ކޯޓުގައި ވަނީ ހަ މީހެއްގެ މައްޗަށް ދައުވާ އުފުލާފައެވެ. އޭގެ ތެރެއިން އެ މަރުގެ މައްސަލާގައި އިޢުތިރާފްވެފައިވަނީ އިންޑިއާގެ ތިން މީހެކެވެ. ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ ޝަރީޢަތުގައި ހިންދީ ބަހުން ވާހަކަ ދައްކަމުންވެސް އެމީހުން ވަނީ ރައުޝަން ޖިއާން މަރުވެފައިވަނީ އެ މީހުންގެ އިޙްމާލުންކަމަށް ބުނެފައެވެ. ނަމަވެސް އެ ނުވަ އަހަރުގެ ކުއްޖާ މަރުވި ހާދިސާ ހިނގީ އެ ސައިޓުގައި މަސައްކަތްކުރިއިރު އެމީހުންގެ އިޙްމާލު ބޮޑުވުމުންކަމަށާއި، ނަމަވެސް އެކުއްޖާ މަރުވި ހާދިސާއަކީ އެމީހުން ގަސްތުގައި ކުރި ކަމެއް ނޫންކަމަށް އެމީހުން ވަނީ ޝަރީއަތުގައި ބުނެފައެވެ.

ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ ޢުމުރުން 9 އަހަރުގެ ރައުޝާން ޖިއާން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު މަރުވެފައި ވަނީ ޑަބްލިއު ކޮންސްޓްރަކްޝަންސް ކުންފުނިން މާލޭގައި ޢިމާރާތް ކުރަމުންދިޔަ މ.ނަލަހިޔާ މަންޒިލްގެ ފަސްވަނަ ބުރިން ސިމެންތި ބަސްތާއެއް ވެއްޓި އެކުއްޖާގެ ބޮލުގައިޖެހި ލިބުނު ޒަޚަމްތަކަށް އައިޖީއެމްއެޗުގައި ފަރުވާދެމުންދަނިކޮށެވެ.

މި މައްސަލައިގާ ދައުލަތުން ކްރިމިނަލް ކޯޓުގައި ވަނީ ހަ މީހެއްގެ މައްޗަށް ދައުވާ އުފުލާފައެވެ. އޭގެ ތެރޭގައި ހިމެނެނީ އިންޑިއާގެ ހަތަރު ރައްޔިތަކާއި ދެ ދިވެހިންނެވެ. މި މައްސަލަ ސާބިތުވެއްޖެނަމަ މި މީހުންގެ މައްޗަށް ހަ އަހަރުގެ ޖަލުހުކުމެއް އަންނާނެއެވެ. އަދި އެ ކުށަށް އިޢުތިރާފްވެއްޖެނަމަ ހުކުމުގެ މުއްދަތު ހަތަރު އަހަރަށް ލުއިވާނެއެވެ.

މި މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވާ ދެ ދިވެހިންނަކީ މާލެ ދަފްތަރު 8424 މޫސާ ހަސަނާއި ދަފްތަރު ނަމްބަރު 7198 އާދަމް ޝަފީގެވެ. މި ދެމީހުންގެ ތެރެއިން މޫސާ ހަސަން އަކީ ޑަބްލިޔު ކޮންސްޓަރކްޝަންގެ ކޮމްޕެނީގެ ސީނިއަރ ސައިޓް ސްޕަވައިޒަރެވެ. އަދި އާދަމް ޝަފީޤަކީ އެ ކޮމްޕެނީ މެނޭޖިން ޑިރެކްޓަރެވެ. މި ދެ މީހުންގެ މައްޗަށް ކުރަނީ މީހަކު މަރުވެދިއުމުގެ އިހުމާލުގެ އަމަލެއް ކުރުމުގެ ދަޢުވާއެވެ. މި ކުށުގެ އަދަބަކީ 1 އަހަރާއި 7 މަހާއި 6 ދުވަހުގެ ޖަލު ހުކުމެކެވެ.

ޖިއާން މަރުވި ހާދިސާއަށްފަހު ސަރުކާރުން ވަނީ އިމާރާތް ކުރުމުގެ ދާއިރާގެ ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަ ކުރުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އަދި ޖިއާން މަރުގެ މައްސަލާގައި ޑަބްލިއު ކޮންސްޓްރަކްޝަން ކުންފުނި ވަނީ ފަސްލައްކަ ރުފިޔާއިން ޖޫރިމަނާވެސްކޮށްފައެވެ.